އއ. އުކުޅަސް

ކޮންވެންޝަން ސެންޓަރު: އުކުޅަހަށް ރަންގަނޑެއް!

އއ. އުކުޅަހުން: ނާޒިމް ހަސަން
Nov 13, 2019
8

އެއީ މީގެ ދުވަސްކޮޅެއް ކުރިން ބިޔަ ގަސްތައް އޮތް ވަލެކެވެ. ބޭނުމެއް ނުކޮށް އޮތް ބިމެކެވެ. އެ ވާ އެ ތަނުން ނަގައި، 28 ދުވަހުން މުޅި އއ. އުކުޅަހަށް ބަދަލެއް ގެނައި ތާރީހީ ކޮންވެންޝަން ސެންޓަރު އެ ތަނުގައި ވަނީ އަޅާފަ އެވެ. އެ ކޮންވެންޝަން ސެންޓަރާއެކު، ރަށު ޓޫރިޒަމްގެ ހަބެއްގެ ގޮތުގައި ސިފަ ކުރާ އުކުޅަހަށް ވަނީ އާ ދޮރުތައް ވެސް ހުޅުވިގެން ގޮސްފަ އެވެ.

ބާރު ސްޕީޑްގައި މަސައްކަތް ހިންގި މި ކޮންވެންޝަން ސެންޓަރު އަޅަން އަށް މިލިއަން ރުފިޔާގެ ހިލޭ އެހީ އިންޑިއާ ސަރުކާރުން ދިނެވެ. ސެންޓަރު ހުޅުވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާ ސަފީރު ސަންޖޭ ސުދިރް ވެސް އުކުޅަހަށް ވަޑައިގެންނެވި އެވެ. އިންޑިއާއިން ދަނީ މިގޮތަށް އާންމު ރައްޔިތުންނަށް ފައިދާވާ ފަދަ ގިނަ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އުކުޅަހަށް ދެވުމާއެކު އެންމެ ފުރަތަމަ ވެސް ބަލާލަން ދެވުނީ ވެސް 400 މީހުންގެ ކެޕޭސިޓީގެ ކޮންވެންޝަން ސެންޓަރެވެ. އެތާނގެ އެތެރެއަށް ވަދެގެން ދިޔައިރު މަލްޓި ޕާޕަސް ހޯލަކާއި މީޓިން ރޫމަކާއި ވީއައިޕީ މީޓީން ރޫމަކާއި ދެ ކްލާސް ރޫމާއި އިދާރީ އޮފީހަކާއި ވެއިޓިން އޭރިއާއެއް ވެއެވެ. އެ ތަން ބަލަހައްޓާ މުވައްޒަފުން ކޮޅުކޮޅަށް ހަރަކާތްތެރިވެ އެވެ.

ކޮންވެންޝަން ސެންޓަރެއް އުކުޅަހަށް ބޭނުންވެފައި އޮތް މިންވަރު އެ ތަނުން ނުކުމެ ބައެއް މީހުން ވާހަކަ ދައްކާލުމުން އެނގުނެވެ.

ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ފިރާގު ވިދާޅުވި ގޮތުގައި ސެންޓަރު ހުޅުވައިގެން ބޭއްވި ޕްރޮފެސަރު އުގައިލްގެ ކޮންފަރެންސްއަށްފަހު ވެސް ޔޫއެންޑީޕީގެ ކޮންފަރެންސްއެއް ވެސް ބާއްވާފައި ވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ކޮންފަރެންސްތަކެއް ބޭއްވުމަށް ހުށަހަޅާފައިވެ އެވެ. ކައިވެނި ޕާޓީތަކާއި އިޖުތިމާއީ އެހެން ކަންކަމަށް ވެސް ކައުންސިލުން ދޫކުރެ އެވެ.

