އަވަސް އެހީ

ފަރްހީން ދީލަތި އެހީގެ އިންތިޒާރުގައި

ތ. ތިމަރަފުށީ ނަޝްވާ އަބްދުލްމަޖީދު އާއި ލ. ފޮނަދޫ، ބަޝީރީހިޔާ މުހައްމަދު ރަޝީދުގެ ހަތް ކުދިންގެ ތެރެއިންގެ ހަ ކުދިންނަކީ 18 އަހަރުން ދަށުގެ ކުދިންނެވެ. އޭގެ ތެރެއިން އުމުރުން ހަތް އަހަރުގެ މަރިޔަމް ފަރްހީންއަކީ އަށް މަހުން ފެށިގެން ސިއްހީ ބޮޑެތި މައްސަލަތަކަކާއި ގުޅިގެން ވޭންދެނިވި ދިރިއުޅުމެއް ތަހަންމަލްކުރަމުންދާ ކުއްޖެކެވެ. އަވަސް އަވަހަށް ބަލިވުމާއި، ހިނގާފައި އުޅުމަށް ދަތިވުމާއި، ވަރުބަލިވުމަކީވެސް ފަރްހީނަށް ދިމާވާ ސިއްހީ މައްސަލަތަކެވެ. އެ މައްސަލަތަކަށް ހައްލު ހޯދުމަށް ރަޝީދާ، ނަޝްވާއަށް ލިބިފައިވާ ހުރިހާ ފައިސާއެއް ވަނީ ހަރަދުކޮށްފައެވެ. މެދުނުކެނޑި ފަސް އަހަރު ކުރި މަސައްކަތުން ފަރްހީނަށް ޖެހިފައިވާ އަސްލު ބަލި ހޯދިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އިންޑިއާއަށް ކުރި ދަތުރުންނެވެ.

ފަރްހީންއަކީ "ގްރޯތް ހޯމޯން ޑިފިސިއެންސީ" ގެ ޝިކާރައަކަށްވެފައިވާ ކުއްޖެކެވެ. އެ ބަލިން ސަލާމަތްވާން ހަތް އަހަރުވަންދެން އޮތީ އިންޖެކްޝަނެއް ބޭނުންކުރުމެވެ. ނަމަވެސް އެއީ ވަރަށް އަގުބޮޑު އިންޖެކްޝަނެކެވެ. ރާއްޖެއިން ބޭރުން ގެނެސްގެން ކޮންމެ ދުވަހަކުވެސް ފަރުހީންގެ ގަޔަށް އެ އިންޖެކްޝަން ޖަހަން ޖެހެއެވެ. އިންޖެކްޝަނެއްގެ އަގަކީ 3400 ރުފިޔާއެވެ. ފުރަތަމަ ތިން އަހަރު ދުވާލަކު އިންޖެކްޝަނެއް ޖަހަންޖެހޭއިރު އެއީ ތިން މިލިއަނަށްވުރެ ފައިސާއެވެ. އެހާ ބޮޑު އަދަދެއްގެ ފަރްހީންގެ ފަރުވާއަށް ކުުރުމަށް އެ އާއިލާގެ ތަނަވަސްކަމެއް ނެތެވެ.

ލ. ފޮނަދޫގައި ދިރިއުޅެމުންދާ ފަރްހީންގެ ހާލަތު ވަަޒަންކޮށް، ބައެއް ޓެސްޓްތައް ހެދުމަށް މަހަކު އެއް ފަހަރު މާލެ އަންނަން ޖެހެއެވެ. އަދި ކޮންމެ ހަ މަހުން އެއް ފަހަރު އިންޑިއާއަށް ދާން ޖެހެއެވެ. މިއީވެސް އިތުރަށް ކުރަންޖެހިފައިވާ ބޮޑެތި ޚަރަދުތަކެވެ. ތުއްތު ފަރްހީނަށް ދޭންޖެހޭ ފަރުވާ ނުލިބި އެންމެ ދުވަހެއް ފާއިތުވީނަމަވެސް "ޑްވާފް" ކުއްޖަކަށްވުމުގެ ފުރުސަތު އެބައޮތް ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ފަރްހީންގެ ފަރުވާއަށްޓަކައި އެ އާއިލާއިން އެތައް ފަހަރެއްގެ މަތިން ބޭންކުތަކުން ވަނީ ލޯނުނަގާފައެވެ. މިހާތަނަށް ފަރުވާ ކުރަމުން އަންނަނީ ލޯނުގެ ގޮތުގައި ލިބުނު ފައިސާއިންނާއި، އާންމުންގެ ފަރާތުން ލިބެމުންދާ ދީލަތި އެހީތެރިކަމުންނެވެ. ފަރްހީންގެ މަންމައާއި ބައްޕަގެ އެންމެ ބޮޑު ހިތްދަތިކަމަކީ މިކަމުގައި ދައުލަތުގެ އެހީތެރިކަމެއް ލިބެމުން ނުދިއުމެވެ.

