އެންއައިސީ

ކޮމެޓީން އިސްކަން ދެނީ ޝުއައިބަށް

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރުކަމުގެ މަގާމަށް އައްުޔަން ކުރަން ޖޭއެސްސީގެ ކުރީގެ މެންބަރު ޝައިހް ޝުއައިބު އަބްދުއްރަހުމާންގެ ނަމަށް އިސްކަން ދެއްވައި މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ރިޕޯޓް ތައްޔާރުކޮށްފި އެވެ.

އެންއައިސީގެ މެންބަރުކަމަށް އައްޔަންކުރަން ހަތަރު ނަމެއް ރައީސް ވަނީ މަޖިލީހަށް ހުށައަޅާފައެވެ. އެ ހަތަރު ނަންވެސް މަޖިލީހަށް އިއްވުމަށްފަހު ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ.

އެ ކޮމެޓީން އެ ނަންތައް ދިރާސާކުރުމަށްފަހު ކޮމެޓީން ވަނީ ތިން ބޭފުޅުންގެ މައްޗަށް އެކުލެވޭ ލިސްޓެއް ތައްޔާރުކޮށްފައެވެ.

ރައީސް ފޮނުއްވެވި ނަންތައް

  • ޝައިހު ޝުއައިބު އަބްދުއްރަހުމާން، ދަފްތަރު ނަންބަރު 1188
  • ކާނަލް ރިޓަޔާޑް އަހުމަދު ޖިހާދު، ވިލިމާލެ، ދިވެތި
  • ޑރ. މަރިޔަމް ޝަހުނީޒާ ނަސީރު، ހއ. ދިއްދޫ، ތިލަދޫ
  • ހައްވާ ލީޝާ، ގ. ތުނޑިވެލި

މި ނަންތަކުގެ ތެރެއިން ރައީސް ސޯލިހްވެސް އިސްކަންދެއްވާފައިވަނީ ޝައިހު ޝުއައިބު އަބްދުއްރަހުމާންގެ ނަމަށެވެ. ކޮމެޓީންވެސް އިސްކަންދީފައިވަނީ ޝުއައިބްގެ ނަމަށެވެ.

ކޮމެޓީގެ ލިސްޓުން އުނިކޮށްފައިވަނީ ހައްވާ ލީޝާ، ގ. ތުނޑިވެލި އެވެ.

އެހެންކަމުން މަޖިލީހުގެ ތަޅުމަށް ކޮމެޓީ ރިޕޯޓް ހުށައަޅާއިރު ހިމެނޭނޭ އަނެއް ތިން ނަމެވެ. ފުރަތަމަ ވޯޓަށް އަހާނީ ޝުއައިބްގެ ނަމަށެވެ. އެ ނަން ފާސްވެއްޖެނަމަ ދެން ހުރި ނަންތަކަށް ވޯޓަކަށް ނާހާނެއެވެ.

އެންއައިސީގެ މެންބަރު ކަމަށް ފުރުސަތު ހުޅުވާލީ އެ ކޮމިޝަންގެ ރައީސް ކަމުގައި ކުރިން ހުންނެވި މެންބަރު މުހައްމަދު ފަރުހާދު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. މިއީ ކޮމިޝަންގެ މެންބަރުކަމަށް ހުޅުވާލި ދެވަނަ ފަހަރެވެ.

އެންއައިސީގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލީ، ކުރިން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ނަންތަކަށް ރުހުން ނުދީ، އިތުރަށް ފުުރުސަތު ހުޅުވާލަން ރައްޔިތުންގެ މަޖިލީހުން، ރައީސަށް ލަފާ ދެއްވުމުންނެވެ.