ފިރާގު ވިދާޅުވި ގޮތުގައި ކޮންފަރެންސްގެ ސަބަބުން ރަށަށް އިގްތިސޯދީ ގޮތުން ބޮޑު ފައިދާއެއް ކުރެ އެވެ. ކޮންފަރެންސްއެއް ބާއްވާނަމަ 300 އެއްހާ މީހުން ރަށަށް އަރާއިރު ގެސްޓްހައުސްތައް ފުރިގެންދެ އެވެ. އަދި ރެސްޓޯރެންޓްތަކާއި ފިހާރަތަކަށް ރަނގަޅު ވިޔަފާރިއެއްވެ އެވެ.

ރަށުގައި ފިހާރައަކާއި ގެސްޓްހައުސްއެއް ހިންގާ އަހުމަދު ހަލީމް ބުނި ގޮތުގައި ކޮންފަރެންސްއެއް އޮންނަ ނަމަ ވިޔަފާރި 30 ޕަސެންޓް އިތުރުވެ އެވެ. އަދި އުކުޅަހުގައި ރެސްޓޯރެންޓެއް ހިންގާ ސޮފޫރާ އަހުމަދު ބުނި ގޮތުގައި ކޮންފަރެންސެއް އޮންނަ ނަމަ އެ ރެސްޓޯރެންޓަށް ދުވާލަކަށް އެއް ލައްކަ ރުފިޔާ ލިބެ އެވެ. އާދައިގެ ދުވަސްތަކުގައި ދުވާލަކު ލިބެނީ 10،000 އެއްހާ ރުފިޔާ އެވެ.

"މުޅި ރަށަށް ވެސް ލިބޭ ފައިދާއެއް މިއީ، ކުރިއަށް އޮތް ތަނުގައި ވެސް މި ބަލަނީ މިއީ ވަރަށް ބޮޑު އާމްދަނީއެއް ލިބިގެން ދާނެ ވަސީލަތެއް ކަމަށް، ރާއްޖެތެރޭގައި ނެތް މި ސެންޓަރު ފިޔަވައި މިކަހަލަ ކަމެއް ކުރާނެ ތަނެއް، ވަރަށް ގިނަ މީހުން ޝައުގުވެރިވޭ މިތަނުގައި ކޮންފަރެންސްތައް ބާއްވަން، އެއީ މާލެ އާއި ރިސޯޓްތަކަށްވުރެ އަގު ހެޔޮވެފައި ކޮންފަރެންސްއާއެކު ޗުއްޓީ ވެސް ހޭދަކޮށްލެވޭތީ،" ފިރާގު ވިދާޅުވި އެވެ.

ކައުންސިލްގެ ވިސްނުން މިހާރު އޮތީ މައިސް ޓޫރިޒަމް ތައާރަފުކޮށް އެގޮތުގައި ރަށް ޕްރޮމޯޓް ކުރާށެވެ. އެ ސެންޓަރަކީ ސަރުކާރަށް ގެއްލުންނުވެ، އަމިއްލައަށް ފައިދާވާ ތަނެއްގެ ގޮތުގައި ހެދުމުގެ އަޒުމު އުކުޅަހު ކައުންސިލްގައި އެބަ އޮތެވެ.

ބާރު ސްޕީޑްގައި ރަށު ޓޫރިޒަމް ފުޅާވަމުންދާ އުކުޅަހުގައި "ވެސްޓް ސޭންޑްސް" ގެ ނަމުގައި ގެސްޓްހައުސްއެއް ހިންގާ މުސްއަބު އަނީސް ބުނި ގޮތުގައި ކޮންފަރެންސްއަށް މީހުން ރަށަށް އެރުމަކީ ގެސްޓްހައުސްތަކަށް ވަރަށް ބޮޑު ފައިދާއެއް ކުރާ ކަމެކެވެ. ގެސްޓްހައުސްތަކުގައި މީހުން ތިބޭއިރު އެމީހުންގެ ދަތުރުފަތުރާއި ކެއުން ވެސް ބޮޑު ފައިދާއެއް ގެސްޓްހައުސްތަކަށް ލިބެމުންދެ އެވެ.

