ފެހެންދޫ

ފަސޭހައެއް: ފެހެންދޫއަށް ފައްކާކުރާ ފެރީ!

ބ. ފެހެންދޫއިން: ނާޒިމް ހަސަން
Dec 1, 2019
6

ބ. ފެހެންދޫ އާއި އެ ރަށުގެ ފަޅާއި ޑިންގީގެ ވާހަކަ އެންމެން ވެސް އަޑުއަހާނެއެވެ. ފެހެންދޫގެ ދަރިވަރުން ސްކޫލަށް ދަނީ އެއް ފަޅުގައި އޮންނަ އެހެން ރަށަކަށް ކުޑަ ޑިންގީއެއް ދަތުރުކޮށްގެނެވެ. މިއީ ރާއްޖޭގައި މިފަދަ ދަތުރެއްކޮށް ތައުލީމް ހާސިލްކުރާ ހަމައެކަނި ދަރިވަރުންނެވެ. އެ ކުދިން ކޮންމެ ދުވަހަކު އެ ކުރާ ތަޖުރިބާގެ ވާހަކަ އަޑުއިވުނަސް، ތަޖުރިބާކޮށް ނުލެވެނީސް އެއީ އޭގެ ތަކްލީފު ރަނގަޅަށް އެނގޭ ވަރުގެ ކަމެއް ނޫނެވެ.

ހާފުތާއެއްހާ ދުވަސް ކުރިން އަހަރެން ފެހެންދޫއަށް ދިޔަ ދުވަހަކީ މޫސުން ވަރަށް ރީތި، ކަނޑުވެސް ވަރަށް މަޑު ދުވަހެކެވެ. ފެހެންދޫއާ އެއް ފަޅެއްގައި އޮންނަ ގޮއިދޫއަށް ލޯންޗެއްގައި ދިޔުމަށްފަހު ފެހެންދޫއަށް ދާން އެރީ ކުޑަކުޑަ ޑިންގީއަށެވެ. އެ ފަޅު ތެރޭގައި އޭގެ ޑިންގީތައް ވަރަށް ގިނައެވެ. ކޮޅުކޮޅު މައްޗަށް ޑިންގީތައް ދުއްވަމުންދެއެވެ. އެއިން ޑިންގީއަކަށް އަރައި އިނދެ، މޫދު އަޑި ބަލާލާއިރު ވެލިގަނޑު ފެންނަން އޮވެއެވެ. އެއީ އެހާ ވެސް ތިލަ ފަޅެކެވެ. ގާތްގަނޑަކަށް ދެ ފޫޓެއްހާ ތިލަ ފަޅެކެވެ. މިތަނުގައި ހަމައެކަނި ޑިންގީ މި ދުއްވެނީ އެހެންވެއެވެ.

ޑިންގީގައި އަހަރެމެން ފެހެންދޫއަށް ދިޔައީ އެ ރަށުގެ ކުދިން ސްކޫލަށް ދާން އެ ހޭދަ ކުރާ ދަތުރުގެ ތަޖުރިބާއެއް ކޮށްލާށެވެ. ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުންތަކާއި ދަތިތައް އޮޅުންފިލުވާލައި ބަލައިލާށެވެ. ހަޔާތުގައި މި ތަޖުރިބާވެސް ކޮށްލާފައި އޮތުން ރަނގަޅުވާނެ ކަމަށް ބަލައިގެނެވެ.

ރަށަށް އެރުމާއެކު ފުރަތަމަ ބައްދަލުވީ މިކަމުގައި ވާހަކަ ދައްކަން އެންމެ މުނާސަބު މީހާއާއެވެ. އެއީ ފެހެންދޫގެ "ފިސާރި އަންހެނާ"އެވެ. އެހެންނާ ވިއްޔާ އެއީ މިރަށު އައިމިނަތު އާސިފާއެވެ.

މި އާސިފާއަކީ 2008 ގައި ފުރަތަމަ ބޮއްކުރާއެއްގައި އަމިއްލަ ދަރިފުޅު ގޮއިދޫ ސްކޫލަށް ގެންދިޔަ ހިތްވަރު ގަދަ މަންމައެވެ. ދަރިފުޅު ގޮވައިގެން ބޮއްކުރާ ދުއްވީ ވެސް އޭނާ އަމިއްލައަށެވެ. ފަހުން އޭނާގެ ފަސްފަހަތުން އެހެން މީހުން ވެސް ފަޅު ހުރަސްކޮށް ގޮއިދޫ ސްކޫލަށް ދަރިވަރުން ފޮނުވަން ފެށީއެވެ. އާސިފާމެން އެކަން ކުރީ އަމިއްލަ ހަރަދުގައެވެ.

އެ ހާލުގައި ބޮއްކުރާ ގަނޑެއްގައި ދަރިވަރުން ސްކޫލަށް ގެންދާތާ އެތައް އަހަރެއް ފަހުން ޑިންގީއެއް ލިބުނެވެ. ދީލަތި އެހީއެއްގެ ދަށުން ލިބުނު އެ ޑިންގީއާ ހަވާލުވީ ރަށު ކައުންސިލެވެ. އެއީ 2014 ވަނައެވެ.

