ހުޅުމާލެ

ފައިލޭރިއާއިން ރައްކާތެރިވުމަށް ހުޅުމާލެ ފޮގް ކުރަނީ

ފައިލޭރިއާއިން ރައްކާތެރިވުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ހާއްސަ ކެމްޕޭން -- "#ފައިލޭރިއާއިންރައްކާ"ގެ ދަށުން ހުޅުމާލެ ފޮގް ކުރުމުގެ މަސައްކަތް އާބަންކޯ އިން މިއަދު ފަށައިފި އެވެ.

ފޮގް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކުވެސް ކަނޑައެޅިފައިވާ ވަކި ސަރަހައްދެއްގައެވެ. އެގޮތުން ހުޅުމާލެ ފޮގް ކުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ 20 ސަރަހައްދަކަށް ބަހާލައިގެންނެވެ.

ކޮންމެ ދުވަހަކު ފަތިހު 5:00 އިން 6:00 އަށް އަދި އިރުއޮއްސި 6:00 އިން 7:00 އަށް ފޮގްކުރުމަށް އާބަންކޯ އިން ނިންމާފައިވެ އެވެ. އެހެންކަމުން ފޮގްކުރުން ކުރިއަށްދާ ވަގުތުތަކުގައި މަގުމަތީގައި އުޅޭ މީހުން ސަމާލުވުމަށް އާބަންކޯ އިން ވަނީ އެދިފަ އެވެ.

ހުޅުމާލެއިން މަދިރި މަދުކުރުމަށް މީގެ ކުރިންވެސް އާބަންކޯއިން އިސްނަގައިގެން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިޔަ އެވެ. މިގޮތުން އެކި ސަރަހައްދު ފޮގް ކުރުމާއި، މަދިރި އާލާވާ ފަދަ ތަންތަން ނައްތާލުމަށް މަސައްކަތް ކޮށްފައިވެ އެވެ.

މީގެއިތުރުން ފައިލޭރިޔާ ފެތުރުން ހުއްޓުވުމަށް އާބަންކޯ އިން ހާއްސަ އިސްކަމެއް ދީގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ހުޅުމާލޭގައި ދިރިއުޅޭ މީހުން ސްކްރީން ކުރުން އެޗްޕީއޭ އާއި ގުޅިގެން މިމަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.