އުކުޅަހު ގެސްޓްހައުސް އެސޯސިއޭޝަންގެ ނައިބު ރައީސް އަލީ ޒަމީރު ބުނި ގޮތުގައި އެންމެ ފުރަތަމަ ބޭއްވި ކޮންފަރެންސްއަށް ވެސް ފަސް ދުވަހަށް 100 އަށްވުރެ ގިނަ ކޮޓަރި ހިފި އެވެ. އެއީ މާލީ ގޮތުން ވަރަށް ބޮޑު މަންފާއެއް ލިބުނު ކަމަކަށް ވެސް ވިއެވެ.

"ވަރަށް ބޮޑު ފަސޭހައެއް މިއީ، އާންމުކޮށް ނިއު އިޔާއަކީ ރާއްޖެއަށް ވިއްސާރަވާ މޫސުމެއް، އެހެންވީމަ މި ސެންޓަރުގެ ތެރޭގައި ނިއު އިޔާ ވެސް ވިއްސާރަ ވިޔަސް ފާހަގަކޮށްލެވޭނެ، އެއީ ވެސް ލިބޭނެ ފައިދާ، ޕްރޮމޯޓް އަޅުގަނޑުމެން ކުރާނީ މިގޮތަށް، މިއަށްވުރެ ރަނގަޅު އިންވެސްޓްމެންޓެއް މި ރަށުގެ މުސްތަގުބަލަށް ބަލާނަމަ ނެތް،" ޒަމީރު ބުންޏެވެ.

"ތުނޑި އިން" ގެސްޓްހައުސް ހިންގާ އަބްދުﷲ ސައީދު ބުނި ގޮތުގައި ބައެއް އޮފީސްތަކާއި މުއައްސަސާތަކުން ކޮންފަރެންސްތައް ބާއްވާނެ ތަނެއް އޮތްތޯ ކުރިން ވެސް ވަރަށް ގިނައިން ބަލަ އެވެ. އެއީ އޮފީހުގެ ރަސްމީ ކޮންފަރެންސްއެއް ބޭއްވުމަށްފަހު މުވައްޒަފުންނަށް ވެސް ޗުއްޓީއެއް ދިނުމުގެ ގޮތުންނެވެ. ނަމަވެސް މިހާރު އުކުޅަހު ގެސްޓްހައުސްތަކަކީ ކޮންފަރެންސް ވެސް ބޭއްވޭ ފަދަ ގާބިލްކަން ލިބިފައިވާ ގެސްޓްހައުސްތަކަކަށް ވަނީ ވެފައެވެ.

"މިހާރު ގެސްޓްހައުސް މި ލިސްޓް ކުރަނީ ކޮންފަރެންސް ހޯލް ވެސް އެވެއިލަބަލް ކަމަށް، ފޮޓޯތައް ވެސް ޕޯސްޓްކޮށްގެން ވެސް ޕްރޮމޯޓް ކުރަމުން މިދަނީ،" ސައީދު ބުންޏެވެ.

ކޮއިމަލާ ބީޗް ގެސްޓްހައުސްގެ އަބްދުﷲ ނަވާޒު ބުނި ގޮތުގައި ކޮންވެންޝަން ސެންޓަރުގެ ސަބަބުން މުޅި ރަށަށް އޭގެ ފައިދާ ކުރާނެ އެވެ. ބުކިންތަކުގެ ސަބަބުން ގެސްޓްހައުސްތަކަށް ބޮޑު ފައިދާއެއްވާއިރު އޭގެ އަރިމަތިން ކުދި އެހެން ވިޔަފާރިތަކަށް ވެސް ފައިދާވާނެ އެވެ. އެގޮތުން މާލެ އާއި އުކުޅަހާ ދެމެދު ދަތުރުކުރާ ލޯންޗާ ހިސާބުން ފެށިގެން ރަށަށް ފައިސާ ވަންނަން ފަށާނެ އެވެ. ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ވޯޓާ ސްޕޯޓްސް ހިދުމަތްދޭ ތަންތަނަށް އެތައް ފައިދާތަކެއް ކުރާނެ އެވެ. ގޭގައި އަމިއްލަ އުފެއްދުމެއް އުފައްދާ މީހުނުން ފެށިގެން ގޭގައި ކުރުނބާ ވިއްކާ މީހުންނަށް ވެސް އޮތީ ފައިދާކަން ނަވާޒު ފާހަގަ ކުރި އެވެ.

