ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާ ކަނޑުގެ ރައްކާތެރިކަމަށް ބޮޑު އިސްކަމެެއްދެން: ޝާހިދު

އިންޑިއާއި ރާއްޖެއާ ގުޅިގެން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ "ވިއޮން" ޓީވީއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިއާއި ރާއްޖެއާ ދެމެދު އޮތް ދިފާއީ ގުޅުމުގެ ތެރެއިން އިންޑިއާ ކަނޑުގެ ސަރަހައްދު ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަކީ ދިވެހި ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ.

ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމެއް ކަމަށް ހުރިހާ ގައުމަކުން އެއްބަސްވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. އެހެންކަމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމުގައި ގައުމުތަކުގެ މެދުގައި ރަނގަޅު ގުޅުންތަކެެއް އޮންނަންޖެހޭ ކަމަށް ރާއްޖެއިން އަބަދުވެސް ގަބޫލުކުރާ ކަމުގައި ވިދާޅުވި އެވެ.

"އަހަރަމެންގެ ކަނޑުގެ ވާހަކަދައްކާއިރު މި ދައްކަނީ އިންޑިއާ ކަނޑުގެ ވާހަކަ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ، ސްރީލަންކާ އަދި އިންޑިއާ ހިމެނޭ -- ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ވަރުގަދަ މެމްބަރަކަށް ރާއްޖެވުމުގެ ބޭނުމަކީވެސް އަވަށްޓެރި ގައުމުތަކުގެ މެދުގައި ގުޅުން ވަރުގަދަކޮށް އިންޑިއާ ކަނޑުގެ ސަރަހައްދުގެ އަމާންކަން ދެމެހެއްޓުން ކަމަށެވެ.

ޝާހިދުގެ މި އިންޓަވިއުގައި ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ "އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ކެމްޕޭނާ ގުޅޭގޮތުންވެސް ވާހަކަދައްކަވާފަ އެވެ. އެގޮތުން ޝާހިދު ވިދާޅުވީ "އިންޑިއާ އައުޓް" ކެމްޕޭނަކީ ދިވެހި ރައްޔިތުންގެ މެދުގައި ކުރިއަށްދާ ކެމްޕޭނެއް ނޫން ކަމަށާއި އެކަންކުރަނީ ސަރުކާރާ ދެކޮޅަށް ވިއްކާނެ އެއްޗެއް ނޭގިގެން އުޅޭ ބައެއް ކަމުގައިވެސް ވިދާޅުވި އެވެ.

"އެއީ ރުޅިވެރިކަން އުފައްދާ ބައެއް. އެމީހުން އައީ ރައްޔިތުންނަށް ރުޅިވެރިކަން ވިއްކަން. ނަމަވެސް ރައްޔިތުންނެއް އެ ރުޅިވެރިކަން ނުގަންނާނެ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެފަދަ ރުޅިވެރި ހަރަކާތެއް އިނދިކޮޅުގައި ތިބި މަދު ބަޔަކު ހިންގި ނަމަވެސް އެކަމަށް ދިވެހި ރައްޔިތުންގެ މާބޮޑު ސަމާލުކަމެއް ނުލިބެނީ ރާއްޖެއާއި އިންޑިއާއި ދެމެދު އޮތް ވަރުގަދަ ގުޅުމުގެ ސަބަބުންނެވެ.

ޝާހިދު އިތުރަށް ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް އެންމެ ފުރަތަަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމު ކަމަށެވެ. އަދި ރާއްޖޭގައިވެސް ނުވަތަ އިންޑިއާގައިވެސް ކޮންމެ ސަރުކާރެއް އޮތް ކަމުގައިވިޔަސް ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން ހީނަރުވެގެން ނުދާނެ ކަމުގައިވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދުގެ ވާހަކަފުޅުގައިވަނީ އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ ބައެއް މަޝްރޫއުތަށް ވެސް ފާހަގަކުރައްވާފަ އެވެ. އެގޮތުން އިއްޔެ ދެެގައުމުގެ ދެމެދު އިތުރު ނުވަ މަޝްރޫއެއްގައި ސޮއިކޮށްފައިވާ ކަމަށާއި ދެ ގައުމުގެ ވެރިންވެސް ހިތްހަމަޖެހިވަޑައިގަންނަވާ ގޮތަށް މަޝްރޫއުތައް ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ.