ރާއްޖޭގައި މަސައްކަތްތެރިން ގިނަ އެވެ. ހުނަރުވެރިން ވެސް ގިނަ އެވެ. ނަމަވެސް މިހާތަނަށް ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ އެ މީހުންނަށް ރަނގަޅު ފުރުސަތެއް ނުލިބުމެވެ. މަސައްކަތްތެރިންގެ އުފެއްދުންތައް ދައްކާލާނެ ގޮތެއް ނެތުމެވެ. އެހެންވެ އެކަމަށް ހައްލެއް ގެނެސް ދިނުމަށްޓަކައި ސަރުކާރުން ވަނީ އާ މަސައްކަތެއް ފަށާފަ އެވެ.
މިގޮތުން ރާއްޖޭގައި ކުރިން ބައްވަމުން އައި ދިވެހި އުފެއްދުންތެރިންގެ ގައުމީ މައުރަޒު "އެކްސްޕޯ މޯލްޑިވްސް" އަށް ރީބްރޭންޑްކޮށް ކޮށްފައި ވަނިކޮށް މި އަހަރު "ފަންނު އެކްސްޕޯ" ގެ ނަމުގައި ބާއްވާ އެކްސްޕޯ ބުރާސްފަތި ދުވަހު ފެއާ ހުޅުވާނެ އެވެ. ފަންނު އެކްސްޕޯ ވެފައިވަނީ ދިވެހި މަސައްކަތްތެރިންނަށް އޮތް އުންމީދެއްގެ ގޮތުގަ އެވެ.
"އަމިއްލަ ފަރުދުންގެ ގޮތުގައި ތަކެތި އުފައްދާ ފަރާތްތަކާއި އެސްއެމްއީ ތަކަށް ރަނގަޅު ޕްލެޓްފޯމެއް ތައާރަފުކޮށް ދިނުން. ހަމަ މިއާއެކު ރާއްޖޭގައި އުފައްދާ ކޮންމެ ޕްރޮޑަކްޓެއް ވާދަވެރި މާހައުލެއްގައި ވާދަކޮށް މާކެޓު ލިބޭނެ މަގު ތަނަވަސްކޮށް ދިނުން،" އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޒާމިރު ވިދާޅުވި އެވެ.
ފަންނު އެކްސްޕޯގައި 78 ކެޓަގަރީއެއްގައި ހިމެނެ އެވެ. އެހެންވެ މިއީ އެކި ހުނަރު ދައްކާލުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ލިބިގެންދާނެ ފުރުސަތަކަށްވާނެ އެވެ. މި އެކްސްޕޯ ހުޅުވުމާއެކު ފެނިގެންދާނީ ކުރިން ނެތެމުން ދިޔަ މަސައްކަތް އަލުން ދިރިގެން އަންނަ ތަނެވެ.
ރާއްޖޭން ބޭރަށް މާކެޓު ކުރަން ދޮރެއް
ޒާމިރު ވިދާޅުވި ގޮތުގައި ފަންނު އެކްސްޕޯގެ ތެރެއިން ފެނިގެންދާނީ އެއް ތަނެއްގައި ދިވެހި އުފެއްދުންތައް ފެނިގެން ދިއުން ކަމަށާ އެހެންކަމުން މިއީ ދިވެހި އުފެއްދުންތައް މާކެޓު ކުރަން އާ ދޮރަކަށްވާނެ ކަމަށެވެ.
"މިއީ ރާއްޖޭން ބޭރަށް ދިވެހި އުފެއްދުންތައް މާކެޓު ކުރަން ވެސް ދޮރެއް. މިހާރު ރާއްޖޭގެ އުފެއްދުންތައް އެއް ތަނަކުން ނުފެނޭ. ނަމަވެސް މި އެކްސްޕޯގެ ސަބަބުން އެއް ތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ،" ޒާމިރު ވިދާޅުވި އެވެ.
މައުރަޒުގައި ބައިވެރިވާ ފަރާތްތައް
- އަމިއްލަ ފަރުދުންނަށް
- ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާ
- ވިޔަފާރިތަކުގެ ދާއިރާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގައި ބަޔާންކުރާ ވިޔަފާރިތައް)ަ
- ތައުލީމުދޭ މަރުކަޒުތަކުގެ ދާއިރާ
- ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ
- ކްލަބް ޖަމިއްޔާ ދާއިރާ
ޒުވާނުންގެ ޓެކްނޮލޮޖީ ފެންނާނެ
މި އެކްސްޕޯގައި ހުންނާނީ ހަމައެކަނި އަތްތެރި މަސައްކަތްތެރިކަމުގެ ތަކެތި އެކަންޏެއް ނޫނެވެ. މިތަނުގައި ދިވެހި ޒުވާނުން އުފައްދާ ޓެކްނޮލޮޖީގެ އާލާތްތަކާއި ހިދުމަތްތައް ވެސް ފެންނަން ހުންނާނެ އެވެ.
ޒާމިރު ވިދާޅުވި ގޮތުގައި ދިވެއްސަކު އުފައްދާ ކޮންމެ އުފެއްދުމެއް ވެސް ފަންނު އެކްސްޕޯއިން ފެންނަން ހުންނާނެ ކަމަށެވެ.