ދެން އޮތީ ވަޒީފާ އެވެ. މިހާރު ވެސް ކޮންވެންޝަން ސެންޓަރު ބެލަހައްޓައި ފޮޅާ ސާފުކުރުމަށް މުވައްޒަފުން އުޅެ އެވެ. އޭގެ ތެރެއިން އެއް މުވައްޒަފަކީ ސެންޓަރާ ޖެހިގެން ހުންނަ ގޭގައި ދިރިއުޅޭ ޒާހިޔާ މުހައްމަދެވެ. ސެންޓަރު ޒީނަތްތެރިކޮށް ބެލެހެއްޓުމަކީ ޒާހިޔާގެ ޒިންމާ އެކެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ތަން ކުރި އަރައިގެން ދާނީ އެމީހުން ކުރާ މަސައްކަތެއްގެ މައްޗަށެވެ. އެހެންވެ އޭނާ އެ ވަޒީފާ އަދާކުރަމުންދަނީ ވަރަށް ލޯތްބާއެކު އެވެ. މުސާރައިގެ ގޮތުގައި 6،000 ރުފިޔާ އޭނާއަށް ލިބެ އެވެ.

އެހެންނަމަވެސް މުސާރައަށްވުރެ އޭނާ މުހިންމީ މަސައްކަތުން ލިބޭ ހިތްހަމަޖެހުމެވެ. ހަޔާތުގެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި އެ ވަޒީފާއާ ޒާހިޔާ ހަވާލުވީ ވެސް ސެންޓަރަކީ ގެއާ ޖެހިގެން ހުންނަ ތަނެއް ކަމުން އެ ތަން ރީއްޗަށް ބޭއްވުމުގެ މަގުސަދުގަ އެވެ. ސެންޓަރުން ވަޒީފާ ލިބުމަކީ ޒާހިޔާގެ ހަޔާތުގައި ވެސް އެންމެ އުފާވި ދުވަހެވެ.

މިހާރު އެ ތަނުގައި ހަތަރު މުވައްޒަފުން ތިބިއިރު ތަން ފުޅާވެ ބިޒީވުމާއެކު 15 ވަރަކަށް މުވައްޒަފުން ނަގަން ޖެހޭނެ ކަމަށް ބެލެވެ އެވެ. މިހާރު ވެސް އެ ސެންޓަރު ކުއްޔަށް ދޫކުރުމާއި އެހެން ވެސް ގޮތްގޮތުން ލިބޭ އާމްދަނީއިން މުވައްޒަފުންގެ ހަރަދުތަކާއި ތަން ބެލެހެއްޓުމުގެ ހަރަދުތައް ހަމަޖެހެ އެވެ. ކައުންސިލަށް ވެސް އެންމެ ބޮޑު އާމްދަނީއެއް ވަންނާނެ ވަސީލަތަކަށް މި ސެންޓަރު ވެގެންދާނެ އެވެ.

އިންޑިއާގެ ހިލޭ އެހީއާއެކު އުކުޅަހުގައި އަޅާފައިވާ ކޮންވެންޝަން ސެންޓަރާއެކު ރަށަށް އޭގެ އުފާވެރިކަމާއި ފައިދާ ލިބެން ފަށާފައިވާއިރު އެ ސެންޓަރާ ގުޅިފައިވާ އުކުޅަހުގެ އުއްމީދުތައް ވަރަށް ފޮންޏެވެ. އެމީހުން އެ ތައްޔާރުވަމުން ދަނީ ޓޫރިޒަމްގެ އާ ބާވަތަކާއެކު އާ އުކުޅަހަކަށް މަރުހަބާ ކިޔަން ފައްކާކުރަމުންނެވެ.