ހަބަރު

ޒުވާނެއްގެ ފައި ބުރިވެ ހިތް ކުދިކުދިވެފައި: އަދިވެސް އުންމީދުގައި

ތަގުދީރުގެ ނިޔާ އަންނަނީ ހާދަ ހީނުކުރާ ގޮތަކަށެވެ. މީގެ ތިން ދުވަސް ކުރިން ތ. ބުރުނީ ބީޗްލެސް ހަދީޖާ އަމްސޫދާ އަކީ އޭނާގެ ހަތަރު ދަރިންނާއި ލޯބިވާ ފިރިމީހާއާއެކު އުފާވެރި ހަޔާތެއް ދިރިއުޅެމުންދިޔަ ފަހުރުވެރި މަންމައެކެވެ. އެންމެ ފުދިގެން ނޫނަސް ފިރިމީހާގެ އަލަތު ފިހާރައިން ލިބޭ ކުޑަ އާމްދަނީއަކުންނާއި ދޮށީ ދަރިފުޅު މުހައްމަދު ރީހާން މަހަށް ގޮސްގެން ލިބޭ ލާރިއަކުން އާއިލާގެ ހަރަދު ބަރަދު ހަމަޖައްސައިގެން އުޅެމުން އައި، އެ ކުޑަކުޑަ އާއިލާގެ ވަށާލާފައި އޮތީ އުފާވެރި ކަމެވެ.

އެހެން ނަމަވެސް އެ ދިރިއުޅުން ވޭނާއި ހިތްދަތިކަމުގެ ތެރެއަށް ގަންބާލީ، ރީހާނާ ބައްދަލުކުރި ނުރައްކާތެރި އެކްސިޑެންޓްގައި އޭނާގެ ފައިތިލަ ފައިން ވަކިވި ހަބަރާއެކު އެވެ. އާއިލާގެ މުސްތަގުބަލަށް ކުރަމުންދިޔަ އެތަކެއް އުންމީދުތަކާ، ދޮށީ ދަރިފުޅު ރީހާނާ ގުޅިފައިވި އެތަކެއް ހުވަފެންތަކެއް ވިއްސިވިހާލިވީ އެވެ. އާއިލާގެ މައިބަދައެއްގެ މަގާމުގައި ހުރި ދަރިފުޅަށް ދިމާވި ހިތްދަތި ހާލަށް އެ މަންމަގެ ހިތް މިއަދު ކަރުނަ އަޅާ ރޮނީ އެވެ.

އުމުރުން އަދި އެންމެ 20 އަހަރުގެ މުހައްމަދު ރީހާނަކީ ހަދީޖާއާ ފިރިމީހާ އިސްމާއިލް ނަސީރަށް ލިބުނު ހަތަރު ދަރިންގެ ތެރެއިން އެންމެ ދޮށީ ދަރި އެވެ. މަޑުމައިތިރި މިޒާޖެއް ހުއްޓަސް ރީހާނަކީ އާއިލާއާ މަންމަ ދެކެ ނުހަނު ލޯބިވާ ބަސް އަހާ ދަރިއެއް ކަމަށް މަންމަ ހަދީޖާ ބުނެ އެވެ. ސްކޫލް ނިންމާލުމަށްފަހު މާގިނަ ދުވަސްތަކެއް ނުވެ، އާއިލާއަށް މާލީގޮތުން އެހީތެރިވުމަށް މަހަށް ދާންފެށީ ވެސް ރީހާނުގެ ޒިންމާދާރުކަމާ ކޮއްކޮމެންނަށް އަޅާލުން ހުންނަ ވަރު ބޮޑު ކަމުން ކަމަށް ހަދީޖާ ސިފަކުރި އެވެ.

ނިކަން ހިތްވަރާއެކު ވިއްސާރަޔަކަށް ހޫނަކަށް ބެލުމެއް ނެތި މާސިންގާ ކަނޑަށް ނިކުމެ އުޅުނު ރީހާން މިއަދު އެ އޮތީ ބަލި އެނދުގައި ދީލަތި އެހީއެއްގެ އާދޭހުގަ އެވެ. ހަމަ ދެފައި މައްޗަށް ކޮޅަށް ތެދުވެވޭނެ ދުވަހެއްގެ ޔަގީންކަން ނެތިފައި އެ ޒުވާނާ ވަނީ މާޔޫސްވެފަ އެވެ.

