ދުނިޔެ

އެމެރިކާ ސިފައިން ސީރިއާއިން ނުގެންދަން ނިންމައިފި

ސީރިއާގައި ތިބި އެމެރިކާ ސިފައިން އަނބުރާ ގައުމަށް ނުގެންދަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނިންމަވައިފި އެވެ.

މީގެ ދެ މަސް ކުރިން ޓްރަމްޕު ވަނީ ސީރިއާގެ އުތުރު ބޯޑަރުގައި ތިބި 500 އެމެރިކާ ސިފައިން އަނބުރާ ގައުމަށް ގެންދަން ނިންމަވާފަ އެވެ. މިގޮތަށް ނިންމެވީ ތުރުކީން ސީރިއާގެ ބޯޑަރު ކައިރީގައި ކުރުދީންނާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަން ފެށުމާ ގުޅިގެންނެވެ.

އެެމެރިކާއިން ބުނާ ގޮތުގައި މިފަހަރު ކުރުދީންނާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައި ވަނީ އައިއެސްއާ ދެކޮޅު އޮޕަރޭޝަނެކެވެ. މިމަހުގެ ތެރޭގައި ކުރުދީން ދިން ޖާސޫސީ މައުލޫމާތުގެ އެހީގައި އެމެރިކާއިން ވަނީ އައިއެސްގެ ލީޑަރު މަރާލައިފަ އެވެ. ބެލެވޭ ގޮތުގައި މިހާރު އެމެރިކާއިން ފަށަން އުޅޭ އޮޕަރޭޝަނަކީ އައިއެސްގެ އިސް މަގާމުތަކުގެ ތިބި މީހުން މަރާލުމުގެ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިޔުމަށް ވާން ޖެހޭ ތައްޔާރީތަށް މިހާރު ކުރުދީންނާ އެމެރިކާއިން ދަނީ ވަމުންނެވެ. އުތުރު ސީރިއާގެ ބޯޑަރަކީ އައިއެސްގެ ގިނަ ލީޑަރުންތަކެއް ފިލައިގެން އުޅޭ ސަރަހައްދެވެ. މި ސަރަހައްދު މިހާރު އޮތީ ތުރުކީ ސިފައިންގެ ބެލުމުގެ ދަށުގަ އެވެ. އެމެރިކާގެ އޮޕަރޭޝަނަށް ތުރުކީން އެއްބާރުލުން ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.