ލައިފްސްޓައިލް

ދުނިޔޭގެ އެންމެ ހަގު ގްރެޖުއޭޓަކަށް ނުވަ އަހަރު ކުއްޖެއް

ލޯރަންޓް ސައިމަންސް އަކީ ނުވަ އަހަރުގެ ކުއްޖެކެވެ. އޭނާ މިހާރު ޑިގްރީއެއް ފުރިހަމަކުރުމަށްފަހު ދުނިޔޭގެ އެންމެ ހަގު ގްރެޖުއޭޓްގެ މަގާމު ހޯދުމަށް ދަނީ ތައްޔާރުވަމުންނެވެ. މި ކުޑަކުޑަ ޖީނިއަސް އަކީ ބެލްޖިއަމް މީހަކާއި ޑެންމާކް މީހަކަށް ލިބިފައިވާ ކުއްޖެކެވެ.

އެއިންދޯވަން ޔުނިވަސިޓީ އޮފް ޓެކްނޮލޮޖީގައި މިހާރު ކިޔަވަމުންދާ ލޯރަންޓް އަންނަ ޑިސެމްބަރު މަހު ޑިގްރީ ފުރިހަމަ ކުރާނެ އެވެ. އޭނާ ޑިގްރީ އަށް ކިޔަވަނީ އިލެކްޓްރިކަލް އިންޖިނިއަރިން ގެ ރޮނގުންނެވެ.

"ދަ ޓެލެގްރާފް" ގައިވާ ރިޕޯޓެއް ބުނާ ގޮތުގައި ލޯރަންޓްގެ އައިކިއު ލެވެލްއަކީ މަދުވެގެން 145 އެވެ. ލޯރެންޓް އޭނާގެ ހައި ސްކޫލް ތައުލީމު ފުރިހަމަ ކޮށްފައި ވަނީ އެންމެ 18 މަސް ތެރޭގަ އެވެ، އޭރު އޭނާގެ އުމުރުން އެންމެ އަށް އަހަރެވެ.

މިއަހަރު ކުރީކޮޅު އޭނާ ގްރެޖުއޭޝަން ކޯހުގައި ބައިވެރިވިއިރު އޭނާއަކީ ޔުނިވަސިޓީގައި ތައުލީމު ހާސިލުކުރާ އެންމެ ހަގު ކުއްޖާ އަށް ވަނީ ވެފަ އެވެ.

ސީއެންއެން އަށް ދިން އިންޓަވިއު އެއްގައި ލޯރެންޓްގެ ބައްޕަ އެލެކްސެންޑާ ސައިމަންސް ބުނީ ނުވަ އަހަރުގެ ލޯރަންޓް ގަސްތު ކުރަނީ ޑިގްރީއަށް ފަހު އިލެކްޓްރިކަލް އިންޖިނިއަރިންގެ ޕީއެޗްޑީ ޕްރޮގްރާމްގައި ބައިވެރިވާން ކަމަށެވެ. އަދި މެޑިސިންގެ ޑިގްރީއެއް ވެސް ހޯދަން ލޯރެންޓް ބޭނުންވާ ކަމަށް ވެސް އޭނާގެ ބައްޕަ ބުންޏެވެ.

ލޯރެންޓްގެ ބައްޕަ ބުނި ގޮތުގައި ވަރަށް ގަދަރުވެރި ގިނަ ޔުނިވަސިޓީތަކުން ލޯރަންޓް އެ ޔުނިވަސިޓީއަކަށް ވެއްދުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. ވަރަށް ގިނަ ފުރުސަތުތައް ލިބިފައި ވިޔަސް ލޯރެންޓްގެ މައިންބަފައިންގެ ހައިސިއްޔަތުން އެމީހުން ބޭނުންވަނީ ލޯރެންޓްގެ ތައުލީމީ މަސައްކަތް ބެލެންސްކޮށް ގެންދިއުމަށެވެ.

"އަހަރެމެން ބޭނުމެއް ނޫން އޭނާ ކިޔެވުމަށް މާ ބޮޑަށް ސީރިއަސް ވާކަށް. އޭނާ ކުރާހިތްވާ ހުރިހާ ކަމެއް ވެސް ކުރަންވީ ހަމަ. ކުޑަ ކުއްޖަކާއި އެ ކުއްޖާގެ ޓެލެންޓްގެ މެދުގައި ބެލެންސެއް ހުރުން އަހަރެމެން ބޭނުންވަނީ،" ލޯރެންޓްގެ ބައްޕަ ބުންޏެވެ.

ލޯރެންޓް ކިޔަވަމުންދާ ޔުނިވަސިޓީގެ އެޑިއުކޭޝަން ޑައިރެކްޓަ އޮފް އިލެކްޓްރިކަލް އިންޖިނިއަރިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ލޯރެންޓް އަކީ އެ ޔުނިވަސިޓީގައި މިހާތަނަށް ކިޔެވި އެންމެ ހަލުއި ދަރިވަރެވެ. އާދަޔާޚިލާފު ތޫނު ވިސްނުމެއް ލިބިފައިވުމުގެ އިތުރުން ވަރަށް އެހެން މީހުންނާ ދޭތެރޭ ވެސް ލޯރެންޓް ވަރަށް ވިސްނާ ހަމްދަރްދީ ވާކަމަށް އެ ބަޔާނުގައި ވެއެވެ.

ލޯރެންޓްގެ މަންމަ ލީޑިއާ ސީއެންއެން އަށް ބުނި ގޮތުގައި ލޯރެންޓްގެ އާދަޔާޚިލާފު ތޫނު ވިސްނުމެއް ހުރިކަން އެންމެ ފުރަތަމަ ދެނެގަތީ އޭނާގެ މާމާ އާއި ކާފަ އެވެ. ލޯރެންޓްގެ ކިބައިގައި ވަރަށް ޚާއްސަ ސިފަތަކެއް ހުރިކަން އެމީހުންނަށް ފާހަގަ ކުރެވުނެވެ.

މި ހުރިހާ ކާމިޔާބީ ތަކަކާއެކު ލޯރެންޓް އަންނަ މަހު ގްރެޖުއޭޓްވުމާއެކު ދުނިޔޭގެ އެންމެ ހަގު ގްރެޖުއޭޓްގެ މަގާމުގައި ކުރިން ހުރި މައިކަލް ކާނީ އަށް އެ މަގާމު ގެއްލޭނެ އެވެ. މައިކަލް ގްރެޖުއޭޓްވީ އުމުރުން 10 އަހަރުގަ އެވެ.