"މިހާތަނަށް އާސަންދައިން ބުނަމުން އަންނަނީ އެފަރާތުން ދެވޭނެ އެހީތެރިކަމެއް ނެތް ކަމަށް. ކިތަށް އަހަރު މިވީ އެތަނަށް ސިޓީލައިގެން އާދޭސްކުރާތާ. މީގެ ދެމަސް ކުރިން އެންސްޕާއަށްވެސް ސިޓީ ލާފައިވާނީ. ނަމަވެސް އަދި ޖަވާބެއް ނުލިބޭ. ކިހިނެތް މިވަރުގެ ފަރުވާއެއް އަޅުގަނޑުމެން އަމިއްލައަށް ކުރާނީ." ފަރްހީންގެ މަންމަ ނަޝްވާ ބުންޏެވެ. "ސަރުކާރުވެސް އަދި އެއްވެސް އިދާރާއަކަށް ބަދުބަހެއް ބުނުމުގެ ނިޔަތުގައެއް ނޫން މި ވާހަކަ މި ދެއްކީއެއް. އެކަމަކު އަޅުގަނޑު އެދެން މިކަމުގައި އެ އިދާރާތަކުގެ އެހީތެރިކަމަށް. އާންމުންގެ އެހީތެރިކަމަށްވެސް."

ނަޝްވާ ބުނީ މިފަހުންވެސް ފަރްހީނަށް އިތުރު ސިއްހީ މައްސަލަތަކެއް ކުރިމަތިވާން ފަށާފައިވާ ކަމަށެވެ. އެގޮތުން ކަށިފީވެ ނާރުތައް ބެދުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އަދި އެހީތެރިކަމެއް ލިބޭނަަމަ ރާއްޖެއިން ބޭރަށް ގޮސް އިތުރު ޓެސްޓްތައްވެސް ވަނީ ހަދަންޖެހިފައެވެ.

"އަޅުގަނޑަށް އަދިވެސް މި ދަރިފުޅާވެސް ކުޑަނަމަވެސް އުންމީދެއް އޮތީތީ މި އާދޭސްކުރަނީ އެހީތެރިކަމަށް އެދި. ކޮންމެ ދުވަަހަކު މި ކުއްޖާ އެ އުފުލާ ވޭން ފެންނާނީ އަޅުގަނޑަށް. އެހެންވީމަ ލަދުވެތިކަން ދޫކޮށް ސަލާންޖަހަން މިނިކުތީ."

ނަޝްވާ ބުނީ ފަރްހީންގެ ފަރުވާގެ އެންމެ މުހިންމު އެއްޗަކީ އިންޖެކްޝަން ކަމަށްވީއިރު، އިސްލާމިކް ބޭންކް މެދުވެރިކޮށް ލޯނެއް ހޯދައިގެން މެދުނުކެނޑި އިންޖެކްޝަން ގެނެވޭނެ ގޮތެއް ހޯދުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރަޝީދާ، ނަޝްވާގެ 18 އަހަރު ނުފުރޭ ހަ ކުދިންގެ ހުރިހާ ކަމެއް ބަލަމުން އަދި ފަރްހީންގެ ކޮއްކޮއަކީ ތެލެސީމާ ކުއްޖަކަށްވާތީ އޭނާއަށް ބޭނުންވާ ފަރުވާ ހޯދާނެ ތަނަވަސްކަމެއް އެ ދެމަފިރިންގެ ނެތެވެ. އެހެންކަމުން އެދެމަފަރިން އެދެނީ އާންމުންގެ ދީލަތި އެހީތެރިކަމަށެވެ.

* އެހީއެއް ދޭން ބޭނުން ނަމަ: ފޯނު ނަންބަރު: 9968215

* ބީއެމްއެލް އެކައުންޓު ނަންބަރު 7730000190827 (އައިމިނަތު ނަސްވާ)