ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއަށް ފުށިދިއްގަރުފަޅު -- ރަސްމާލެ ހިއްކަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް ޖުމްލަ 70 ހެކްޓަރުގެ ދިގު މުއްދަތަށް ދީގެން ކަމަށް އާބަންކޯ އިން ބުނެފި އެވެ.
އާބަންކޯ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވި ގޮތުގައި ސީއެމްސީސީއަށް ބިން ދެނީ ހުޅުމާލެ ދެވަނަ ފިޔަވަހިންނާއި ރަސްމާލެ އިންނެވެ.
އެގޮތުން ހުޅުމާޅެ ދެވަނަ ފިޔަވަހިން 10 ހެކްޓަރުގެ ބިން ދީފައިވާ ކަމަށާއި ރަސްމާލެ ހިއްކާ ނިމުމުން އެތަނުން 60 ހެކްޓަރުގެ ބިން ސީއެމްސީސީއަށް ދޫކުރާނެ ކަމަށެވެ.
ފަޒުލް ވިދާޅުވި ގޮތުގައި ބިން ދޫކުރަނީ ރަސްމާލެ ތަރައްގީކުރަން ހޭދަވާނެ ކަމަށް ބެލެވޭ 99 އަހަރުގެ މުއްދަތަށެވެ.
"އަޅުގަނޑުމެން އަތުގައި އޮތް އެސެޓެއް އަޅުގަނޑުމެން މި ދެނީ 1093 ހެކްޓަރު އަޅުގަނޑުމެންގެ އަތަށް ލިބޭ ގޮތަށް،" ފަޒުލް ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވީ ރަސްމާލެ މަޝްރޫއު ހިންގަން ސަރުކާރުން އާބަންކޯ އިން އެއްވެސް ހަރަދެއް ނުކުރާނެ ކަމަށެވެ.
ސީއެމްސީސީއަށް ދިން ބިންތައް އެ ކުންފުނިން ބޭނުންވާ އަގެއްގައި ވިއްކޭނެ ކަމަށާއި އެ ފައިސާ އާބަންކޯގެ އެކްސްކްރޯ އެކައުންޓަކަށް ޖަމާކުރާއިރު ސީއެމްސީސީއަށް ފައިސާ ދޫކުރާނީ ކުންފުނީގެ ޕްރޮގްރެސިވް ޑިވެލޮޕްމަންޓަށް ބެލުމަށްފަހު ކަމަށްވެސް ފަޒުލް ވިދާޅުވި އެވެ.
ފުށިދިއްގަރުފަޅު -- ރަސްމާލެ ހިއްކަން ފަށާފައިވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް މަސައްކަތް ފަށާތާ އަށްމަސް ދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅުގައި 1،150 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. އަދި އެ ސަރަހައްދު ހިއްކާ 11،900 ގޯއްޗާއި، 26،000 ފްލެޓް އިމާރާތް ކުރާނެ ކަމަށް ރައީސް ވަނީ ރިޔާސީ ކެމްޕޭންގައި ވިދާޅުވެފަ އެވެ.
ފުށިދިއްގަރުފަޅު ހިއްކުމަށް ތައްޔާރުވަމުންދާއިރު އެ މަޝްރޫއަށް ބޭނުންވާ 400 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނި އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރިއިރު ފުށިދިއްގަރުފަޅު ހިއްކުމަށް ބަޖެޓްގައި ޖެހި 400 މިލިއަން ރުފިޔާ އެހެން ކަންކަމަށް ހަރަދުކުރުމަށް ވަނީ ހިމަނާފަ އެވެ.
ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ. މާލެ ސަރަހައްދުގެ ތޮއްޖެހުމާއި، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކުރުމަކީ މި ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދެވެ. މިކަމުގައި ރައީސުލްޖުމްހުރިއްޔާ ގެންގުޅުއްވާ އެންމެ ބޮޑު ތަސައްވުރަކީ މާލޭ ކައިރީގައި އޮތް ފުށިދިއްގަރު ފަޅު ހިއްކައި އާބާދުކުރުމެވެ.