ފަށުވިން ކޮން ތަނެއްތަ ބޭނުމީ؟

ތިނޯހަށް ރޮދި ލައްވައިގެން ބުރު މަތީ ގަތަމުން ކުރާ ފަށުވި މަސައްކަތްތައް އާއްމުކޮށް ފެންނަނީ އަންހެނުން އަޅާ ހެދުންތަކުންނެވެ. ކުލަ ކުލައިގެ މާގަނޑު ތަކާއި ބަގީޗާތައް ހެދުމުގެ ފަސް ބަޔާ ހަމައައް ގެންގޮސްފައި ހުރެ އެވެ. މިއީ އެކި ޒަމާންތަކުގައި ޓްރެންޑު ވެގެން އަންނަ ސްޓައިލެއްގެ ވައްތަރެއް ވެސް މެ އެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން މި ފަށުވި މާތައް ދިވެހިންގެ ހުރިހާ އެއްޗެއްގައިހެން އޮތެވެ. ހެދުމުގެ އިތުރުން ބޫޓާއި އަތް ދަބަހާއި ޖިންސުގެ ފައި ކުރީގައި ވެސް މާގަނޑު ޖަހާފައި ހުރެ އެވެ.

މިހާރު އެ ސްޓައިލް ގެއްލި ހެދުންތައް ބާވިޔަސް މި ރޮދި ބުރުގަނޑާ ދުރަށް ނުދެވުނު މީހަކު އެބަ ހުއްޓެވެ. ފަށުވިން އޭނާ ޖެހި މާތައް މުޅިން ތަފާތު ދިމާއަކަށް ގެންގޮސްފި އެވެ. އައިމިނަތު ޝިހާނާގެ "އެމްބްރޮއިޑަރީ" މޭޒުން މިހާރު ފެންނަނީ ފަށުވީގެ އިމާރާތްތަކެވެ.

ސުވާލެއް އެބައޮތެވެ؛ އިމާރާތްތައް ވެސް ފަށުވިން ޖެހިދާނެ ހެއްޔެވެ؟ ޖަވާބަކީ އާނއެކެވެ. އެކަންވެސް ކޮށްފި އެވެ. ޝިހާނާއަށް އަބަދުވެސް މާލޭގެ އެކި އިމާރާތްތައް ވަރަށް ކަމުދެ އެވެެ. އަދި އެވެސް އިހުގެ އިމާރާތްތަކެވެ. މިހާރުގެ ޓޫރިސްޓު އެޓްރެކްޝަންތަކެވެ. މަގުމަތިން ދާއިރު ވެސް އެފަދަ ތަނެއް ފެނިއްޖެ ނަމަ ހުއްޓިލައި ފޮޓޯއެއް ނަގާލެ ވެއެވެ. އަދި ކައިރި އަށް ގޮސް އެ އިމާރާތްތެއްގައި ހުންނަ ތަފާތު ކަންކަމާއި ޑީޓެއިލްތައް ފާހަގަކޮށް ނޯޓުކޮށް ހަދަ އެވެ.

އިސްލާމީ މަރުކަޒާއި މެދުޒިޔާރަތާއި މުންނާރަކީ ބަލާހިތުން ގޮސް ބަލައިލާން ދާ ތަަންްތަަނެވެ. އަދި، މުލިއާގެ އާއި ހުކުރު މިސްކިިތަކީ ވެސް ލިސްޓުގެ ކުރީގައި ހިމެނޭ ތަންތަނެވެ. އަހަރުތަކެއް ވަންދެން މި އިމާރާތްތަކަށް ބަލަ ބަލާ ހިތް ނުފުރުމުން ތިނޯސް ނަގައި އެއަށް ރޮދި ލައްވައު އެންމެފަހުން ފަށުވިން އެ އިމާރާތްތައް ހަދަަަން ފެށީ އެވެ. އަދި އެއީ ޝިހާނާއަށް އެންމެ ފުރިހަމައަށް ކުރަން އެނގޭ އެއް ކަންތަކެވެ. ފަށުވީގެ މަސައްކަތްތަކަށް އޭނާ ވަރަށް ފަރިތަ އެވެ.

