މިސްކިތް

އާރުސީސީ މިސްކިތް ހުޅުވަނީ، ވަގުތީ މިސްކިތް ބަންދު

މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ގެ އެހީގައި ހުޅުމާލޭގައި އިމާރާތް ކުރި "މަސްޖިދު ރަޝީދު" ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ޖޫން 16، 2020 ގައި ބިންގާ އެޅި މިސްކިތްތަކީ އާރްސީސީގެ ބާނީ އަދި ކުރީގެ ޗެއާމަން، މަރުހޫމް އަބްދުއް ރަޝީދުގެ ހަނދާނުގައި އިމާރާތް ކުރާ މިސްކިތެކެވެ. ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ. ނަމަވެސް މިސްކިތުގެ މަސައްކަތް ކުރިއަށް ދަނިކޮށް ރަޝީދު ވަނީ އަވަހާރަވެފައެވެ. މިސްކިތެއް ބިނާ ކުރެއްވުމަކީ ރަޝީދުގެ ވަރަށް ބޮޑު އުންމީދެކެވެ.

ހުޅުމާލޭގެ ބެލެނިވެރިކަން އޮތް އެޗްޑީސީން މިއަދު ބުނީ "މަސްޖިދު ރަޝީދު" އަންނަ ހޮނިހިރު ދުވަހުގެ ރޭ އިޝާ ނަމާދަށް ހުޅުވަން ނިންމާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ހުރި ވަގުތީ މިސްކިތް "މަސްޖިދުލް ފިތުޔާ" އެ ރޭގެ މަގުރިބު ނަމާދަށް ފަހު ބަންދު ކުރާނެ ކަމަށެވެ.

"މަސްޖިދުލް ފިތުޔާ" ގައި ނަމާދު ކުރުން ހުއްޓާލަން އިސްލާމިކް މިނިސްޓްރީން ނިންމީ އަލަށް ހުޅުވާ "މަސްޖިދު ރަޝީދު" އަކީ 1،200 މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭ ވަރުގެ ބޮޑު މިސްކިތަކަށް ވެފައި ކައިރި ކައިރީގައި ދެ މިސްކިތް ހުރުމުންނެވެ.

އާރްސީސީއަކީ 1950 ގައި "ރަޝީދު ކާޕެންޓަރީ" ގެ ނަމުގައި ފެށި ކުޑަ ވަޑާން ގެއަކުން އުފެދުނު ވިޔަފާރިއެއްގެ ތެރެއިން އައި ކުންފުންޏެކެވެ. ކުންފުނީގެ ޗެއާމަން އަބްދުއް ރަޝީދު ފެއްޓެވި އެ މަސައްކަތް ބޮޑު ކުންފުންޏަކަށް ބަދަލުވެ ކުންފުނީގެ މަސައްކަތްތައް މިހާރު ބަލަހައްޓަނީ އޭނާގެ ކޮއްކޮ އިބްރާހިމް ރަޝީދާއި އޭނާގެ ދަރިކަލުން ނާޒިމާއި އާއިލާގެ ބައެއް އެހެން މަންބަރުންނެވެ.