މި މަންމަ އާއި ބައްޕަގެ ލޮލުން ކަރުނަ ނުހިލޭތާ މިހާރު މަހެއް ވަނީ އެވެ. މީގެ އަށް މަސް ކުރިން މުހައްމަދު ޔުނާން އާއި އަންހެނުން ފާތުމަތު ރިހުލާ އަށް ލިބުނު ތުއްތު ތުއްތު ދަރިފުޅު ގޮޮވައިގެން ކުރިމަތިލާން ޖެހޭނީ ބޮޑު ހަނގުރާމައަަކާ ކަމެއް އެމީހުންނަށް ނޭނގެ އެވެ. ބަލި ހިތަކާއެކު ދުނިޔެ އަށް ނޭވާލި ޔޫން އަށް ފަރުވާ ބޭނުންވިި އެވެ. ޔޫން އަަކީ ވަން އަމްބްލިކަލް އާޓްރީ ބޭބީ އެކެވެ. ކުޑަ ކުޑަ އިރުވެސް ވަނީ ބޮޑު އޮޕަރޭޝަނެއް ކޮށް ފަރުވާކޮށްފަ އެވެ.
މީގެ ދެ ހަފްތާވަރު ކުރިން އަަނެއްކާ އިތުރު މައްސަލަތަކެއް ދިމާވީ އެވެ. ހުން ގަދަވެގެން ޓެސްޓުތައް ހަދައި ބެލުމުން ޔޫންގެ ހިތުގެ ވާތްފަޅި އާދަޔާ ހިލާފަށް ބޮޑުވެ އިތުރު މައްސަލަތައް ދިމާވީ އެވެ. ހިތަށް ބޭނުންވާ ފަރުވާ ހޯދުމަށް އެޑްވައިސް ކޮށްފައި ވަނީ، މީގެ ކުރިންވެސް ޔޫން ބަލާފައިވާ ސާޖަން އަށް ދެއްކުމަށެވެ. އެހެންނަމަވެސް، އެ ސާޖަން މަސައްކަތް ކުރަނީ އެންމެ ފުރަތަމަ ޔޫން އޮޕަރޭޓް ކުރި އަމްރިތާ ހޮސްޕިޓަލް އަކު ނޫނެވެ. އެ ޑޮކްޓަރު މިހާރު ހުރީ ކޮޗިންގައި ހުންނަ ލިސެއި ހޮސްޕިިޓަލްގަ އެވެ. އެ ހޮސްޕިޓަލަކީ ހިތުގެ ބަލިތަކާއި ޓްރާންސްޕްލާންޓް އަށް ހާއްސަ ހޮސްޕިޓަލެކެވެ. އާއިލާ އިންވެސް އެދެނީ އެ ހޮސްޕިޓަލަށް ގެންގޮސް ޔޫން ދެއްކުމަށެވެ. ދެމެދަށް އައީ ކޮވިޑް އާއި އާސަންދަ އެވެ.
ފަރުވާ ނުލިބި އެތައް ދުވަހެއް ވެއްޖެ އެވެ. އެންމެ ފަހުން، އެ އާއިލާ އަށް މަޖުބޫރުވީ އެކަން ރާއްޖޭގެ އެންމެ އިސް ފަރާތާ ހިސާބަށް ގެންދާށެވެ. އިއްޔެ ވަނީ ޔުނާން އާއި ރިހުލާ އެމީހުންގެ ތުއްތު ދަރިފުޅު ގޮވައިގެން މުލިއާގެ ކުރިމައްޗަށް ގޮސްފަ އެވެ. އެދުނީ އެންމެ ކަމަކު އެވެ. ވީ އެންމެ އަވަހަކަށް އެމީހުން އެދޭ، އަދި ޑޮކްޓަރުންވެސް އެޑްވައިސްކޮށްފަަައިވާ ހޮސްްޕިޓަލަށް ފޮނުވައިދިނުމަށެވެ.
އެމީހުންގެ ކަންބޮޮޑުވުމަކީ އަދި ޝަކުވާ އަކީވެސް އެތައް ދުވަހެއް ކުރުމަށް ފަހު އޮޕަރޭޝަން ކުރަން އެދިފައިވާ ހޮސްޕިޓަލަށް ނުފޮނުވާ ކަމެވެ. އެއީ އާސަންދައިން ކަވަކުރާ ހޮސްޕިޓަލަކަށް ނުވާތީ އާސަަންދައިން ހަމަޖެއްސީ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލަށް ދާށެވެ. އެހެންނަމަވެސް، އެތަނަކީ ކުޑަކުދިންގެ ހިތުގެ ފަރުވާ ދޭ ތަނެއް ނޫން ކަމަށް އާއިލާއިން ވަނީ ކުރިންވެސް ބުނެފައި ކަމަށާއި އެންމެ ފަހުން ކިމްސް އިން ފަރުވާ ނުދެވޭތީ އަންނަ ބުދަ ދުވަހު އިންޑިއާ އަށްދާ ފްލައިޓުން އެމީހުންނަކަށް ޖާގަ އެއް ނެތެވެ.
"ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުންދޭ ކޮންމެ ދުވަހަކު ގުޅީމަ ފްލައިޓެއް ހަމަ ނުޖެހޭ ކަމަށް ބުނަނީ، މިހެންް ބުނާތާ މަހެއް ވެގެން މިދަނީ. ސިޓީގެ އިތުރުން މި ހުރިހާ ޑޮކިއުމަންޓެއް ނުލާ ތަނެއް ނެތް. ދަރިއަށްޓަކައި އޮހޮރަންޖެހޭ ކަރުނަ އެއް އޮހޮރަމުން ކެތްތެރިވުން ނޫން ގޮތެއް ނެތީތީ މިއަދާ ހަމައަށްވެސް ކެތްތެރިކަން އިސްކޮށްގެން އެއްޗެއް ނުބުނެ މި ހުންނަނީ. މިއަދު ނަން ހާމަކޮށް މިހެން ލިޔަން ޖެހުނީތީ މާފަށް އެދެން. އާސަންދަ، ފުރާނަ އެއް ދިރިހުއްޓާ ހަމަ ވަޅުލަނީ ތި!" ޔުނާން އޭނާގެ ފޭސްބުކްގައި ލިޔެފައިވެ އެވެ.
