ހުޅުމާލެ

ގޯތިދޭން ހުޅުމާލެ އަނެއްކާވެސް ހިއްކަނީ

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކައި ހުޅުމާލެ އަނެއްކާވެސް ހިއްކުމަށް ނިންމައިފި އެވެ.

ހިއްކުމަށް ނިންމާފައިވަނީ ހުޅުމާލޭގައި ކުރޫޒް ޓާމިނަލް ހަދަން ހާއްސަކޮށްފައިވާ ސަރަހައްދެވެ.

އެނގިފައިވާ ގޮތުން އެ ސަރަހައްދު ހިއްކުން ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާއި ވަނީ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް އަންނަ މަހުގެ ފުރަތަމަ ހަފުތާގައި ފަށަން ވަނީ ނިންމާފަ އެވެ.

އެ ސަރަހައްދުން 62.6 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން އާބަންކޯގެ ބަހެއް އަދި ނުލިބެ އެވެ.

ހިއްކަން ނިންމާފައިވާ ސަރަހައްދަކީ ހުޅުމާލޭގެ ދެ ފިޔަވަހި ގުޅާލުމަށް ހަދާފައިވާ ބްރިޖުތަކުގެ ހުޅަނގު އުތުރުކޮޅަށްވާ ގޮތަށް އޮންނ މުޅި ފަޅެވެ. އެ ސަރަހައްދު ހިއްކާއިރު ކުރިން ރިސޯޓެއްގެ ގޮތުގައި އޮތް އަދި މިހާރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެެއްގެ ގޮތުގައި އޮތް ފަރުކޮޅުފުށި ވެސް އެކީއެކަށް ހިއްކިގެންދާނެ އެވެ.

ހުޅުމާލޭގެ ފަޅުން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދަކީ މިހާރު ގިނަ އަދަދެއްގެ ސަފާރީ ބަނދަރުކުރާ ސަރަހައްދަކެވެ. ސަފާރީތަކާ މެދު ސަރުކާރުން އަމަލުކުރަން ވިސްނާފައި އޮތް ގޮތެއް އަދި ސާފެއް ނުވެ އެވެ. މާލެއާ ކައިރިން ސަފާރީތައް ބަނދަރުކުރަން ބަނދަރެއް ހެދުމަށް ފަޅެއް ދިން ނަމަވެސް އެ މަސައްކަތް އެއްވެސް ވަރަކަށް ފެށިފައެއް ނުވެ އެވެ.