މީހުން

އަޒީޒުއާއެކު އެންމެން އުނދޯޔަށް

Nov 26, 2019
1

ދަރުބާރުގޭގެ ފާށަނާ މާލަމް ދޮރުމަތީގައި މީހުން ޖަމާވެފައި އެއޮތީ ކީއްވެގެން ހެއްޔެވެ؟ ވެގެން އުޅޭ ގޮތް ބެލިއިރު އެ ތަނުގައި ހުރި އުނދޯންޔަކާއެކު އެންމެން ފޮޓޯ ނަގަނީ އެވެ. އުނދޯލީގައި އަތްނުލާށޭ އޭގައި ލިޔެފައި އޮތްނަމަވެސް ބައެއް މީހުންނަށް ބޭއިހުތިޔާރުގައި ނަމަވެސް އޭގައި އަތް ލެވެ އެވެ. އިށީނދެލެވެ އެވ. އުނދޯލި ހެދި މީހާގެ އެ މަސައްކަތުގެ ފުރިހަމަކަމުން ފަންނު އެކްސްޕޯ އަށްދާ އެންމެންގެ ލޮލުގައި އަޅައި ގަންނަ އެއް އުފެއްމަށް މި އުނދޯލި ވަނީ ވެފަ އެވެ. މި މަސައްކަތް ކޮށްފައިވަނީ ލިޔެލާ ޖަހަން މުޅި ރާއްޖެ އަށް މަޝްހޫރު، ބ. ތުޅާދޫ، އަބްދުލް އަޒީޒު އަބްދުލް ރަހީމް އެވެ. އާއްމުނަމުން ނަމަ އަޒީޒް އެވެ.

އަޒީޒްގެ އުނދޯލި ފަންނު އެކްސްޕޯ އިން އެއް ވަނަ ހޯދިއިރު އޭނާ ވަނީ މުޅި މުބާރާތުގެ އެންމެ ގަދަ ފަސް ބައިވެރިންގެ ތެރޭގައި ވެސް ހިމެނެ އެވެ. މި ހުރިހާ ވަނައެއް ވެސް ލިބިފައިވާ މައިގަނޑު އުފެއްދުމަކީ މި އުނދޯންޔެވެ. އަޒީޒު މި އުނދޯލި ދަރުބާރުގެއާ ހަމައަށް ގެންނަން ގިނަ މަސައްކަތް ތަކެއްކޮށް، ގިނަ ވަގުތު ތަކެއް ހޭދަކޮށްފައިވެ އެވެ. އަދި މި މުއްދަތުގައި ލައްކަ ގިނަ ފައިސާ ވެސް އެކަމަށް ހޭދަކޮށްފައިވެ އެވެ. ގާތްގަނޑަކަށް އަށް ފޫޓުގެ ބޮޑު މި އުނދޯލި ހަދާފައިވަނީ މުޅި އުނދޯލި ލިޔެލާ ޖަހައި ރީތިކޮށްލައިގެންނެވެ.

"އުނދޯލި ހަދަން ފެށިތާ ގާތްގަނޑަކަށް ތިން އަހަރު ވެއްޖެ. ވަރަށް ދުވަހުގެ މަސައްކަތް މިއީ. އެކި ދުވަސް މަތިން ހަދަމުން ގޮސް. މިހާރު ނިންމައި. މި ފެންނަ ގޮތަށް ތިހުރީ،" އަޒީޒު ބުންޏެވެ.

