ޑރ. މުހައްމަދު ޖަމީލް އަހުމަދު

ހައިލަމް ސަސްޕެންޑްކުރީ ބޭނުންވި ހުކުމް ނުދީގެން: ޖަމީލް

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަހުމަދު ހައިލަމް ނެރުއްވި ބަޔާނުން ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒް ފޯރުވިކަން ސާބިތުވެއްޖެ ކަމަށް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން އެކިއެކި މަގާމުތަކުގައި ތިބި ފަރާތްތަކުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވިދާނެ ކަމަށް ހީކޮށް ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށް ވިދާޅުވެ ހައިލަމް ނެރުއްވި ބަޔާނާއި ގުޅޭގޮތުންނެވެ.

ޖަމީލް ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ބަޔާނުން ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒް ފޯރުވިކަން ސާބިތުވެފައިވާ ކަމަށާ ގާޒީ ސަސްޕެންޑްކުރީ ބޭނުންވީ ގޮތަށް ހުކުން ނުދީގެން ކަމަށެވެ. އަދި ޖުޑިޝަރީ އިސްލާހުކުރަން އައި ފަރާތްތަކުން ހިފާފައި މިވަނީ އެތަން ތަގައްޔަރުކުރުމަށް ކަމަށް ވިދާޅުވެ ޖޭއެސްސީގައި މިހާރު ތިއްބެވި މެންބަރުންނަށް ޖަމީލް ވަނީ ފާޑު ވިދާޅުވެފައެވެ.

މީގެ އިތުރުން ޖަމީލް ވިދާޅުވީ ޖޭއެސްސީ އަދި ގާނޫނުއަސާސީއާ ޚިލާފަށް ފަނޑިޔާރުންގެ ވާޖިބަށް ހުރަސް އަޅަން މަސައްކަތްކުރި ބައެއްގެ މައްޗަށް ފުލުހުން ތަހުގީގުވެސް ހިންގަން ޖެހޭނެ ކަމަށެވެ. މިއީ ކޮމިޝަނުން ބަލަންޖެހޭ މައްސަލައެއް ކަމަށާ އެ މައްސަލަ މިއަދު ނުބެލުނަސް މާދަމާ މި ކަންކަން ބެލޭނެ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ބަޔާނުން ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒް ފޯރުވިކަން ސާބިތުވެއްޖެ. ގާޒީ ސަސްޕެންޑްކުރީ ބޭނުންވީ ގޮތަށް ހުކުން ނުދީގެން، ސުލޫކީ މައްސަލައެއްގައެއް ނޫން. ޖުޑިޝަރީ އިސްލާހުކުރަން އައި ފަރާތްތަކުން ހިފާފައި މިވަނީ އެތަން ތަގައްޔަރުކުރަން
ޑރ. މުހައްމަދު ޖަމީލް އަހްމަދު | ކުރީގެ ނާއިބް ރައީސް

ހައިލަމް ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން އެކިއެކި މަގާމުތަކުގައި ތިބި ފަރާތްތަކުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވިދާނެ ކަމަށް ހީކޮށް ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ސަރުކާރުގެ އިސް ބޭފުޅުން އެންމެ ބޮޑަށް ކުރެއްވީ މި މަހުގެ ތިންވަނަ ދުވަހާއި ހަތަރު ވަނަ ދުވަހު ކަމަށެވެ. ހުކުމް އިއްވުމުގެ އަޑުއެހުން އޮތީ ފަސް ވަނަ ދުވަހަށެވެ.

