އާބަންކޯ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް އަޅަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތިން ފަންގިފިލާގެ މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މިސްކިތް އިމާރާތްކުރަން އާބަންކޯއިން ހަވާލުކޮށްފައިވަނީ އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސްއާއެވެ.

މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޔާޒެވެ.

މި މިސްކިތަކީ 11،643 އަކަފޫޓުގެ ބިމެއްގައި އިމާރާތްކުރާ މިސްކިތެކެވެ. ތިން ފަންގިފިލާއަށް އިމާރާތްކުރާ މި މިސްކިތަކީ 521 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތް އިމާރާތްކުރަނީ ހުޅުމާލެ ލޮޓް ނަންބަރު 20243ގަ އެވެ.

އަލަށް އިމާރާތްކުރަން ހަވާލު ކުރެވުނު މިސްކިތާއެކު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަތް މިސްކިތެއްގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.