ފުށިދިއްގަރު ފަޅު

ފުށިދިއްގަރު ފަޅުން 10 ހެކްޓަރުގެ ބިން ހިއްކައިފި

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއަށް ހަފްތާއެއްވީއިރު 10 ހެކްޓަރުގެ ބިން ހިއްކައިފި އެވެ.

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއޫ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވީ މިމަހުގެ 18 ވަނަ ދުވަހު އެވެ.

ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު "ރަސްމާލެ" ތަރައްގީކުރަނީ ފުށިދިއްގަރު ފަޅު ހިއްކުމަށްފަހު އެތަނުގައެވެ. ރަސްމާލޭގެ ބޮޑުމިން ހުޅުމާލޭގެ ދެފިޔަވަހި އެއްކޮލުމުން އޮންނަ ބިމަށްވުރެ ތިންގުނަ ބޮޑުވާނެ އެވެ.

ފުށިދިއްގަރު ފަޅު ހިއްކަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އާ ހަވާލުކޮށްގެންނެވެ. ސީއެމްސީސީ އިން ފުށިދިއްގަރު ފަޅު ހިއްކަނީ އެތަނުން 60 ހެކްޓަރު އަދި ހުޅުމާލެ އިން 10 ހެކްޓަރުގެ ބިން އެ ކުންފުންޏަށް 99 އަހަރަށް ލިބޭ ގޮތަށެވެ. އޭރުން މިމަޝްރޫއަށް ދައުލަތުންވެސް އާބަންކޯ އިންވެސް އެއްވެސް ހަރަދެއް ކުރާކަށް ނުޖެހެ އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް މަސައްކަތް ފަށާތާ އަށްމަސް ދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅުގައި 1،150 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. އަދި އެ ސަރަހައްދު ހިއްކާ 11،900 ގޯއްޗާއި، 26،000 ފްލެޓް އިމާރާތް ކުރާނެ ކަމަށް ރައީސް ވަނީ ރިޔާސީ ކެމްޕޭންގައި ވިދާޅުވެފަ އެވެ.

ފުށިދިއްގަރު ފަޅު ހިއްކުމަށް އެ މަޝްރޫއަށް ބޭނުންވާ 400 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމެނި އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރިއިރު ފުށިދިއްގަރު ފަޅު ހިއްކުމަށް ބަޖެޓްގައި ޖެހި 400 މިލިއަން ރުފިޔާ އެހެން ކަންކަމަށް ހަރަދުކުރުމަށް ވަނީ ހިމަނާފަ އެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް މެނިފެސްޓޯގައިވެސް އޮތީ ހިމަނާފަ އެވެ.