"ސަރުކާރުގެ ވަރަށް އިސް މަގާމުތަކުގައި ތިބި ފަރާތްތަކުން އަޅުގަނޑަށް ސީދާ ގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންންނާއި އަޅުގަނޑު ދަންނަ މީހުން މެދުވެރިކޮށް ރައީސް ޔާމީން ޖަލަށްލުމަށް ހުކުމް ކުރާނެ ކަމުގެ ކަށަވަރުކަން ދިނުމަށް އެދުން، އަދި އެގޮތަށް ކަށަވަރުކަން ނުދެވޭނެ ކަމަށް ބުނުމުން އަލްހާންއާއެކު ހިނގި ޓްރާންސެކްޝަންގެ މައްސަލަ ޕޮލިހުގައި އެބަ އޮތްކަމާއި ހުކުމްގެ ކަށަވަރުކަން ނުލިބޭނަމަ އެ މައްސަލަ ބެލޭނެ ކަމުގެ އިންޒާރު ވެސް ދިން، އަދި ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ވެސް ދިން،" ހައިލަމް ވިދާޅުވެފައިވެ އެވެ.

ގާޒީ ހައިލަމް ވިދާޅުވީ އަލްހާން ފަހުމީއަކީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވުމުގެ ކުރިން ވެސް ގާތް އެކުވެރިއެއް ކަމަށެވެ. އޭނާ އާއި އަލްހާންއާ ދެމެދު އޮންނަ ގުޅުމަށް ބަލާއިރު އޭނާގެ މަސްލަހަތެއް އޮތް އެއްވެސް މައްސަލައެއް ނުވެސް ބަލާ ކަމަށެވެ. އަދި އަލްހާންއަކީ އެއްވެސް ހައިސިއްޔަތުން ކުރިމިނަލް ކޯޓަށް ވަޑައިގަންނަވާ ބޭފުޅެއް ވެސް ނޫން ކަމަށެވެ.

އެ ޓްރާންސެކްޝަންއާ ގުޅިގެން ފުލުހުންގެ އިސްވެރިޔަކު ބައްދަލުކޮށް މައުލޫމާތު ސާފު ކުރެއްވި ކަމަށާއި އެހެންވެ އެކަން ހިނގައިދިޔަ ގޮތް ފުލުހަށް ސާފުކޮށް ދެއްވާފައިވާނެ ކަމަށް ހައިލަމް ވިދާޅުވި އެވެ. އަދި އޭގައި ޖިނާއީ އެއްވެސް ކަމެއް ނުހިމެނޭތީ އެ މައްސަލަ ފުލުހުން ނުބަލަން ނިންމި ކަމަށް ވެސް ހައިލަމް ވިދާޅުވެފައިވެ އެވެ. އެ ޓްރާންސެކްޝަން ހިނގާފައިވަނީ މެއި މަހުގެ ތެރޭގަ އެވެ. އެ މައުލޫމާތު އެމްއެމްއޭއިން ފުލުހާ ހިއްސާކުރީ ޖުލައި މަހުގެ ތެރޭގަ އެވެ. ނަމަވެސް ކުއްލިއަކަށް ފުލުހުން އެ މައްސަލަ ޖޭއެސްސީއަށް އެންގީ ރައީސް ޔާމީންގެ ހުކުމް އިއްވަން އޮތް ދުވަހު އެވެ.

ގާޒީ ހައިލަމް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައާ ގުޅިގެން ސަރުކާރުގެ ނުފޫޒު ހިނގަމުންދާކަން މިއަދު ކުރިމިނަލް ކޯޓުގެ ހިންގުމާ ހަވާލުވެހުންނެވި ގާޒީ އަލީ ރަޝީދު ހުސެއިންނަށް ވެސް ވަރަށް ރަނގަޅަށް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"ފަނޑިޔާރަކު ބަލަމުންދާ މައްސަލައެއްގައި ކުރާނެ ހުކުމް ސަރުކާރުގެ އޮފިޝަލުންނަށް އެނގޭކަށް ނުޖެހޭނެ، އެއީ ކިތަންމެ މަތީ މަގާމެއްގައި ހުރި ފަރާތަކަށް ވިޔަސް،" ގާޒީ ހައިލަމް ވިދާޅުވި އެވެ.