"އެންމެ ބޮޑާން ޓެކްނޮލޮޖީއާއެކު ހުންނަ އުފެއްދުންތައް ފެނިގެންދާނެ. މިހާރު ޒުވާނުން ޒަމާނީ އެކި އުފެއްދުންތައް ފެނޭ. ކުރީގެ ޕްރޮޑަކްޓްތައް ޒަމާނީކޮށް ފެނިގެންދޭ. އެހެންވެ މިއީ އެ ފަދަ ޒުވާނުންނަށް ވާދަކޮށް އިނާމު ހޯދަން ފުރުސަތު ލިބިގެންދާނެ،" ޒާމިރު ވިދާޅުވި އެވެ.
ތަކެތި ފަންނަން ލިބެން ހުންނާނެ
ފަންނު އެކްސްޕޯއަކީ ހަމައެކަނި ތަކެތި ދައްކާލާ ފެއާއެއް ނޫނެވެ. މިތަނުގައި ދިވެހިން އުފައްދާ އުފެއްދުންތައް ގަންނަން ވެސް ލިބެން ހުންނާނެ އެވެ. މީގެތޭގައި އަތްތެރި މަސައްކަތުގެ ތަކެއްޗާއި ކެއިން ބުއިމުގެ ތަފާތު ދިވެހި ރަހަތައްވެސް ހިމެނެ އެވެ.
ފަންނު އެކްސްޕޯ ކުރިއަށްދާއިރު ދަރުބާރުގެ ސަރަހައްދުގައި ސްޓްރީޓް ފުޑް ފެސްޓިވަލްއެއް ކުރިއަށްދާނެ އެވެ. ފަންނު އެކްސްޕޯގައި ހިނގާނެ އެންމެ މުހިންމު ކަމަކީމި އެވެ.
ވަނަ ހޮވައި ގިނަ އިނާމު ތަކެއް
މި މައުރަޒުގައި ތަކެތި ބައިވެރި ކުރާ ކޮންމެ ދާއިރާއަކުން ތިން ވަނައެއް ހޮވާނެ އެވެ. ރަންވަނަ ވަނަ ( މުޅި މައުރަޒުން އެންމެ މަތިން މާކްސް ލިބޭ ފަސް އުފެއްދުން) މި މައުރަޒުގައި ބައިވެރި ކުރާ ތަކެތީގެ ތެރެއިން، ކޮންމެ ގިންތި އަކުންވެސް 85 ޕަސެންޓް އަށް ވުރެ މަތިން މާކްސް ލިބޭ ތަކެތި މުޅި މައުރަޒުގެ ރަންވަނަ އަށް ވާދަކުރެވޭނެ އެވެ. އަދި އޭގެ ތެރެ އިން ފަނޑިޔާރުން ކަނޑައަޅުއްވާ އެންމެ ރަނގަޅު ފަސް އުފެއްދުމަށް ރަން ވަނަ ދެވޭނެ އެވެ.
ވިޔަފާރި އަކަށް ބަދަލު ކުރަން އެހީ
އުފެއްދުމެއް ތައްޔާރު ކުރުމަށްފަހު މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާކެޓު ކުރުމާއި އެ އެއްޗެއް އުފައްދާނެ ގޮތެއް ނެތުމެވެ. ފުޅާ ކުރަން އޮތް އެންމެ ބޮޑު ހުރަހަކީ މި އެވެ. އެހެންވެ ފަންނު އެކްސްޕޯގައި ބައިވެރިކުރާ އުފެއްދުންތަކުގެ ތެރެ އިން ހޮވާލެވޭ ފަސް އުފެއްދުމަކަށް ހާއްސަ އެހީތަކެއް ލިބޭނެ އެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދާ ދިވެހި އުފެއްދުންތައް ވިއްކާ ފިހާރާގައި މި އުފެއްދުންތައް ޑިސްޕްލޭ ކުރެވޭނެ އެވެ. އަދި ދުބާއީގައި އޮންނަ ހަ މަސް ދުވަހަށް ދެމިގެންދާ "އެކްސްޕޯ 2020" ގައި އުފެއްދުންތައް ބައިވެރި ކުރަން ފުރުސަތު ދޭނެ އެވެ. އަދި މިވަރުން ނިމުނީއެއް ނޫނެވެ. ފަސް ފަރާތަކަށް އެހީވެދީ، އެއިން ކޮންމެ ފަރާތަށް އެސްޑީއެފްސީ އިން އެއް މިލިއަން ރުފިޔާގެ ލުއި ލޯނެއް ދޭން ވެސް ވަނީ ނިންމާފަ އެވެ.
މިހުރިހާ ކަމަކާއެކު ފަންނު އެކްސްޕޯ މާދަމާ ފަށާނެ އެވެ. ފަންނު އެކްސްޕޯ ވެގެންދާނީ ދިވެހި އުފެއްދުންތެރި ކަމަށް އާ އުންމީދެއްގެ ގޮތުގަ އެވެ.