މި މައްސަލަ ހޫނުވެ އާސަންދަައިން އެންމެ ފަހުން ބުނީ، ޕޭޝަންޓުގެ ފަރުވާ އަށް އާސަންދަ ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި އެ ކޭސް ރިޖެކްޓު ނުކުރާ ކަމަށާއި ބުދަަ ދުވަހުގެ ފްލައިޓުން ޖާގަ ނުލިބުނީ އަަމްރިތާ އަށް ގެންދެވެން ނެތީ އަަމްރިތާއަށް ގޮސްތިބި ބަލިމީހުންނާއި އެހީތެރިންގެ ތެރެއިން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ކަރަންޓީނުކޮށް ބައެއް މީހުން ވަކިން އައިސޮލޭޓް ކުރަން ޖެހުމާ ގުޅިގެން ކަމަށާއި އެހެންވެ މިވަގުތު އަމްރީތާގައި އިތުރަށް ކަރަންޓީނުކޮށްގެން ފަރުވާދެވޭނެ ޖާގަ ނެތުމުން ކަމަށެވެ.
ބުދަ ދުވަހު ފަރުވާއަށް ފުރާ ބެޗް ފޮނުވުމަށް ހަމަޖެހިފައިވަނީ ކިމްސް ހޮސްޕިޓަލަށް. ކިމްސް ހޮސްޕިޓަލަށް ދާން ޕޭރެންޓުން ބޭނުން ނުވުމުން، ދެން އަމްރީތާއަށް ފޮނުވާ ބެޗެއްގައި އެ ކުއްޖާ ވެސް ފޮނުވާގޮތަށް ހަމަޖެހިފައި އޮތީ. އަދި ވަކިން ވެސް ކުއްޖާ އަމްރިތާއަށް ފޮނުވޭނެ ގޮތެއް ހަމަޖެހޭތޯ އާސަންދައިން ދަނީ މަސައްކަތް ކުރަމުން" އާސަންދަ ކުންފުނިން އިއްޔެ ބުންޏެވެ.
އާސަންދަައިން އެހެން ބުނުމުން އާއިލާ އިން ބުނަނީ އާސަންދަައިން ފޮނުވަން އުޅޭ އަމްރިތާ ހޮސްޕިޓަލަށް ދާން ބޭނުން ނުވާ ކަމަށެވެ. އަދި ދަރިފުޅު މިއަދު އެހާ ބަލިވާން ޖެހުނީވެސް އަމްރިތާ ހޮސްޕިޓަލަށް ދިޔަ ސެކަންޑް ވިޒިޓްގައި ފަރުވާކުޑަ ކުރުމުން ކަމަށް ރިހުލާ ރޭ ބުންޏެވެ.
"އަމްރިތާ ހޮސްޕިޓަލަށް ނުދާނަމޭ، ފުރަތަމަ ދުވަހުން ފަށައިގެން ވެސް މި ކިޔަނީ ލިސެއި ހޮސްޕިިޓަލް އަށޭ ދާން ބޭނުމީ. އެނގިހުރެ މި ބުނަނީ ދަރިފުޅު މިއަދު މިހާ ބަލިވާން ޖެހުނު މައިގަނޑު ސަބަބަކީ އަމްރިތާ އިން ސެކަންޑް ވިޒިޓްގައި ފަރުވާ ކުޑަކޮށްލުމާ އާސަންދައިން ގެންގުޅޭ ޕޮލިސީ އާއި ގަވާއިދު ކުޑަކުޑަ ފުރާނައަކަށްވުރެ މުހިއްމު ވީމަ. ލިސެއި ހޮސްޕިޓަލަށް ފޮނުވައިދީ، ހެޔޮނުވާނެ" މި މައްސަަލައިގައި އާސަންދައިން ބަޔާން ނެރުމުން ނުރުހުންވެ ރިހުލާ އޭނާގެ ފޭސްބުކްގައި ރޭ ދަންވަރު ޖަހާފައިވެ އެވެ.
އާއިލާގެ އާދޭހަކީ މި އެވެ. އެމީހުން ވަނީ އާސަންދަަ ނުލިބުނަސް ދިއުމަށް ނިންމާފަ އެވެ. އާއްމުންގެ ފަރާތުން އެހީ ހޯދައިގެން ވިޔަސް ދެމަފިރިންގެ ހިތަށް ކުޑަވެސް ފިނިކަމެއް ގެނެވެން އޮތީ އެ ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދައިގެނެވެ.
"ގެއްލިގެންދާ ކޮންމެ ސިކުންތަަކީ ޔޫން އަށް ލިބެމުންދާ އަނިޔާ އެއް އަދި ވޭނެއް. މިވަރަށް ރޮއެ އާދޭސް ކުރާތާ އެއް މަސް ވެގެން މި ދަނީ، އެއްވެސް މަޔަކަށް އަދި ބަފަޔަކަށް ކެތެއް ނުވާނެ ދަރިއެއްގެ ފުރާނަ ނެތި ދާތަން ބަލަން. އަޅުގަނޑުމެންނަށް މީގެ އަަލިމަގެއް ފެންނާނެ ގޮތެއް ނެތި ގޮތް ހުސްވެއްޖެ" -- ޔުނާން