ރިޕޯޓް

ކުޑަކުޑަ ޒަހާ؛ ކެންސަރާ ހަނގުރާމަ ކުރުމުގައި އާދަޔާ ހިލާފު ހިތްވަރެއް

އެ ބެލުމުގައި ވަނީ މައުސޫމްކަމުގެ އިންތިހާ އެވެ. ހިނިތުންވުން އަޖައިބެއްހާ ޗާލެވެ. މޫނުމަތިން ފެންނަނީ ޅަ އެހެނަސް އެ އުމުރުގެ އެހެން ކުދިންގެ މޫނުމަތިން ނުފެންނަ ފަދަ ވިސްނުންތެރިކަމަކާއި އުޖާލާ ކަމެކެވެ. މިއީ އުމުރުން އެންމެ 11 އަހަރުގައި ނުރައްކާތެރި ކެންސަރާ ހަނގުރާމަކުރަމުން އަންނަ ހިއްވަރުގަދަ ކުޑަކުޑަ ޒަހާ ޒަރީރުގެ ވާހަކައެވެ. އޭނާގެ ދިރިއުޅުން ވަށާލާފައިވާ ކެންސަރާ ވަކިވުމަށް ޒަހާ ހަނގުރާމަކުރަމުން ދާތާ ބަރާބަރު ދެ އަހަރު ވެއްޖެ އެވެ. ހަށިގަނޑުން ވަރު ދޫވެ ވެއްޓެމުން ދިޔަ އިރުވެސް ޒަހާގެ ހިއްވަރަށް އަދިވެސް ނާދެ އެވެ. އޭނާގެ ޝަކުވާއެއް ނެތެވެ. ލޯބިވާ މަންމައާއި ޑޮކްޓަރުންގެ ލަފާ އަދި އިރުޝާދުން ހިތްވަރު ލިބިގެން ކެންސަރުގެ މައްޗަށް އޭނާ ކާމިޔާބު ހޯދަމުންދިޔައީ ކެތްތެރިކަމުގެ އިންތިހާ ދައްކަމުންނެވެ.

އދ. މާމިލގިއްޔަށް އުފަން ފާތުމަތު ރަޝީދާގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެވަނަ ދަރިފުޅު ޒަހާއަކީ ބޮޑުވަމުން ދިޔައީވެސް އެ އުމުރުގެ އެހެން ކުދިންނެކޭވެސް އެއްގޮތަށް މާ ބޮޑު ބަލި ކަމެއް ނެތި އުފަލާއި ކުޅުމުގެ ތެރޭގަ އެވެ. ނަމަވެސް ޒަހާގެ އުމުރުން 10 ވަރަކަށް އަހަރުގައި އޭނާގެ ކަރުދަށުގައި ގޮށްތަކެއް ލާން ފެށީ އެވެ. އެކި ފަހަރު މަތިން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނަށް ދައްކައިގެންވެސް އެކަމަށް ހައްލެއް ނައެވެ. އެންމެ ފަހުން އެ ގޮށްތަކުގެ ހަގީގަތް ދެނެގަތުމަށް އައިޖީއެމްއެޗުން ޓެސްޓްތަކެއް ހެއްދުމުން ލިބުނު ނަތީޖާއިން އާއިލާ ރޮއްވާލި އެވެ. ޒަހާގެ ގައިން ކެންސަރު ބަލީގެ ވައްތަރެއް ކަމަށްވާ ލުކީމިއާ (ލޭގެ ކެންސަރު) ފެނުމާއެކު ފާތުމަތު ކަންބޮޑުވީ އޭނާގެ ކުޑަ ދަރިފުޅަށް އެކަން ވިސްނައިދޭނެ ގޮތަކާ ދޭތެރޭގަ އެވެ. ކެންސަރާ ދެކޮޅަށް ފަށަން ޖެހިފައި އޮތް ވޭންހުރި ދިގު ދަތުރުގެ ތައްޔާރީތައް ދަރިފުޅުގެ ތުއްތު ހިތައް ވައްދާނެ ގޮތަކާ ދޭތެރޭ ވިސްނުމުން އޭނާގެ ސިކުނޑި ދިޔައީ ސުމަކަށެވެ. ނަމަވެސް އެ އުމުރުގައި ޒަހާ އަމިއްލައަށް އިންޓަނެޓް ހާވައިގެން ލުކީމިއާގެ މައުލޫމާތު ހޯދި އެވެ. އަދި އެ ބަލީގެ ފަރުވާ ކުރިއަށް ގެންދާނެ ގޮތް ވެސް އޭނާ އައީ ހޯދަމުންނެވެ.

