ހަބަރު

ޝަނުމްގެ ހާލު ދެރަވެ، އެހީއަށް ބޭނުންވެފައި

ލ. ގަމަށް އުފަން ހައްވާ ޝަނުމްގެ "ހިމޭން ދުނިޔޭ" ގެ ވާހަކަ މީގެ ކުރިން "އަވަސް" މެދުވެރިކޮށް ވާނީ ކިޔާފަ އެވެ. ޝަނުމްއަކީ ވިހެއުމަށްފަހު ދިމާވި ކަންތައްތަކެއްގެ ސަބަބުން ނުކުޅެދުންތެރިކަމެއް ހުންނަ ކުއްޖެކެވެ. އޭނާއަށް ކޮޅަށް ކީއްކުރަން އިށީނދެ ވެސް ނީނދެވެ އެވެ. އަބަދު އޮންނަން ޖެހެނީ އޮށޯވެ އެވެ. މީހަކާ އަނގައިން ބުނެ ވާހަކަ ދައްކާލުމުގެ ނަސީބު ވެސް އޭނާގެ ނެތެވެ.

އެތައް ވޭނެއްގެ ދިރިއުޅެމުންދާ ޝަނުމްގެ ހާލަތު މިހާރު ވަނީ ވަރަށް ގޯސްވެފަ އެވެ. ބޭސް ފަރުވާ ކުރަން ރާއްޖެއިން ބޭރަށް ޝަނުމް ގެންދިޔުމަށް އޭނާގެ އާއިލާއަށް ވަނީ މަޖުބޫރުވެފަ އެވެ. ނަމަވެސް އެއީ އެ ފުދުންތެރިކަން ހުރި އާއިލާއަކަށް ނުވުމުން އެކަމަށް އެ އާއިލާއިން ވަނީ ހެޔޮ އެދޭ ފަރާތްތަކުގެ އެހީއަށް އެދިފަ އެވެ.

ޝަނުމްގެ ހާލަތު ދަށަށް ގޮސް، ބޭރަށް ގެންދިޔުމަށް ޖެހިފައިވާއިރު އޭނާގެ ގައިން ވަރަށް ބޮޑަށް ލޭ ވަނީ މަދުވެފަ އެވެ. ތުއްތު ޝަނުމް ވަނީ މުޅިން އަނަރޫފަވެފަ އެވެ. ނުވެސް ކެވެ އެވެ.

ޝަނުމްއަކީ ވާހަކަ ނުދެއްކޭ ކުއްޖެއް ނަމަވެސް މީހުން ދައްކާ ވާހަކަ އޭނާއަށް އެނގެ އެވެ. އިހުސާސް ކުރެވެ އެވެ. އޭނާ އުފުލަމުންދާ ތަހައްމަލުތަކާއި ވޭން މޫނު މަތިން ފެންނަން ހުރެ އެވެ. އެ ވޭން އޭނާ ފޮރުވާލަނީ ހިނިތުންވެލަމުންނެވެ. އެ ރީތި ހިނިވުމުންނެވެ. މީގެ ކުރިން ވެސް ޝަނުމްގެ ރީތި ހިނިވުމުގެ ވާހަކަ ވާނީ ދައްކާފަ އެވެ.

އިންޑިއާގެ ހޮސްޕިޓަލުން ޝަނުމް ރަނގަޅުވާނެކަމުގެ އުއްމީދު ދީފައިވާއިރު މާލީ ތަނަވަސްކަން ނެތުމުން އެ ހަރަދު ކުރެވޭނެ ގާބިލުކަން އެ އާއިލާގައި ނެތެވެ. އެ އާއިލާގެ އެންމެ ބޮޑު ހިތާމައަކީ ވެސް އެއީ އެވެ.

ހަމަހިމޭން ދުނިޔެއެއްގައި ހިނިތުންވެ ޝަނުމް އަށް އަހަރު ހޭދަކޮށްފައިވާއިރު، އޭނާގެ ހިމޭން ދުނިޔެއަށް ނިމުން ގެންނަން އާއިލާ އަދި ޝަނުމް ވެސް ބޭނުންވާނެކަން ޔަގީނެވެ. ޝަނުމްގެ ހިމޭން ދުނިޔެއަށް ނިމުން ގެނެދިދާނެކަމުގެ އުއްމީދެއް އެބަ އޮތެވެ. ބޭނުންވަނީ އެހީތެރިކަމާއި އަޅާލުމެވެ.

ޝަނުއްމްއަށް އެހީއެއް ދޭން ބޭނުން ނަމަ: ފޯނު ނަންބަރު: 9116956
އެކައުންޓް ނަންބަރު: :7707367220101 Fathimath sifaza