މަރިޔަމް ނިޝާ

ނިޝާގެ ދަރިފުޅަށް އެހީ ހޯދަން ޔޫޓިއުބް ޗެނަލްއެއް

ދިވެހި ފިލްމީ އިންޑަސްޓްރީން އުފެދުނު އެންމެ ހުނަރުވެރި ފަންނާނުންގެ ތެރޭގައި މަރިޔަމް ނިޝާ ހިމެނޭނެ ކަމީ އެއްވެސް މީހަކު ދެބަސްވާނެ ކަމެއް ނޫނެވެ. ފިލްމު ކުޅުމުގައި ހޭދަކުރި މުއްދަތުގައި ނިޝާ ވަނީ އޭނާއަކީ ކުޅަދާނަ އެހާމެ ހުނަަރުވެރި އެކްޓަރެއްކަން ސާބިތު ކޮށްދީފަ އެވެ. އެކަމުގެ ސަބަބުން ދިވެހިންގެ ހިތްތަކުން ނިޝާނަށް ދީފައިވަނީ ވަރަށްވެސް ހާއްސަ މަގާމެކެވެ.

ކެރިއަރުގައި ހޯދި ބޮޑު ކާމިޔާބަށް ފަހު ނިޝާ ފިލްމީ މަސައްކަތާ ދުރުގައި ހުންނަވާތާ އަހަރު ތަކެއްވެއްޖެ އެވެ. ނަމަވެސް ނިޝާ އަނެއްކާވެސް ތައްޔާރުވަމުން ދަނީ ބެލުންތެރިންނަށް ފެނިލާށެވެ. ނަމަވެސް މިފަހަރު ފީޗާ ފިލްމަކުން ނޫނީ ޑްރާމާ ސިލްސިލާއަކުން ނޫނެވެ. ނިޝާ މިހާރު ތައްޔާރުވަމުންދަނީ ކުރިއަށް އޮތް ރޯދަ މަހު އޭނާގެ ދަރިފުޅު ކައިސްގެ ނަމުގައި ހާއްސަ ޔޫޓިއުބް ޗެނަލްއެއް އިފްތިތާހު ކުރުމަށެވެ. މީގެ އިތުރުން އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިޝާ ދަނީ ތައްޔާރުވަމުންނެވެ. އެ މަސައްކަތް އޭނާ ފަށަނީ ވަރަށް މުހިންމު މަގުސަދެއްގައެވެ.

ބޮޑު އޮޕަރޭޝަނަކަށް ތައްޔާރުވަމުންދާ ކައިސްއަށް އެހީތެރިކަމެއް ހޯދުމުގެ އުންމީދުގައެވެ. "ކިޑްސް ކައިސް ޔޫޓިއުޓް ޗެނަލް" އިން ގެނެސްދޭ ވީޑިއޯތަކުން މުޅި މުޖްތަމައުއަށް ފައިދާ ލިބުމަކީ ނިޝާގެ އުންމީދެކެވެ. ކައިސްގެ ވީޑިއޯތައް ހާއްސަވާނީ ކުޑަކުދިންގެ ތައުލީމަށެވެ. ހެދި ބޮޑުވަމުން އަންނަ ކުދިންނަށް މުހިންމު މައުލޫމާތުތަކާއި ހުނަރުތައް އެ ވީޑިއޯތައް މެެދުވެރިކޮށް ގެނެސްދޭން މަސައްކަތް ކުރާނެ އެވެ.

"އިންކޭސް އަޅުގަނޑުވެސް ފެނިގެން ހިނގައިދާނެ އެއިން ޕްރަގްރާމަކުން. ނަމަވެސް އެހެން ގޮތަކުން އަޅުގަނޑު ނުފެންނާނެ. މާނައަކީ ފިލްމީ މަސައްކަތަކުން ނުފެންނާނޭ،" ފީޗާ ފިލްމަކުން ނުފެންނާނެ ކަމަށް ނިޝާ ބުންޏެވެ.

ނިޝާގެ ދަރިފުޅު ކައިސްގެ ޔޫޓިއުބް ޗެނަލް ލޯންޗުކޮށް ކޮންޓެންޓް ގެނެސްދޭން ފަށާނީ އަންނަ ރޯދަ މަހުގެ ތެރޭގައެވެ. އެ މަސައްކަތުގައި އިސްކޮށް ހުރީ ނިޝާއެވެ. ދަރިފުޅުގެ ޝޯތަކުގެ ޑައިރެކްޓަރަކީ އޭނާއެވެ. ގެނެސްދޭނީ ނިޝާގެ ހިޔާލުތަކަށް އުފައްދާ ޕްރަގްރާމްތަކެވެ. ނުވަތަ ވީޑިއޯތަކެވެ. އެ ޕްރަގްރާމްތައް ވެގެންދާނީ ކުޑަކުދިންނާއި ގުޅޭ ޝައުގުވެރި އެތައް ކަމެއް ހިމެނޭ ޕްރަގްރާމްތަކަކަށެވެ.

