މުހައްމަދު ނާޒިމް

ނާޒިމް ދާއިރާގެ އޮފީސް ހުޅުމާލޭގައި ހުޅުވައިފި

ދަނގެތީ ދާއިރާގެ މެންބަރު ރިޓައަޑް ކާނަލް މުހައްމަދު ނާޒިމްގެ ދާއިރާ އޮފީސް ހުޅުމާލޭގައި ހުޅުވައިފި އެވެ.

ހުޅުމާލޭ، ކެލާމަގުގައި ހުޅުވާފައިވާ އޮފީސް ރަސްމީ ދުވަސްތަކުގައި ހުޅުވާފައި ހުންނާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ ދާއިރާގެ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކޮށް ހިދުމަތްކުރުމަށްޓަކައި އެކަމަށް ހާއްސަ އޮފީހެއް ހުޅުވުމުކީ ލިބޭ އުފަލެއް ކަމަށެވެ.

ނާޒިމް ވިދާޅުވީ މަޖިލީހަށް ހުށައެޅޭ ބިލްތަކަށް އާންމު މެންބަރުންގެ ޚިޔާލު ހޯދާ، ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް އޮފީހެއް ހުޅުވުމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ނާޒިމް މިހާރު ވަނީ ދަނގެތީ ދާއިރާގެ ރައްޔިތުންނާ ބައްދަލްކުރުމަށް އެ ދާއިރާއަށް ވަޑައިގެންފައެވެ. ދަނގެތީ ދާއިރާގައި ހިމެނެނީ ފަސް ރަށެވެ. އެއީ ދަނގެތި، ދިއްދޫ، މަންދޫ، އޮމަދޫ، ދިގުރަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރެއްގެ ގޮތުގައި ކުރިން ހުންނެވި ނާޒިމް އަކީ ސިފައިންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް މަަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. ރައީސް ވަހީދާއި، ރައީސް ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ ޑިފެންސް މިނިސްޓަރުކަން ކުރައްވާފައެވެ.

ރައީސް ޔާމީންގެ ދައުރުގައި ނާޒިމް ވަނީ ޖަލުގައިވެސް ގިނަ ދުވަސްތަކެއް ހޭދަކޮށްފައެވެ.