މުހައްމަދު ނާޒިމް

ޓެކްސްއަށް ފިލައިގެން ނޫޅޭވޭނެ، މީރާވެސް ހަރުދަނާކުރާނަން: ނާޒިމު

ވެރިކަމާ ހަވާލުވެވަޑައިގެން އިގްތިސާދީ ބޮޑު އިންގިލާބެއް ގެނެސް ދަރަނި ދެއްކުމުގެ ގާބިލްކަން ހޯދާނާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަހުސްގައި ރާއްޖޭގެ އިގްތިސާދު ހަމައަކަށް އަޅުވައި ރާއްޖެއަށް ބޮޑުވެފައި އޮއްވާ ދަރަނި މައްސަލަ ހައްލުކުރާނީ ކިހިނެއްތޯ ދެންނެވުމުން ނާޒިމު ވިދާޅުވީ ދަރަނި އޮތުމަކީ އޭގެ ޒާތުގައި މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ. ބޭނުންވާ އިގްތިސާދަށް ބަދަލުތަކެއް ގެނެސް ފައިސާ ދެއްކޭނެ ގޮތް ހޯދުމަށް ކަމުގައި ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ އޭނާ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ނުނިމި އޮތް އެއާޕޯޓް ދެ އަހަރުގެ ތެރޭގައި ނިންމާނެ ކަމަށެވެ. ރާއްޖޭގައި ގިނަ އެއާޕޯޓްތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާއިރު ވަކި އެއާޕޯޓެއް ނާޒިމު ވިދާޅުވެފައެއް ނުވެ އެވެ.

ރާއްޖޭގެ މައި އެއާޕޯޓް -- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ މަސައްކަތުގައި ގިނަ ދުވަސްތަކެއް ވެފައިވާތީ ނާޒިމު އިޝާރާތް ކުރެއްވީ ވީއައިއޭ ކަމަށް ބެލެވެ އެވެ.

ރާއްޖެއަށް އެންމެ ގިނަ ފައިސާ ލިބޭ އެއް ދާއިރާ އަކީ ޓޫރިޒަމްގެ ދާއިރާ ކަމަށްވީ ނަމަވެސް ތަފާތު ސަބަބުތަކާ ހެދި ރިސޯޓުތަކެއްގެ ގޮތުގައި ނުހެދި ހުރި ގިނަ ރަށްތަކެއް އެބަހުއްޓެވެ. ނާޒިމު ވިދާޅުވީ އޭނާ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިރަށްތައް އަވަހަށް ނިންމާ މި ރަށްތަކުން ލިބޭ ނަފާ އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ނާޒިމު ވަނީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ އެޑްވެންޗާ ޓޫރިޒަމް ތައާރަފް ކުރުމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީކުރުމަށް އެ ދާއިރާ އިން ލިބޭ އާމްދަނީ އިތުރުކުރާނެ ކަމުގައި ވިދާޅުވި އެވެ.

މީގެއިތުރުން ދެ އިންޑަސްޓްރީއެއް ތައާރަފްކުރައްވާނެ ކަމަށްވެސް ނާޒިމު ވިދާޅުވި އެެވެ. އެއީ އެޑިޔުކޭޝަނަލް ސެކްޓާގެ މަސައްކަތަކާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ސިނާއަތެއް ކަމުގައި ވިދާޅުވި އެވެ.

"[މިދެ އިންޑަސްޓްރީ] އިތުރުކުރުމާ އެކު ދިވެހިރާއްޖެއަށް ލިބޭ އާމްދަނީ ދެގުނައަށް އިރާދަކުރެއްވިއްޔާ އިތުރުކޮށް ދައުލަތުގެ ހަރަދު ބޮޑު ތަނުން ކުޑަކުރާނަން،" ނާޒިމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހިރާއްޖޭގެ އިންފްލޭޝަން ކުޑަކުރުމަށްޓަކައި ޑޮލަރު މާރުކުރާ ރޭޓް 15.42 ރުފިޔާއަށް ބަދަލުކުރުމަށްޓަކައި ރާއްޖެއަށް ލިބޭ ޑޮލަރުގެ 60 ޕަސަންޓް ބޭންކްތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނުތައް އިސްލާހުކުރައްވާނެ ކަމަށެވެ. މިބަދަލާ އެކު ބޭރު ފައިސާގެ މައްސަލަ ހަމައަކަށް އެޅޭނެ ކަމުގައި ވިދާޅުވި އެވެ.

"ހަމައެއާ އެކީގައި އަޅުގަނޑަށް ގަބޫލުކުރެވޭ ދިވެހިން މިހާރު ތިބި ހާލަތުން އެހެން ހާލަތަކަށް ގެނައުމަށްޓަކައި އަޅުގަނޑުމެންނަށް އެހެން ކަންކަން ކުރެވޭނެކަން. ހަމަ ޔަގީނުންވެސް އަޅުގަނޑުގެ ސަރުކާރެއް މިކަން ކުރާނެ ވާހަކަ ދަންނަވަން.

ނާޒިމު އިތުރަށް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އާ ޓެކްސްއެއް ނުނަގާނެ ކަމަށާއި ނަމަވެސް ދައުލަތަށް ލިބޭ އާމްދަނީ ނަގާ އިދާރާ -- މީރާގެ ހިންގުން ހަރުދަނާ ކުރާނެ ކަމަށެވެ.

"ހަމައެއާ އެކު ޓެކްސްއަށް ފިލައިގެން މީހުންނަކަށް ނުޅޭވޭނެ. ހުރިހާ އެންމެން ޖެހޭނީ ޓެކްސް ދައްކަން. އިރާދަކުރެއްވިއްޔާ ޓެކްސް ދެއްކީމާ މިއިގްތިސާދު ހަމައަކަށް އަޅުވާލެވޭނެ،" ނާޒިމު ވިދާޅުވި އެވެ.