ކޮންމެ އިމާރާތެއް ކުރަހާ ފަށުވިން ރޮދި ޖަހަނީ އެތަނެއް ރީއްޗަށް ސިފަވާނެ ހެން މުޅި ސަރަހައްދު ވެސް ހިމެނޭ ގޮތަށެވެ. މަންޒަރުން އެންމެ ތަންކޮޅެއް ވެސް ވައްޓާ ނުލަ އެވެ. ފަަހަރަކު ރޮއްޖެއް އަމުނަމުން ކެންވަސްގައި ޖަހަމުން ގޮސް ރީތި ފޮޓޯ އެއްހެން ސިފަަވާނެ ގޮތަށް ފުރިހަމަ ކޮށްލަނީ އެވެ. އިމާރާތާއި އެ ސަރަހައްދުގައި ހުންނަ ގުދުރަތީ މަންޒަރުތަަކާއެކު އެވެެ.

ޝިހާނާގެ "ފަަށުވިން މެދުޒިޔާރަތް" ބަލާބަލާށެވެ. ދެ އަރިމަތީގައި ހުންނަ ހުދާއި ނުލުގެ ގާތަކާއި އެތެރެ ގޭޓުގެ ތަފާތު ޑިޒައިންތައް ވެސް ހަމަ އަސްލު ފެންނަ ގޮތަށް އެހެރީ ތައްޔާރުކޮށްފަ އެވެ. އެއްވެސް ތަފާތެއް ނެތެވެ. އެ އިމާރާތާ ޖެހިގެން ހުންނަ ރިޔާސީ ގެކޮޅު، މުލިއާގެ ވެސް ފެންނަނީ ހަމަ އެހެނެވެ. ރަނގަޅަށް ބަލާލުމުން އިމާރާތްތަކުގެ ފާރުގައި ޒީނަތްތެރި ކުރަން ހަރުކޮށްފަައި ހުރި ތަކެތި ވެސް ފެނެ އެވެ. ގޯތި ތެރޭގައި ހުރި ގަސްތައް ވެސް ރޮދި ޖަހައި އަމުނާފަަ އެވެ.

މިއީ އަދި ބޭރުން ފެންނަން ހުރި އިމާރާތްތައް އަސްލަކަށް ބަލައިގެން ފަށުވިން ކޮށްފަައި ހުރި މަސައްކަތެވެ. މީގެ ތެރެއިން ބައެއް ތަންތަނުގެ އެތެރެއަށްވަދެ ދިވެހިން ކޮށްފައި ހުރި ފުރިހަމަ މަސައްކަތްތައް ފެނިއްޖެއްޔާ ޝިހާނާއަށް ވާނެ ގޮތެއްވެސް ނޭނގެ އެވެ. އޭގެ އެއް އިމާރާތަކީ ހުކުރު މިސްކިތެވެ.

ޝިހާނާ ބުނި ގޮތުގައި ހުކުރު މިސްކިތުގެ މަސައްކަތަކީ އެންމެ ގިނަ ވަގުތު ހޭދަކުރި އިމާރާތެވެ. އެ އިމާރާތުގެ ފާރުގެ ޑިޓެއިލްތައް ފުރިހަމަ ކުރުމަށް ބޭނުން ކުރަން ޖެހުނީ ކިރިޔާ ލޮލަށް ފެންނަ ވަރުގެ ހިމަ ތިނޯހަކާއި އެހާ ހިމަ ރޮއްޖެވެ.

ތާރީހީ މި އިމާރާތުގެ ފަށުވި މަސައްކަތްތައް ހަދާފައި ހުރި ގޮތުން އިމާރާތަށް އިތުރު ފުރިހަމަކަމެއް ވެސް ލިބެ އެވެ. އިހު ދިވެހިންގެ މިކަހަލަ މަސައްކަތައްތައް ކުރުމުގެ ކުޅަދާނަ ކަމަށާއި އެ މަސައްކަތަށް އިންސާފު ދީ އިމާރާތް "ހަޑި" ކޮށް ނުލާ ވޭތޯ މަސައްކަތް ކޮށްފައި އެބަ ހުއްޓެވެ.