"ޒަހާއަށް ކެންސަރު ޖެހިފައި ހުރިކަން އެނގުމުން ވަރަށް ބޮޑަށް ދެރަވި. އެކަމަކު ދަރިފުޅަށް އަވަސް ޝިފާއެއް ލިބޭނީ މަންމައެއްގެ ހައިސިއްޔަތުން އަޅުގަނޑު ކުރި ހިއްވަރަކަށް ކަން ގަބޫލުކުރިން. ކުރެވުނު ހީއާ ހިލާފަށް ޒަހާ ވީ މާ ހިއްވަރު ގަދަ ކުއްޖަކަށް. އޭނާގެ ބައްޔާ ބެހޭ ގޮތުން އަމިއްލަޔަށް ވެސް މައުލޫމާތު ހޯދައިގެން ސުވާލު ކުރޭ. އެންމެ ފަހަރަކުވެސް ދެރަވެ ޝަކުވާއެއް ނުކުރޭ. އެހެންވީމަ ޒަހާ ހުރީ ކީމޯ އާއި އޭގެ ސައިޑް އެފެކްޓް ތަކަށް ވެސް ވަރަށް ތައްޔާރުވެގެން،" ކެންސަރާ ހަނގުރާމަ ކުރުމުގައި ޒަހާ ދެއްކި ހިތްވަރު އޭނާގެ މަންމަ ކިޔައިދިނެވެ.

އަރަބިއްޔާ ސްކޫލް ގްރޭޑް ފަހެއްގައި ކިޔަވަމުން ދަނިކޮށް ކެންސަރު ޖެހުނުކަން އެނގުމާއެކު ޒަހާއަށް ހެޔޮ އެދޭ އެ ސްކޫލް ބެލެނިވެރިން އެއްކުރި ފައިސާ އާއި އާއިލާއިން އެއްކޮށްފައިވާ ފައިސާ އަދި އާސަންދައިގެ އެހީ ނަގައިގެން އިންޑިއާއަށް ގޮސް ޒަހާގެ ބޭސް ފަރުވާ ފެށުނެވެ. ކީމޯ ތެރަޕީ ފަށައިގެން މަހެއްހާ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކުރި އެވެ. އެއަށްފަހު ގެއަށް ދޫކޮށްލީ އަޅަންޖެހޭ ލޭ ގަވާއިދުން އެޅުމާއި ކީމޯ ތެރަޕީ ނަގަންޖެހޭ އުސޫލުން ނެގުމަށް އިރުޝާދު ދިނުމަށް ފަހު އެވެ. ޒަހާގެ ފަރުވާއަށް ބަރާބަރު އެއް އަހަރު އިންޑިއާގައި ތިބި އިރު، ހޮސްޕިޓަލުގެ ހަރަދު އާސަނދައިން ލިބުނު ނަމަވެސް ގެއާއި ކެއުމުގެ ހަރަދަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވި އެވެ. އޭގެ ސަބަބުން އަތްމަތި ދަތިވެ ދަރަންޏަށްވެސް ފައިސާ ހޯދަން ޖެހުނެވެ. ޒަހާގެ ހުރިހާ ހަރަދެއް އޭރުވެސް ބަލަހައްޓަމުން ދިޔައީ ޒަހާގެ ދޮންބައްޕަ އެވެ. އާއިލީ އެހީތެރިކަމާއެކު ޒަހާ ކެންސަރުން ސަލާމަތްވި އިރު އެކަމުގައި އުފުލަންޖެހުނު ހުރިހާ ވޭނެއް ހިނިތުންވުމާއެކު ޒަހާ ދިޔައީ ގަބޫލުކުރަމުންނެވެ. ބަލީގެ ފަރުވާއާ އެކު ޒަހާއަށް އަންނަމުންދިޔަ ބަދަލުތައް އޭނާގެ މަންމައަށް އިތުރު ހިއްދަތި ކަމެއްލިބުނެވެ.

