ހުޅުމާލެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަންދުކޮށްފައިވާ ސަރަހައްދަށް ނުވަނުމަށް އިލްތިމާސްކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމުގައި ބަންދުކޮށްފައިވާ ސަރަހައްދަށް ނުވަނުމަށް އާބަންކޯ އިން އިލްތިމާސްކޮށްފި އެވެ.

އާބަންކޯ އިން ބުނީ މިދުވަސްވަރަކީ މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ބަލިތައް ގިނަވެ ހުޅުމާލޭގައިވެސް އާދަޔާ ހިލާފަށް މަދިރި ގިނަވެފައިވާ ދުވަސްވަރެއް ކަމަށެވެ. އެހެންވެ ސިއްހީ ދާއިރާގެ ހިދުމަތްތެރިން ދަނީ މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ތަކުރާރުކޮށް އިލްތިމާސް ކުރަމުން ކަމަށް ބުންޏެވެ.

އާބަންކޯ އިން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމުގައި ބަންދުކޮށްފައިވާ ސަރަހައްދަކީ ކޮންސްޓްރަކްޝަން މަސައްކަތުގެ އިތުރުން ހުސްބިންތަކުގައި ބޮޑެތި ގަސްތަކާއި ވިނަހުރި ސަރަހައްދަކަށް ވެފައި މިސަރަހައްދުގައި މަސައްކަތްކުރާ މީހުންވެސް މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމުގައި ބަންދުކޮށްފައިވާ ސަރަހައްދަކީ އާންމުންނަށް ހުޅުވާލެވިފައިވާ ސަރަހައްދަކަށް ނުވިނަމަވެސް މަދުން ނަމަވެސް އާންމުން މިސަރަހައްދަށް ވަންނަކަން ފާހަގަކުރެވޭ ކަމަށް އާބަންކޯ އިން ބުނެ އެވެ. އަދި ތަކުރާރުކޮށް އެކި ފަހަރުމަތިން މިސަރަހައްދަށް ނުވަނުމަށް އިލްތިމާސްކޮށްފައިވާނެ ކަމަށްވެސް ބުންޏެވެ.

"ވީމާ ހުއްދަ ނެތި ޒަރޫރީ އެއްވެސް ބޭނުމަކާއި ނުލައި މިސަރަހައްދަށް ނުވަނުމަށް އަންގާ އިއުލާންކުރަމެވެ،" އާބަންކޯ އިން މިއަދު ނެރުނު ބަޔާނެއްގައިވެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމުގައި ބަންދުކޮށްފައިވާ ސަރަހައްދަށް ނުވަނުމަށް އާބަންކޯ އިން އަންގާފައި މިވަނީ ހުޅުމާލެ އިން ފައިލޭރިއާ ޖެހިފައިވާ ބިދޭސީއަކު ފެނިފައި ވަނިކޮށެވެ. ފައިލޭރިއާ އަކީ މަދިރިން ޖެހޭ ބައްޔަކަށް ވާތީ ހުޅުމާލޭގައި މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ނައްތާލުމުގެ މަސައްކަތްވެސް އާބަންކޯ އިން ވަނީ ފަށާފަ އެވެ.