އައްޑޫގެ ތިން ރަށަކުން ގޯތި ދޫކުރުމުގެ ފުރުސަތު ރޭގަނޑުގެ ދަންވަރުގެ ވަގުތު ހުޅުވާލުމާ ގުޅިގެން އެ މައްސަލައިގައި ބައެއް ބޭފުޅުން ވާހަކަ ދައްކަވަނީ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ކަމަށް ވިދާޅުވެ އެމްޑީޕީއަށް ނިސްބަތްވާ އައްޑޫގެ މޭޔަރު އަލީ ނިޒާރު އެމްޑީޕީގެ ރައީސް -- މުހައްމަދު ނަޝީދަށް ރައްދުދެއްވައިފި އެވެ.
މޭޔަރު ނިޒާރު މިހެން ވިދާޅުވެފައި މިވަނީ އައްޑޫ ސިޓީގެ ތިން ރަށަކުން ދޫކުރުމަށް ހަމަޖެހިފައިވާ 500 ގޯއްޗަށް ކުރިމަތިލުމަށް ކައުންސިލުން އިއުލާނު ކުރި ވަގުތުގެ މައްސަލަ ފާހަގަކޮށް ރައީސް ނަޝީދު އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވަނިކޮށެވެ.
ސަރުކާރާއި އައްޑޫ ސިޓީ ކައުންސިލަށް ފާޑު ވިދާޅުވަމުން ރައީސް ނަޝީދު ވަނީ ދަންވަރު ކުރަން ޖެހެނީ ވަކި ކަމެއް ކަމަށާއި އޮފީސް ހުޅުވައިގެން ގޯތި ދޫކުރުން އެކަމުގައި ނުހިމެނޭ ކަމަށް ވިދާޅުވެފަ އެވެ.
އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން އައްޑޫގެ މޭޔަރު ނިޒާރު ވިދާޅުވީ ގޯތި ދޫކުރަން އިއުލާނުކުރުމުގެ މަސައްކަތަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި އެކަމަށްޓަކައި އިދާރީ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ދިޔަ ކަމެވެ. މި ގޮތުން ނިޒާރު ވިދާޅުވީ އެންމެ ފަހު ތިން ދުވަހު ގޯތި ދޫކުރުމުގެ ފަހުގެ މަސައްކަތްތައް ނިންމާލުމަށް މުވައްޒަފުންނާއެކު މޭޔަރުވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށެވެ.
"އަޅުގަނޑަށްވެސް އަޅުގަނޑު ކުރަންޖެހޭ މަސައްކަތްތައް ނިންމާލެވުނީ ވަރަށް ލަހުން." މޭޔަރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ އެހާ ލަސްވަގުތެއްގައި މަސައްކަތްތައް ނިމުމުން އިތުރަށް ގޯތި ދޫކުރަން އިއުލާނުކުރުން ފަސްކުރަން ބޭނުން ނުވާތީ އެވަގުތު އިއުލާނުކުރީ ކަމަށެވެ.
އައްޑޫ ސިޓީގެ ތިން ރަށަކުން ގޯތި ދޫކުރަން އިއުލާނުކޮށްފައިވާއިރު ހުޅުދޫއާއި މީދޫއިން ދޫކުރަނީ 2،000 އަކަފޫޓުގެ 100 ގޯއްޗެވެ. ފޭދޫ އިން ދޫކުރަނީ 1،500 އަކަފޫޓުގެ 300 ގޯއްޗެވެ.
ފޭދޫއިން ދޫކުރާ 300 ގޯތީގެ ތެރެއިން 90 ޕަސެންޓް -- 270 ގޯތި ދޫކުރަނީ ފޭދޫގެ ރައްޔިތުންނަށެވެ. އަދި 30 ގޯތި ދޫކުރަނީ ފޭދޫ ފިޔަވައި އައްޑޫގެ އެހެން ރަށްތަކުގެ ރައްޔިތުންނަށެވެ.
މީދޫ އިން ދޫކުރާ 100 ގޯތީގެ ތެރެއިން 90 ގޯތި އަދި ހުޅުދޫއިން ދޫކުރާ 90 ގޯތި ދެނީ އެ ރަށްތަކުގެ ރައްޔިތުންނަށެވެ. މީދޫއިން 10 ގޯތި އަދި ހުޅުދޫއިން 10 ގޯތި ދެނީ އެހެން ރަށްތަކުގެ ރައްޔިތުންނަށެވެ.
ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ ދެވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް އެ އަވަށެއްގެ އަވަށު އޮފީހުންނެވެ.