"ފަށުވި އެއްޗެހި ހަދަން އާއްމުކޮށް ހުންނާނީ އެހެން ރޮއްޖެއް. އެއަށް ބޭނުންކުރީ ފަހަން ބޭނުންކުރާ ރޮދި. ހިމަވީމަ ފަސޭހަވާނެ ލައިންތައް އެއްވަރު ކޮށް ހަދަން. ކޮންމެ ލައިން އެއްވެސް ބޭނުންވި ހަމަ އެ އިން ގޮތަށް އެހާ އެއްވަރަށް ނިންމަން" ޝިހާނާ ބުންޏެވެ.

ޝިހާނާ ބުނި ގޮތުގައި އޭނާގެ ހިތުގައި އާކިޓެކްޗާ އާއި އިމާރާތްތަކުގެ ޑިޒައިން މަސައްކަތްތަކަށް އޮންނަ ލޯބި ދުވަހުން ދުވަހަކަށް ދަނީ އިތުރު ވަަމުންނެވެ. ކުރީގެ އިމާރާތްތަކާއި އެ ތަންތަން ފުރިހަމަ ކުރުމަށް ކޮށްފަައި ހުންނަ މަސައްކަތްތައް ފެނުމުން ޝިހާނާގެ ތިނޯސް ނަގައި ފޮތި ގަނޑަކަށް ފަށުވިން އެ އިމާރާތެއް ވަގުތުން އަމުނާލާ ހިތްވަނީ އެވެ. މިއިން އިމާރާތަކަށް 30 ގަޑި އާއި 60 ގަޑިއިރުގެ ވަގުތު ހޭދަ ކޮށްފައި ވެއެވެ.

"ރަށް ރަށަށް ގޮސްފައި ވެސްް އެހެން ފެންނަ ތަންތަނާއި އިމާރާތްތައް ފެނިފައި ވެސް ހިތަށް އަރާ މިތަން ވެސް އެތަންވެސް ބޭނުމޭ ފަށުވިން ޖަހަން. ގިނައިން ތަންތަނަށް ގޮސް ބެލިވަރަކަށް މި އެނގެނީ ކިހާ ރީތި ތަންތަން ރާއްޖޭގަ ހުރި ކަން" ޝިހާނާ ބުންޏެވެ.

ޝިހާނާގެ ފަށުވީގެ މަސައްކަތްތައް ކުރާތާ މިހާރު އެތައް އަހަަރެއް ވެއްޖެ އެވެ. އަދި ސަރަނގު ސަމީމާ ކައިރިން ފަށުވީގެ މަސައްކަތް ދަސްކުރި އެންމެ ފަހު ބެޗުގެ ތެރޭގައި ޝިހާނާ ހިމެނެ އެވެ. އެއަށްފަހު ސްރީ ލަންކާއަށް ގޮސް ދެފަހަރު މަތިން ސިޓިޗިން ގެ ކޯސްތައް ވެސް ހެދި އެވެ. އޭރުވެސް ފަށުވިން ހަދާ އެއްޗިއްސަކީ ޝިހާނާގެ އެންމެ ފޭވަރިޓެވެ. ކަވި މަސައްކަތެއް ނަމަ ކުރެވެ އެވެ.

"ބޭރު ގައުމަކަށް ދިޔަޔަސް ބަލަން ރޮދި ސެޓެއް ގަނެވޭތޯ. އޭގަ ހުންނާނެ އަދި ސިލްކް ތުރެޑް. އޭގެ ރޮދި ތަފާތު ވާނެ ފަށުވިން ޖަހާއިރު ވެސް. ވަރަށް އުފާވޭ އެކި ކަހަލަ ކުލަތައް ހުންނަ ރޮދި ސެޓުތައް ފެނުނީމަ ވެސް. އެކްސައިޓްވޭ!"

ޝިހާނާގެ ފަށުވި އިމާރާތްތައް މިހާރު ކުރިއަށްދާ ފަންނު އެކްސްޕޯގައި ޑިސްޕްލޭ ކޮށްފަައި ހުރި އިރު ގިނަ އެއްޗެހި ވަނީ ވިކިފަ އެވެ. މީގެ ކުރިން ގެއްލި ފިލައިގެން އުޅުނު ތަރި އެއް ނަމަވެސް މިހާރު ޝިހާނާގެ މި މަސައްކަތްތައް އެތައް ބަޔަކަށް ފެނެ އެވެ. ފަށުވިން ހެދި މި އިމާރާތްތައް ވެސް ކަމުދިޔަ އެވެ.