އެންއައިސީ

އެންއައިސީއަށް ޖިހާދު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރު ކަމަށް ކާނަލް ރިޓަޔާޑް އަހްމަދު ޖިހާދު، ވ. ތިވެލި އައްޔަން ކުރަން ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެންއައިސީގެ މެންބަރު ކަމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ނަންތަކުގެ ލިސްޓްގައި ފުރަތަމަ އޮތީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކުރީގެ މެންބަރު ޝުއައިބް އަބްދުލް ރަހްމާނެވެ. ނަންތައް ދިރާސާ ކުރި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވެސް އިސްކަން އޭނާ އައްޔަން ކުރުމަށެވެ.

އެކަމަކު މަޖިލީހުގެ މިއަަދުގެ ޖަލްސާގައި އެންއައިސީއަށް ޝުއައިބް އައްޔަން ކުރުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 74 މެންބަރުންގެ ތެރެއިން 62 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރީ އޭނާ އައްޔަން ކުރަން ރުހުން ނުދިނުމަށެވެ. އޭނާ އައްޔަން ކުރަން ފެންނަ ކަމަށް އަށް މެންބަރަކު ވޯޓު ދެއްވިއިރު، ހަތަރު މެންބަރަކު ވަކިކޮޅަށް ވޯޓެއް ނުދެއްވަ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ތަޅުމަށް ފޮނުވި ލިސްޓުގެ ދެވަނާގައި އޮތީ ސިފައިންގޭގައި 30 އަހަރަށްވުރެ ގިނަ ދުވަހު އުޅުއްވި ކާނަލް ރެޓަޔަޑް އަހްމަދު ޖިހާދުގެ ނަމެވެ. އެންއައިސީއަށް އޭނާ އައްޔަން ކުރުމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެންބަރުންގެ އިއްތިފާގުން ފާސްކުރި އެވެ. ރުހުން ލިބޭ ވަރަށް ވޯޓު ހަމަވުމުން އިތުރު ނަމަކަށް ވޯޓަކަށް ނާހަ އެވެ.

އެނގިފައިވާ ގޮތުގައި ޖިހާދު އައްޔަން ކުރުމަށް މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުންނަށް ތްރީލައިން ވިޕެއް ނެރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް އިން ވަނީ ފާސްކޮށްފަ އެވެ.

ޖޭއެސްސީގެ އާންމުންގެ މެންބަރުންގެ ގޮތުގައި ކުރިން އިންނެވި ޝުއައިބް އާއި ޖިހާދުގެ އިތުރުން އެންއައިސީއަށް އައްޔަން ކުރަން އިތުރު ދެ ނަމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި އެވެ. އެއި ހއ. ދިއްދޫ، ތިލަދޫ ޑރ. މަރިޔަމް ޝަހުނީޒާ ނަސީރު އަދި ގ. ތުނޑިވެލި، ހައްވާ ލީޝާ އެވެ.

އެންއައިސީއަށް މެންބަރަކު އައްޔަން ކުރަން މަޖިލީހުން ފާސްކުރީ، އެ ކޮމިޝަންގެ ރައީސް ކަމުގައި ކުރިން ހުންނެވި މުހައްމަދު ފަރުހާދު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. އޭނާގެ އިސްތިއުފާއާ ގުޅިގެން އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލާން ދެ ފަހަރަކަށް ފުރުސަތު ހުޅުވާލި އެވެ.

ފުރަތަމަ ފުރުސަތު ހުޅުވާލީ މިދިޔަ 18 ވަނަ މަޖިލީސް ކުރިއަށް ދަނިކޮށެވެ. ނަމަވެސް އެ މަޖިލީހުގެ ދައުރު ފުރިހަމަވިއިރު އެ ކޮމިޝަނަށް މެންބަރަކު އައްޔަން ކުރަން ރުހުން ދިނުމަށް ފާހެއް ނުކުރެވުނެވެ. އެހެންކަމުން 19 ވަނަ މަޖިލީހުން ނިންމީ އަލުން އެ މަސައްކަތް ކުރުމަށް ދެވަނަ ފަހަރަށް ފުރުސަތު ހުޅުވާލުމަށެވެ.