ދެ މީހަކަށް ހަމަޖެހިލައިގެން އިށީނދެލެވޭ ވަރަށް ހަދާފައިވަނީ ވަރުގަދަ ކޮށެވެ. ކަނޑައިގެން ދިއުމާއި ވެއްޓުން ފަދަ ކަންކަމުން ސަލާމަތް ކުރުމަށްޓަކައި އުނދޯލި ހަދަން ޗޭނާއި ދަގަނޑު ބޭނުންކޮށްފައިވެ އެވެ. އަދި އުނދޯލީ ދުރަށް ފެންނަ ގޮތް ރީތި ކުރުމަށްޓަކައި ލާޖަހާފައިވާ ގިނަ ފަރުމާ ތަކެއް މީގައި ބޭނުންކޮށްފައިވެ އެވެ. އަދި އުނދޯލީގައި ގިނަ ފަރުމާ ތަކެއް ބޭނުންކޮށްފައިވެ އެވެ. މި އުނދޯލީގައި ހުރި ލިޔެލާ ޖެހުމުގެ މަސައްކަތުން ވާސް ފަދަ ތަކެތީގައި ހުންނަ ފަރުމާއެއް ފެނެ އެވެ. މީގެ އިތުރުން ދަޅުގައި ހުންނަ ބާވަތުގެ ފަރުމާތަކާއި ބެރުގައި ހުންނަ ފަރުމާގެ އިތުރުން ޕެން ހޯލްޑުގައި ހުންނަ ފަރުމާ ގެނެސް ދީފައިވެ އެވެ. އެހެންވެ، ދިވެހިންގެ އިތުރުން ފެއާ އަށް ވަންނަ ބޭރު މީހުން ވެސް އެންމެ އާށޯހުކޮށްލާ އެއް އުފެއްދުމަށް މި އުނދޯލި ވަނީ ވެފަ އެވެ. މި ފުރިހަމަ މަސައްތުގެ އަގު ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާ އަށް އަރަ އެވެ.

"އަގު ބޮޑުކޮށް ލަކުޑި ގަނެގެން ހެދީ. ފުނަ ލަކުޑި ބޭނުންކޮށްފައި ހުންނާނެ މީގައި. ދަގަނޑު ހޮޅި ހުންނާނެ. ބޯލްޓް އަޅާފަ ހުންނާނީ. ވަރަށް ވަރުގަދަ ވާނެ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މީގައި ކޮށްފައި ހުރި މަސައްކަތްތަކާއެކު، އެއްވަރުގެ އަގެއް ތިން ލައްކަ ރުފިޔާއަކީ،" ލިޔެލާ ޖެހުމުގެ މަސައްކަތުގައި އުޅޭތާ ބާރަ އަހަރުވީ ތަޖުރިބާކާރު ބުންޏެވެ.

އަޒީޒު ފަންނު އެކްސްޕޯ އަށް މި އުނދޯލީގެ އިތުރުން ބޮޑު ކާމޭޒެއް ވެސް ހުށަހަޅާފައިވެ އެވެ ކާށި ބަހައްޓާ ބައި ވަކިން އެނބުރޭ ގޮތަށް ހަދާފައިވާ މި މޭޒަށް ވެސް ގިނަ ބައެއްގެ ތަރުހީބު ދަނީ ލިބެމުންނެވެ. އޭނާ ފަންނު އެކްސްޕޯ އަށް ހުށަހެޅި ތަކެއްޗަށް ގިނަ ވަނަ ތަކެއް ވެސް ލިބިފައިވެ އެވެ. އޭނާއަށް މުޅި މައުރަޒުން ލިޔެލާ ޖެހުމުން އެއްވަނަ ލިބުނުއިރު، އަމިއްލަ ފަރުދުންގެ ބަޔާއި މުޅި މައުރަޒުން ރަން ވަނަ ވެސް ހޯދާފައިވެ އެވެ.

"އެއްޗިހި ބައިވެރި ކުރިއިރު ވެސް ވަރަށް އުންމީދު ކޮށްގެން ހުރީ ވަނައަށް. ވަނައެއް ލިބޭނެ ކަމަށް އުންމީދު ކުރިން. އެހެންވެ، ވަރަށް މަސައްކަތް ކުރިން،" އައިޓީބީ ފަދަ ދުނިޔޭގެ ބޮޑެތި ފެއާތަކުގައި ވެސް ބައިވެރިވެފައިވާ ހުނަރުވެރިޔާ ބުންޏެވެ.

ފަންނު އެކްސްޕޯ ބުރާސްފަތި ދުވަހުގެ ނިޔަލަށްދާއިރު، މި އުނދޯލި ހެއްލި ހެއްލި އެ އިނީ ދަރުބާރުގޭގަ އެވެ. އަދި ކޮންމެ ދުވަހަކުވެސް މި އުނދޯއްޔަށް ގިނަ ބަޔަކު އަރާނެ އެވެ.