ރިޕޯޓް

ރަސްދޫއަށް ބޮޑު އުންމީދެއް، ހިމާޔަތް ލިބެނީ!

އއ. ރަސްދޫއިން: ނާޒިމް ހަސަން
Nov 14, 2019
6

އއ. ރަސްދޫއަކީ ލޯކަލް ޓޫރިޒަމަށް އެންމެ ފައްކާވެފައިވާ ރަށްތަކުގެ ލިސްޓްގެ ކުރިން ޖާގަ ހޯދާނެ ރަށެކެވެ. އުފާވެރި، ފުދުންތެރި ރައްޔިތުންތަކެއް އުޅޭ ހިތްގައިމު ރަށެކެވެ. ނަމަވެސް މި ރަށް އެދި ގޮވަމުންދަނީ ރަށް ހިމާޔަތް ކޮށްދިނުމަށެވެ. އެ އާދޭހަށް އެތައް އަހަރެކެވެ.

ރަސްދޫއަށް ގިރުމުގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ. އެ ކަން އެ ރަށަށް އެންމެ ބޮޑަށް ކުރިމަތިވީ 2009 ވަނަ އަހަރު ރަށުގެ ބަނދަރު ހެދުމަށްފަހު އެވެ. ބަނދަރު އޮތް ސަރަހައްދު ނޫން އެހެން ސަރަހައްދުގައި އެއްވެސް ހިމާޔަތެއް ނެތުމުން ރަށުގެ ފަސްގަނޑު ގިރައިގެން ދަނީ އެވެ.

މީގެކުރިން ރަށް ގިރާތީ، ކުނި އަޅައިގެން ރަސްދޫގެ ވަރަށް ބޮޑު ބައެއް ހިއްކާފައިވެ އެވެ. ކުނި އަޅައިގެން ހިއްކާފައިވަނީ ވެސް ރަށުގެ ބައެއް ގޭގެއާ ހަމައަށް މޫދުގެ ލޮނުގަނޑު އައުމާ ގުޅިގެންނެވެ. ރަށް ގިރުން ބޮޑުވެ، ކުނި އަޅައިގެން ހިއްކި ސަރަހައްދު ވެސް މިހާރު އޮތީ ވަރަށް ބޮޑަށް ގިރާލާފަ އެވެ. އަނެއްކާވެސް ބައެއް ގޭގެ ހަމައާ މޫދުގެ ލޮނުގަނޑު ވަނީ އަންނަން ފަށާފަ އެވެ. ރަށުގެ ހުރިހާ ދިމާލަކުން ވެސް ބޮޑު ބައެެއް މިހާރު އޮތީ ގިރާފަ އެވެ.

މި ރަށު ތެރެއަށް އަރާ، ރަށުގެ ވާހަކަތައް އަހާލުމުން ކޮންމެ ރައްޔިތަކު ވެސް ކަންބޮޑުވުމާއެކު ފާހަގަ ކުރަނީ މިކަމެވެ. ރަށުގެ ބަނދަރު މަތީ ހުރި ސާމިޔާ ހަސަން ބުނި ގޮތުގައި ރަށުގެ ބޮޑު ސަރަހައްދެއް އެއްވެސް ހިފެހެއްޓުމެއް ނެތި ގިރަމުންދާތީ ވަރަށް ކަންބޮޑުވެ އެވެ. އޭގެ ސަބަބުން ރައްޔިތުން ނުތަނަވަސްވެފައިވާއިރު ރަށުގެ ވަރަށް ބޮޑު ބައެއް ގެއްލިގެން ގޮސްފައިވާކަން އޭނާ ފާހަގަކުރި އެވެ.

"އަހަރެމެންގެ ރަށް ކުޑަވަމުން މިދަނީ، އަވަސް މުސްތަގުބަލެއްގައި ރަނގަޅު ގޮތެއްވުމަށް އަހަރެމެން މި އެދެނީ،" ސާމިޔާ ބުންޏެވެ.

ރަސްދޫގައި ހުރި ފެންވަރު ރަނގަޅު ރެސްޓޯރެންޓްތަކުގެ ތެރެއިން ރެސްޓޯރެންޓެއްގެ ތެރޭގައި ހުރެ، މި ރަށުގެ ހަސަން އަންވަރު ބުނި ގޮތުގައި ރަށް ގިރަމުންދާތީ ރަށުގެ އިގުސޯދަށް ވެސް އޭގެ ގެއްލުންތައް ދަނީ ކުރަމުންނެވެ. ރަށް އެންމެ ބޮޑަށް މިހާރު ބަރޯސާވެފައި އޮތީ ގެސްޓްހައުސް ވިޔަފާރިއަށެވެ. ނަމަވެސް ޓޫރިސްޓުން އެންމެ ބޭނުންވާ ރީތި ބީޗެއް މިހާރު ރަސްދޫއިން ލިބޭކަށް ނެތެވެ.