"ޒަހާ ވަރަށް ބަލިވި. ކީމޯ ދޭންފަށައިގެން ވަކި ހިސާބަކަށް ދިޔަތަނުން ބޮލުގެ އިސްތަޝިތައް ވެސް ފައިބަން ފެށި. އެއްގޮތަކަށްވެސް ނުހިނގޭ ގޮތްވި. ހަތަރު މަހެއްހާ ދުވަހު ޒަހާ ގެންގުޅެންޖެހުނީ މުޅިންވެސް އުރައިގެން. އެކަމަކު އޭރުވެސް ބުނާނެ. މާންމާއޭ ޒަހާ އަބަދު ނޫރައްޗޭ، ޒަހާ ކޮންމެވެސް ވަރަކަށް ހިންގަން މަސައްކަތް ކުރީމައޭ ހިނގޭނީ، މާޝާ ﷲ ޒަހާ ވީ ހީކުރި ވަރަށްވުރެ ކެތްތެރި ކުއްޖަކަށް،" މަންމަ ބުންޏެވެ.

އާއިލާގެ އެތައް ގުރުބާނީއަކަށްފަހު ޒަހާ މިއަދު އެވަނީ ކެންސަރުން ބަލިން ސަލާމަތްވެފަ އެވެ. ނަމަވެސް ކެންސަރާ ދެކޮޅަށް ޒަހާ ކުރަމުން އަންނަ ހަނގުރާމަ އަދި ވެސް އޮތީ ކުރިއަށެވެ. މިހާރުވެސް ބަލީގެ ބިރު އޮތުމުން ގަވާއިދުން ކީމޯ އިންޖެކްޝަން ޖަހައި ގިނައިން ލޭ އަޅަން ވަނީ ޖެހިފަ އެވެ. ކުރިއަށް އޮތް ފަސް އަހަރު ވެސް ޒަހާއަށް ކީމޯ އިންޖެކްޝަން ޖަހައި ލޭއަޅައި ގަވާއިދުން ޗެކަޕްތައް ވެސް ހަދަން ޖެހެ އެވެ. މިއީ ޒަހާގެ ދުނިޔެ އެވެ. ކެންސަރާ ހަނގުރާމަ ކުރުމުގައި އޭނާ ވަރުބައްޔެއް ނުވެ އެވެ. އެ ހިތްވަރު ކުޑަކުޑަ ޒަހާގެ އެބަ ހުއްޓެވެ.

އެކަމަކު ޒަހާގެ އެ ހަނގުރާމަ ކާމިޔާބު ކުރަން އޮތީ އެންމެ ހުރަހެކެވެ. އެ ހުރިހާ ކަމަކަށް ބޮޑު ހަރަދެއް އާއިލާއިން ކުރަން ޖެހުމެވެ. ޒަހާ އާއި އެއްބަނޑަށް އިތުރު ތިންކުދިންވެސް އާއިލާގައި ތިބުމުން ކުރަންޖެހުނު ބޮޑު ހަރަދުގެ ސަބަބުން އެ އާއިލާ ވަނީ މާލީގޮތުން ދަތިވެފަ އެވެ. އެ ހަނގުރާމަ ކާމިޔާބު ކުރުމަށް ދީލައިތި އެހީ ޒަހާއަށް މި އޮތީ ބޭނުންވެފަ އެވެ.

".. ޒަހާ މިހާރުވެސް ވަރަށް ބަލިކޮށް އުޅޭތީ މީހުންގެ ތެރެއަށް ނެރެ ހެދުމުގެ ހުއްދައެއް އަދިވެސް ނެތް. މިދިޔަ މަހުވެސް ދެ ފަހަރަށް ލޭ އަޅަން ޖެހުނު. ސްކޫލަށް ނުދާތާވެސް މިއަހަރު އެއްކޮށް މިދަނީ. މިހާ ދުވަހު ކުރަންޖެހުނު ހަރަދުގެ ސަބަބުން އަޅުގަނޑުމެން ކޮންމެވެސް ވަރެއްގެ އެހީއަކަށް މި އެދެނީ. ޒަހާގެ ކަންކަމުގައި އަބަދު ބޭރުގައި އުޅެންޖެހޭތީ ފިރިމީހާވެސް ވަޒީފާއަށް ނުދޭ. އަޅުގަނޑުމެން އެދެނީ ހެޔޮއެދޭ ފަރާތްތަކުގެ ކުޑަ ނަމަވެސް އެހީއެއް،" ޒަހާގެ މަންމަގެ އާދޭހަކީ އެއީ އެވެ.

އެކައުންޓް ނަންބަރު: 7703246659001
Faathimath Rasheedha
ފޯނު ނަންބަރު: 9591882