ފައިސަލް ނަސީމް

ދިވެހިން ދީނާއި ދުރު ކުރަން ބަޔަކު އުޅޭ: ނައިބު ރައީސް

އިސްލާމް ދީނުގެ ނިއުމަތާ ދިވެހިން ދުރު ކުރަން ތަފާތު އެތައް މަސައްކަތްތަކެއް އެކި ގޮތްގޮތުން ބަޔަކު ކުރަމުން ގެންދާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމުވި ދުވަހުގެ މުނާސަބާ ފާހަގަ ކުރަން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ، ރާއްޖޭގެ ތާރީހަށް ބަލާއިރު ދިވެހިންގެ ގިނަ ކަންކަން ދުވަހުން ދުވަހަށް އެކި ގޮތްގޮތަށް ބަދަލުވެފައިވީ ނަމަވެސް ބަދަލު ނުކޮށް، އަދި ދުވަހަކު ވެސް ބަދަލު ކުރަން ބޭނުން ނުވާނެ ކަމަކީ ދިވެހިން ގަބޫލު ކޮށްގެން ތިބި އިސްލާމް ދީން ކަމަށެވެ.

ދިވެހިންނަށް ލިބިފައިވާ އެ ނިއުމަތާ ދުރު ކުރަން ތަފާތު އެތައް މަސައްކަތްތަކެއް، އެކި ގޮތްގޮތުން ކުރަމުންދާ ކަން ފާހަގަ ކުރައްވާ ފައިސަލް ވިދާޅުވީ، އެއް ބަޔަކު މަސައްކަތް ކުރަނީ، އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ކަންތައްތަކެއް، ދީނުގެ ކަންކަމުގައި ހަދައިގެން، މި މަތިވެރި ދީނުގެ ސިފަ ހުތުރު ކުރުމަށް ކަމަށެވެ.

އިސްލާމް ދީނުގެ ނަމުގައި، މީހުން މަރައި މުދާ ފޭރި، ކުޑަކުދިންގެ އިއްފަތްތެރިކަން ނަގައިލުމުގެ އަމަލުތަކެއް ބަޔަކު ކުރާކަމާއި އަދި އެފަދަ ކަންކަމަށް ހިތްވަރުދީ ވާހަކަ ދައްކާ ބަޔަކު އުޅޭކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ނައިބް ރައީސް އިތުރަށް ވިދާޅުވީ، އިސްލާމް ދީނުގެ ނަމުގައި، ދީނާ ނުގުޅޭ ކަންކަން ކުރާ މީހުނާއި އިސްލާމް ދީނަށް ފުރައްސާރަ ކުރަމުންދާ މީހުންނާ މެދުގައި ވެސް އަޅަން އެންމެ ރަނގަޅު ފިޔަވަޅަކީ، ދީނުގެ ކަންކަން ރަނގަޅަށް އޮޅުންފިލުވައިދީ، ސައްހަ އަގީދާ އެމީހުންގެ ހިތްތަކުގައި ހަރުލެއްވުން ކަމަށެވެ.

އިސްލާމް ދީނުގެ އުސޫލުތައް ގަބޫލު ނުކޮށް، އެ ދީނުގެ ކަންކަމަށް ހަޖޫޖަހައި ފުރައްސާރަ ކުރުމަކީ ރާއްޖޭގެ މި ފަސްގަނޑުގައި ޖާގަދެވިގެންވާނެ ކަންކަމެއް ނޫން ކަމަށާއި، އިސްލާމީ އަގީދާގައި ސާބިތުވެ ތިބޭތީ އަގީދާ އާއި ދީނަށް އިހާނެތިކޮށް ހިތައި ފުރައްސާރަ ކުރުމަކީ، ތަހުޒީބު މުޖްތަމައުތައް ވެސް ގަބޫލުކުރާ ހަމައެއް ނޫންކަމަށާއި، އަދި އެއީ ހުއްދަ ކުރެވޭނެ ކަންކަމެއް ނޫން ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.