"މި ޕްރަގްރާމް ކުރިއަށް ގެންދަން ނިންމީ ކައިސްއަށް ފަންރައިޒް ހަރަކާތެއްގެ ގޮތުން. އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ ކައިސްގެ އެކްޓިންއާ މެދު. އެހާ ހަގު އުމުރެއްގައިވެސް ކައިސް ސާބިތުކޮށްދޭނެ އެއީ މޮޅު ކުއްޖެއްކަން. އަދި އެކްޓް ކުރަން މޮޅު ކުއްޖެއްކަން،"

އަވަސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ނިޝާ ވަނީ އޭނާގެ ދަރިފުޅުގެ ހާލަތު ތަފްސީލު ކޮށްދީފައެވެ. އުމުރުން ހަތަރު އަަހަރު ކަައިސްއަކީ ހިތުގައި 37 އެމްއެމްގެ އޭއެސްޑީއެއް ހުރި ބީޓާ ތެލެސީމިއާ މޭޖާއެކެވެ. ނިޝާ ބުނީ ދަރިފުޅަށް ބަލިވެ އިނދެ ވިހެއުމުގެ ކުރީން ކުއްޖާގެ ހިތުގެ މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވުނު ކަމަށެވެ. އަދި ލަންކާގައި ކުއްޖާ އުފަންވީއިރު ހިތުގައި މައްސަލަތަކެއް ހުރިކަން ޔަގީން ކުރެވުނު ކަމަށެވެ.

ލޭ އަޅާ ކުދިންނަކީ ދަގަނޑުގެ ބައި އިތުރު ދިފާއީ ނިޒާމަށް އިތުރު މައްސަލަތަކެއް ދިމާވާ ކުދިންތަކެކެވެ. އެކަން ކަައިސްއަށްވެސް ތަޖުރިބާ ކުރަން ޖެހިފައިވެއެވެ. ޑޮކްޓަރުން ލަފާދީފައިވަނީ މިހާރު ދިމާވެފައިވާ ސިއްހީ މައްސަލަތަކާއި ގުޅިގެން ވީހާވެސް އަވަހަށް އޮޕަރޭޝަން ކުރުމަށް ބޭރަށް ދިއުމަށެވެ. ނިޝާ މިހާރު ތައްޔާރުވަމުން ދަނީ އެ ދަތުރަށެވެ. ދަރިފުޅަށް ރަނގަޅު ސިއްހަތެއް ހޯދުމަށް ފަށާ އެ ދަތުރުގައި ހެޔޮއެދޭ ހުރިހާ އެންމެންގެ އެހީތެރިކަން ބޭނުންވެއެވެ.

ނިޝާގެ އެދުމަކީ ކައިސްގެ ޔޫޓިއުބް ޗެނަލް ސަބްސުކްރައިބް ކޮށްދިނުމެވެ. އަދި ކައިސްއަށް ހެޔޮ ދުއާ ކޮށް ދިނުމެވެ. އަދި ފަންރައިޒް ހަރަކާތްތަކުގައި ބައިވެރިވުމެވެ.

ދަރިފުޅަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކާއި ގުޅިގެން އޮޕަރޭޝަނަށް ފުރުމުގެ ކުރިން އެކަމަށް ބޭނުންވާ ފައިސާ ހޯދަން ފައިންޑް ރައިޒް އިވެންޓްތަކެއް ކުރިއަށް ގެންދަން މިދިޔަ އަހަރުން ފެށިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ނަމަވެސް އިތުރު ކުއްޖަކަށް ބަލިވެ އިނުމާއި ކޮވިޑްގެ ސަބަބުން އެ ހުރިހާ ހަރަކާތްތަކެއްވެސް ކުރިއަށް ނުގެންދެވި މަޑުޖެހިފައި ހުރީއެވެ.

ނިޝާގެ ދޮށީ ކުދިންތަކެއް ތިބި ނަމަވެސް އިތުރު ކުއްޖަކު ހޯދީ ކައިސްގެ ބޯންމެރޯއަށްޓަކައެވެ. އެހެން ކުއްޖަކާ ބޯމެރޯ މެޗް ނުވީމައެވެ. އޮޕަރޭޝަނަށްފަހު ކައިސްގެ ހާލަތު ރަނގަޅުވެ އޭގެ ފަހުން ބޯންމެރޯ ހެދި އާދައިގެ ދިރިއުޅުމެއް ދެ ކުދިންނަށްވެސް ލިބޭނެ ގޮތް ވުމަކީ ނިޝާގެ އެންމެ ބޮޑު އުންމީދެކެވެ.

