ވިޔަފާރި

އެމްއައިބީގެ ހިއްސާ ގަނެ ވިއްކަން ފެށުން ފާހަގަ ކޮށްފި

Nov 18, 2019
1

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްްއައިބީ) ގެ ހިއްސާ، ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ގަނެ ވިއްކަން ފެށުން ފާހަގަ ކުރަން ރަސްމިއްޔާތެއް ބާއްވައިފި އެވެ.

އެމްއައިބީގެ ހިއްސާ ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުން ފާހަގަ ކުރަން، ދަރުބާރުގޭގައި ބޭއްވި ހާއްސަ ހަފުލާ ޝަރަފުވެރި ކޮށްދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ.

މި ހަފްލާގެ އެންމެ ހާއްސަ އައިޓަމެއްގެ ގޮތުގައި އޮތީ ރަނގަބީލު ޖެހުމުގެ އައިޓަމެކެވެ. މި ރަނގަބީލު ޖެހުމުން ރަމްޒުކޮށްދެނީ އެ ކުންފުނީގެ ހިއްސާ ރާއްޖޭގެ ސްޓޮކް މާކެޓްގައި ގަނެވިއްކުން ފެށުނު ކަމެވެ.

އެމްއައިބީ އިން ހިއްސާ ވިއްކަން ހުޅުވާލުމުން 16،146 އިންވެސްޓަރުންގެ ފަރާތުން، 17،713 ފޯމު ލިބުނެވެ. އަދި އެ ކުންފުނިން ހިއްސާ ވިއްކައިގެން 356 މިލިއަން ރުފިޔާ ހޯދާފައިވެ އެވެ. ނަމަވެސް އެ ކުންފުނިން ހިއްސާ ވިއްކަ ހުޅުވާލީ 244 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަލައިގެންނެވެ.