ހުޅުމާލެ

ތިންވަނަ ފިޔަވަހީގެ ސައިޓް ބީ ހިއްކަން ފަށައިފި

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ސައިޓް އޭގެ ބިން ހިއްކުން ނިންމުމަށްފަހު ސައިޓް ބީގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ސެޕްޓެމްބަރު 22 ވަނަ ދުވަހު އެވެ. މިމަސައްކަތް ކުރަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. ބިން ހިއްކުމުގެ ފުރަތަމަ ބައި -- ސައިޓް އޭގެ ބިން ހިއްކުމުގެ ދަށުން ހިއްކާފައިވަނީ 10 ހެކްޓަރުގެ ބިމެވެ.

ސައިޓް ބީގައި 29 ހެކްޓަރު ސައިޓް ސީގައި 24 ހެކްޓަރާ އެކު ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ.

ސައިޓް ބީ ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާތީ އެ ސަރަހައްދުގައިވާ އުޅަނދުތައް މިމަހުގެ 22 ވާ އާދިއްތަ ދުވަހުގެ ކުރިން ނެގުމަށްވެސް އާބަންކޯ އިން ވަނީ އެދިފަ އެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއަކީ މާލޭގެ ގިނަ ރައްޔިތުން، އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ގިނަ ބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫއެއް ކަމަށް އާބަންކޯ އިން ބުނެ އެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ އިތުރުން ކުޑަގިރި، ތިލަފުށި، ގުޅިފަޅު އަދި ދިޔަނެރު ފަޅު ތަރައްގީކުރުމުގެ މަޝްރޫއު ވެސް އާބަންކޯ އިން ދަނީ ކުރަމުންނެވެ.