މުހައްމަދު ނާޒިމް

ހުޅުމާލެ އާބާދުކޮށްފައިވާ ގޮތުން ދިރިއުޅުމުގެ ހާލަތު ދަށް: ނާޒިމު

ހުޅުމާލެ ތަރައްގީކޮށް މީހުން އާބާދުކޮށްފައިވާ ގޮތުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ހާލަތު ދަށް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ރޭ ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވާ ނާޒިމު ވިދާޅުވީ ހުޅުމާލެ ފަދަ ތަނެއް ހިއްކައިގެން އާބާދުކުރިއިރު އެކަން ކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އެހެންވެ ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމުގެ އާންމު ހާލަތު ދަށް ކަމަށް ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކާ އެތަނުގައި ހިޔާ ޓަވަރުތައް އަޅައި ރައްޔިތުން ދިރިއުޅުމަށް ފްލެޓް ދޫކުރިއިރު އަސާސީ ގިނަ ހިދުމަތްތަކާއި ކޮންމެހެން ހުންނަންޖެހޭ ވަސީލަތްތައް ގާއިމުކުރެވިފައި ނުވާ ކަމަށެވެ. އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ އެންމެ ބޮޑު އިސްކަމެއް ދޭނީ އަސާސީ ހިދުމަތްތަކާއި ކޮންމެހެން ހުންނަންޖެހޭ ވަސީލަތްތައް ހުޅުމާލޭގައި ގާއިމުކުރުމަށް ކަމަށް ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ ރައްޔިތުން އޭނާއަށް ފުރުސަތު ދެއްވައިފިނަމަ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޒަމާނީ ހިދުމަތްތައް ލިބޭ ހޮސްޕިޓަލެއް ގާއިމުކޮށް އެތަނުން ލިބޭ ފައިދާ އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.

"ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމުގެ ހާލަތު ހަގީގަތުގައިވެސް ވަރަށް ދަށް،" ނާޒިމު ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގެ ކުލި މައާފްކޮށްދެއްވާނެ ކަމަށް ބައެއް ކެންޑިޑޭޓުން ވިދާޅުވަމުން ގެންދަވާތީ ނާޒިމު ވަނީ އެކަމަށް ރައްދު ދެއްވާފަ އެެވެ. އޭނާ ވިދާޅުވީ އެއީ ކޮންމެ ބޭފުޅަކު ވިދާޅުވި ނަމަވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ހިޔާ ފްލެޓްތަކުގެ ކުލި 4،000 ރުފިޔާއަށް ވުރެ ކުޑަކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ.

މިބައްދަލުވުމުގައިވެސް ނާޒިމު ވަނީ މާލެ ސަރަހައްދު ތަރައްގީކުރުމަށް އޭނާ ގެންގުޅޭ ތަސައްވުރުގެ މުހިއްމު ބައިތައް ހިއްސާކުރައްވާ އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ނާޒިމު ވިދާޅުވީ އޭނާގެ މާލޭގެ ތަސައްވުރުގައި ހުރީ މުޅިންވެސް ކުރެވޭނެ ކަންތައްތައް ކަމަށެވެ.

"އަޅުގަނޑުގެ ވެރިކަމެއްގައި މާލެ ހިތްފަސޭހަ ތަނަކަށް ހަދާނަން،" ނާޒިމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފިނަމަ މާލެއާއި އަތޮޅު ތެރޭގައި އަސާސީ ހިދުމަތްތަކަށް ނަގާ އަގު އެއް އަގަކަށް ބަދަލުކުރާނެ ކަމަށެވެ. އަދި ކޮންމެ ގޭބީސީއަކަށް ކަރަންޓުގެ ފުރަތަމަ 100 ޔުނިޓް ހިލޭ އަދި ކޮންމެ ގޭބީސީއަކަށް 3،000 ލީޓަރުގެ ފެން ހިލޭ ލިބޭ ގޮތް ހަމަޖައްސަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.