ރީހާނުގެ ފައި ތަނބިކައްޓާ ހިސާބުން ބުރިވީ މަހަށް ދިޔަ ދޯނި މާލެ އަތޮޅު ތުލުސްދޫ ފަޅަށް ވަދެ، އެ ތަނުގައި ދޯނި އަޅަން އުޅެނިކޮށް ކަނާތު ފައިގައި ދޯނީގެ ލޮތާރީގެ ވާ އޮޅިފައި ފަޔަށް މެހި ބާރު ވެގެންނެވެ. ވާ އޮޅިގެން ދިޔަ ބާރު މިނުގައި ފައިގެ މަސްގަނޑު ކަފާލައި ކަށިގަނޑު ފުނޑުފުނޑުކޮށްލި އެވެ. ފައިތިލަ ބުރިވެފައި އޮތް އިރު ފަޔާ ފައިތިލަ މިހާރު ގުޅިފައި އޮތީ ލޭ ދައުރުކުރާ މައި ނާރުއެކަންޏެވެ.

"... އެއީ ރޭގަނޑު އަށެއް ޖެހިހާކަންހާއިރު. ކުޑަމީހާ ގޮވައިގެން އުޅެނިކޮށް ކޮންމެވެސް މީހަކު އައިސް ބުނީ ދޯނިން ގުޅައިފިޔޭ ރީހާނަށް ކޮންމެވެސް ކަމެއް ވެގެން. ރީހާނުގެ ފައި ބުރި ވެގެން އެބަ އުޅެއޭ، އަވަހަށް މާލެ ދާން ތައްޔާރުވާށޭ. ދައްތަޔަކަށް ނޭނގުނު ހުރެވުނު ތަނެއް ވެސް. ވެގެން އުޅޭ ގޮތެއް ނޭނގޭތީ ސިކުނޑި ސުމަކަށް ދިޔައީ. ހަމަ ވަގުތުން ރީހާނުގެ ބައްޕަ އުޅެގަތީ މާލެއަށް ދާން. ދައްތައަށް މާލެއަށް ދެވޭ ގޮތެއް ނުވި،" ރީހާން އަށް ދިމާވި ހިތާމަވެރި ހާދިސާގެ ވާހަކަ މަންމަ ހަދީޖާ ކިޔައިދިނެވެ. "އޭރު އެ ދޯނި އޮތީ ފަޅުތެރޭގައި ކަމުން އަވަހަށް އެމީހުން ރީހާން ގޮވައިގެން ގެންދިޔައީ މާލެއަށް ފައިގަ ފޮތިގަނޑެއް އޮޅާއިގެން."

ރީހާން މިވަގުތު އޮތީ އޭޑީކޭ ހޮސްޕިޓަލުގައެވެ. ހޮސްޕިޓަލަށް ގެންގޮސް، ފައިތިލަޔަށް ލޭ ދައުރުވާނެހެން ނާރުތައް މިހާރު ވަނީ ކޮންމެވެސް ވަރަކަށް ގުޅުވާލާފަ އެވެ. ނަމަވެސް ރީހާންގެ ދެ އޮޕަރޭޝަނެއް އަދިވެސް ކުރަންޖެހޭ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް މަންމަ ހަދީޖާ ބުންޏެވެ.

ނަމަވެސް އެ އާއިލާގެ އަތުގައި ރީހާނަށް އެންމެ ފުރިހަމަ ފަރުވާކުރެވޭ ވަރަށް ފައިސާއެއް ނެތެވެ. އާއިލާ ތެރޭގެ މީހުންނަކީ ވެސް މާ ބޮޑު ތަނަވަސްކަމެއް ލިބިފައިވާ ބަޔަކަށް ނުވާތީ ހަދީޖާ ވަނީ އޭނާގެ ދަރިފުޅަށްޓަކައި ސަލާމުގެ އަތް ދިއްކޮށްފަ އެވެ. ހަދީޖާ އެދެނީ ދަރިފުޅުގެ ފަރުވާއަށް ހެޔޮ ނިޔަތުގައި ދޭ ދީލަތި އެހީ އެކެވެ. ދަރިފުޅުގެ ފައި މުޅިން ފަސޭހަކޮށް، އާއިލާގެ ހިތްހަމަޖެހުން އަލުން ހޯދުމަށެވެ. މިއީ ދަރިއަކަށްޓަކައި މަންމަ ކުރާ އާދޭހެކެވެ.

  • ރީހާނަށް އެހީވުމަށް: ފޯން - 9826855
  • ބެންކް އެކައުންޓް: 7770000004169 - Saudhulla