"މިއަހަރު ނިމުމުގެ ކުރިން އަޅުގަނޑުމެން އެބަޖެހޭ ކައިސް ގޮވައިގެން ފަރުވާއަށްދާން. އެހެންވެ މިވަގުތު އެކި ހަރަކާތްތައް ހިންގޭތޯ އަޅުގަނޑުމެން މި ބަލަނީ،"

ނިޝާ ބުނީ ކައިސްއަށް އެހީތެރިކަން ހޯދަން ކުރިއަށް ގެންދާ ހަރަކާތްތަކުގެ މައުލޫމާތު އެކި ގޮތްގޮތުން އާންމުންނާ ހިއްސާ ކުރަމުން ގެންދާނެ އެވެ.

ކައިސްގެ އޮޕަރޭޝަން ކުރެވޭނެ ގޮތް މިވަގުތު ރާއްޖޭގައި ހަމަޖެހިފައިވީނަވެސް މިއީ ރާއްޖޭގައި މިފަދަ އޮޕަރޭޝަންތައް ކުރަން ފަށައިގެން ދުވަސްވަރު ކަމަށްވެފައި އަދި އޮޕަރޭޝަން ކުރަން މިވަގުތު ތިބީ ކުޑަކުދިންގެ ހިތުގެ އޮޕަރޭޝަންތަކަށް ހާއްސަ ޑޮކްޓަރުންނަށްނުވާތީ ކައިސްއަކީ އާންމު ކުދިންނާ އެއް ހާލަތެއްގައި ހުރި ކުއްޖަކަށް ނުވާތީވެ އެންމެ އިތުބާރު ހުރި ހޮސްޕިޓަލަކުން އެކަން ކުރަން ބޭނުންވެއެވެ. މިފަދަ އޮޕަރޭޝަންތައް ކުރެވޭ ބައެއް ހޮސްޕިޓަލްތަކަށް އިންޑިއާއިން އާސަންދަ ލިބެއެވެ. ނަމަވެސް އާއިލާއިން ބޭނުންވަނީ ލީސަން ހޮސްޕިޓަލްގައި މަސައްކަތް ކުރާ ޑރ. ސުނިލްގެ ބެލުމުގެ ދަށުން އޮޕަރޭޝަން ކުރެވޭނެ ގޮތް ހަމަޖެއްސުމަށެވެ. އެއީ އެ ޑޮކްޓަރަށް އޮތް އިތުބާރު ބޮޑުވުމެވެ.

ރާއްޖެއިން ކައިސް ބަލާ ޑޮކްޓަރުންގެ ލަފަޔަކީވެސް އެއީއެވެ. އަދި އޮޕަރޭޝަނަށް ފަހު ކައިސްގެ ހިތަށް ދިމާވެފައިވާ މައްސަލަތައް ރަނގަޅުވެ އާންމު ދިރިއުޅުމަކަށް ފުރުސަތު ލިބޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް ޑޮކްޓަރުން ދެކެއެވެ. އެހެން ކަމުން ނިޝާގެ އުންމީދަކީ "ކިޑްސް ކައިސް ޔޫޓިއުޓް ޗެނަލް" މެދުވެރިކޮށް ފަށާ މަަސައްކަތަށް އާންމުންގެ ސަޕޯޓް ލިބުމެވެ. އެ މަސައްކަތް ފަށަނީވެސް އެހީތެރިކަމަށް އެދި އާންމުންގެ ކުރިމައްޗަށް ނިކުތުމުގެ ކުރިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ބޭނުންވާތީއެވެ.

"އަޅުގަނޑުމެން ދިވެހިން އެކަކުވެސް ބޭނުމެއް ނުވާނެ އެހީއަށް އެދި އާންމުން ކުރިމައްޗަށް ނިކުންނާކަށް. ނަމަވެސް ހާލަތުގެ ސަބަބުން އެކަން ކުރަން ޖެހެނީ. އަޅުގަނޑުގެ ބޭނުމަކީ ކަައިސްގެ އަމިއްލަ މަސައްކަތުންވެސް އަދި އާއިލާތަކުން ކުރާ މަސައްކަތުންވެސް މިކަން ކުރެވޭނެކަން ބުނެދިނުން. މަސައްކަތެއް ކޮށްގެން ފައިސާ އެއްކުރުން. އެ މަސައްކަތް އަޅުގަނޑު ކުރާނަން. ނަމަވެސް އިންކޭސް އިމާޖަންސީ ހާލަތެއް އަތުވެއްޖެނަމަ އަޅުގަނޑުވެސް އެހީތެރިކަމަށް އެދޭނަން ޕަބްލިކްގައި،" ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ އެކްޓްރެސް ބުންޏެވެ.