ހުޅުމާލެ

ހުޅުމާލޭގެ ބިން ހިއްކަން ފަށާތީ އުޅަނދުތައް ނަގަން އަންގައިފި

ހުޅުމާލެ ތިން ފިޔަވަހީގެ ސްޓޭޖް ދެއެއް، ސައިޓް ބީ ހިއްކުމަށް ފަޅު ތެރޭގައި ހުރި އުޅަނދުތައް ނަގަން އާބަންކޯ އިން އަންގައިފި އެވެ.

އާބަންކޯ އިން ބުނި ގޮތުގައި ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ސްޓޭޖް ދެއެއް، ސައިޓް ބީގެ މަސައްކަތް މި ހަފުތާ ތެރޭގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މިފަހަރު ހިއްކާ ސަރަހައްދުގެ ބޮޑުމިނަކީ 29 ހެކްޓަރެވެ.

އާބަންކޯ އިން އާންމުކޮށްފައިވާ ޗާޓެއްގައި ވަނީ ބިން ހިއްކާ ސަރަހައްދު ފެހިކުލައިން ފާހަގަކޮށްފަ އެވެ. މީގެ އިތުރުން ރަތް ކުލައިން ސަރަހައްދެއް ފާހަގަކޮށް މި ދެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން ވަނީ އަންގާފަ އެވެ.

މި ގޮތުން ނެގޭ އުޅަނދުތައް މި ސަރަހައްދުގެ ބޭރުގައި އެޅުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށްވެސް އާބަންކޯ އިން ވަނީ ބުނެފަ އެވެ.

ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއުގެ ދަށުން ސްޓޭޖް އެކެއް، ސައިޓް އޭ ގައި 10 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ.

ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކާ އެ ސަރަހައްދުން ގޯތި ދޫކުރަން ކުރީ ސަރުކާރުން ވަނީ ނިންމާފަ އެވެ.