ބީޗް ގިރަމުން ދާއިރު، ކުނި އަޅައިގެން ހިއްކާފައިވާ ސަރަހައްދުގެ ފަސްގަނޑު ދަމައިގަނެ އެތަނުގައި ވަޅުލެވިފައިވާ ކުނިތައް ވެސް ބީޗަށް ޖަމާވަމުންދާކަން އޭނާ ފާހަގަކުރި އެވެ. އެކަން ޓޫރިސްޓުން ވެސް ފާހަގަކުރާ ކަމަށް އަންވަރު ބުންޏެވެ. އެހެންވެ، އަންވަރު އެދެނީ އެކަމަށް އަވަސް ހައްލެކެވެ.

ރަސްދޫއަށް ހައްލެއްގެ ވާހަކަ ނުދެކެވި އެތައް އަހަރެއް އޮތުމަށްފަހު އުއްމީދުގެ ހުޅުކޮޅެއް މިހާރު ވަނީ ރޯވެފަ އެވެ. އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރަސްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއެއް ހިންގަން ވަނީ ނިންމާފަ އެވެ. އެކަމަށް އިންޑިއާއިން ވަނީ އަށް މިލިއަން ރުފިޔާ ދީފަ އެވެ. މަޝްރޫއުގެ ދަށުން ރަސްދޫގައި ގިރަމުންދާ 179 މީޓަރުގެ ސަރަހައްދެއް ހިމާޔަތް ކުރާނެ އެވެ.

މިއީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއުއެކެވެ. އިންޑިއާއިން އިސްކަން ދެނީ އެ އެހީގެ ދަށުން ރަށްރަށުގެ ރައްޔިތުންނާ އެންމެ ގުޅުންހުރި މަޝްރޫއުތައް ހިންގުމަށެވެ. އެގޮތުން ރަސްދޫ ފިޔަވައި ވެސް އެހެން ބައެއް ރަށްތަކުގެ މިފަދަ މަޝްރޫއުތަކަށް އިންޑިއާއިން ދަނީ އެހީ ދެމުންނެވެ.

"ވަރަށް އުފާ ކުރިން އެ މަޝްރޫއު ރަށަށް އައީމަ، އެންމެ މުހިންމުވެފައިވާ ކަން މިއީ މި ރަށަށް، ވެލިގަނޑު ހިފެހެއްޓި، ކުނިތައް ފޭބުން ހުއްޓިގެން ދާނެ، ވަރަށް ވެސް މުހިންމު މަޝްރޫއުއެއް،" އަންވަރު ބުންޏެވެ.

ރަސްދޫ ކައުންސިލްގެ ނައިބު ރައީސް ހުސެއިން ޝިމާއު ވިދާޅުވި ގޮތުގައި އިންޑިއާގެ އެހީއާއެކު ފެށޭ މަޝްރޫއު ފުރިހަމަވެގެންދާއިރު ރަށަށް ވަރަށް ބޮޑު ފައިދާތަކެއް ލިބިގެންދާނެ އެވެ. ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރެވި ރަށް އިތުރަށް ބޮޑު ކުރެވިގެންދާނެ އެވެ.

"އަހަރެއް އަހަރަކުން މިދަނީ ރަށުގެ ބިމުގެ ސަރަހައްދު ކުޑަވަމުން، އެއީ ލިބޭ ބޮޑު ގެއްލުމެއް، މި މަޝްރޫއުގެ ސަބަބުން އާންމު ދިރިއުޅެމުންދާ ސަރަހައްދު ވެސް ހިމާޔަތް ކުރެވުނީ،" ޝިމާއު ވިދާޅުވި އެވެ.

ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މިހާރު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. ނަމަވެސް އަދި މަސައްކަތް ނުފެށެ އެވެ. އެ ރަށުގެ ރައްޔިތުންނަށް މަޝްރޫއު ފެށުން ލަސްވާ ކޮންމެ ދުވަހަކީ ވެސް ހިތް ނުތަނަވަސްކޮށްލާ ދުވަހެކެވެ. އެހެންވެ، މަޝްރޫއުގެ އަމަލީ މަސައްކަތް އަދި ނުފެށޭތީ ރަށުގައި ކަންބޮޑުވުން އެބަ އޮތެވެ. ނަމަވެސް މިފަހަރު ރައްޔިތުންގެ އުއްމީދު ބޮޑެވެ. ލަސްވިޔަސް، މިފަހަރު ހައްލެއް ލިބޭނެ ކަމަށް އެމީހުން ގަބޫލު ކުރެ އެވެ.