ކައުންސިލު އިދާރާއިން ބުނާ ގޮތުން އެ ޑިންގީގެ ހިދުމަތް ހުއްޓާލަން ޖެހުނީ އޭރުގެ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެއްބާރުލުން ނުލިބިގެނެވެ. ކައުންސިިލަށް ގެއްލުންވާތީ، އެ ޑިންގީގެ ދަތުރުތައް ހުއްޓާލުމުން މިނިސްޓްރީން ވަނީ އެ ހިދުމަތް އަލުން ފަށައި، ކައުންސިލްގެ ބަދަލުގައި ޑިންގީ، ގޮއިދޫ ސްކޫލާ ހަވާލުކޮށްފައެވެ.

މިނިސްޓްރީއިން ގޮއިދޫ ސްކޫލާ ހަވާލުކުރީ ވެސް އަމިއްލަ ފަރާތަކުން ހަދިޔާކުރި ޑިންގީއެކެވެ. މިހާރު ވެސް ބޭނުން ކުރަމުން ދަނީ އެ ޑިންގީއެވެ. އެއީ 10 މީހުންގެ ޖާގައިގެ ޑިންގީއެކެވެ. އެ ޑިންގީގައި ދަތުރުކުރާ ކޮންމެ ކުއްޖަކަށް މިނިސްޓްރީއިން 1000 ރުފިޔާގެ އެލެވެންސްއެއް ދެއެވެ. ޑިންގީގެ ކައްޕީގެ މުސާރަ އާއި އެހެން ހަރަދުތައް ބަލަހައްޓަނީ އެ ފައިސާއިންނެެވެ.

ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ނިޒާމް ވިދާޅުވި ގޮތުގައި ފެހެންދޫގައި 24 ދަރިވަރުން އުޅޭއިރު އެ ހުރިހާ ދަރިވަރުން ސްކޫލަށް ގެންދެވެނީ ތިން ދަތުރުންނެވެ. އަދި އިންޓަވަލް ގަޑިއަށް ވެސް ބެލެނިވެރިން ދަރިވަރުންނަށް ކާ އެއްޗެހި ހިފައިގެން އާދެއެވެ. އެ ބެލެނިވެރިން އަނބުރާ ގެންދަނީ ވެސް ޑިންގީގައެވެ. އިތުރު ހަރަކާތެއް ނޫނީ އެކްސްޓްރާ ކްލާހެއް އެއީ އެންމެ ކުއްޖަކު ބައިވެރިވާ ކްލާހެއް ނަމަވެސް ފެހެންދޫއަށް ޑިންގީ ގޮސް އެ ދަރިވަރަކު ގެންދެއެވެ.

ނިޒާމް ވިދާޅުވި ގޮތުގައި އެގޮތަށް ދުވާލަކަށް ގާތްގަނޑަކަށް މަދުވެގެން 16 ދަތުރު ޑިންގީގައި ކުރަން ޖެހޭނެއެވެ. ޑިންގީގެ ކައްޕި ބަލިވެއްޖެނަމަ ޕްރިންސިޕަލް ވެސް ޑިންގީގެ ކައްޕީގެ ރޯލް އަދާކުރެއެވެ.

"ބެލެނިވެރިންގެ ބައްދަލުވުމެއް ބާއްވަން އެއީ ކިތަންމެ އާޖެންޓްކޮށް ވިޔަސް އެބަޖެހޭ ފެހެންދޫ ބެލެނިވެރިން ގެންނާނެ އިންތިޒާމް ހަމަޖައްސަން، ރޭގަނޑު ކްލާހެއް އޮތަސް، އެކްސްޓްރާ ނޫނީ އިތުރު ހަރަކާތެއް އޮތަސް ދަތުރެއް ކުރަން ޖެހޭ، މިއީ ވަރަށް ޗެލެންޖިން ކަމެއް، ވަރަށް އުނދަގޫ ވެސް ކަމެއް،" ނިޒާމް ވިދާޅުވިއެވެ.

މި "ސްޓޫޑެންޓް ޑިންގީ" މިހެން ދަތުރު ކުރަމުން ދިޔަސް، ދަތިތައް ވަރަށް ގިނައެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ވެސް ގޮއިދޫ ސްކޫލަށް ފޮނުވާ އާސިފާ ބުނި ގޮތުގައި، ޑިންގީ ކުޑަވުމުގެ ސަބަބުން ގިނަ ދަތުރުތައް ކުރަން ޖެހުމަކީ ވަގުތު ގެއްލިގެންދާ ކަމެކެވެ. އެގޮތުން ހެނދުނު 6:45 ގައި ސްކޫލް ފެށޭއިރު ފުރަތަމަ ދަތުރު 6:15 ގައި ކުރަން ޖެހެއެވެ.

"އެހެންވެ، 5:30 އިން ފެށިގެން ތައްޔާރުވާން އުޅެން މިޖެހެނީ، އަދި 6:15 ގައި ގޮއިދޫއަށްދާ ދަރިވަރުން އެހާ ކުރިން ދިޔުމުގެ ސަބަބުން ގިނަ ވަގުތުތަކެއް އެ ކުދިންނަށް ވެސް ގެއްލިގެން ދަނީ،" އާސިފާ ބުންޏެވެ.

ވިއްސާރަ މޫސުމުގައި ސްކޫލަށް ނުދެވިފައި ތިބެން ޖެހެއެވެ. ގަދައަށް ވިއްސާރަ ކުރާނަމަ ޑިންގީގައި ދަތުރެއް ނުކުރެއެވެ. އެއީ ހިޔާވާން ސަތަރި ވައްޓާލާފިނަމަ، ކުރި ނުފެންނާތީއެވެ. ކުރި ނުފެނި ދުއްވުމަކީ ނުރައްކާތެރި ކަމަކަށްވާތީ ސްކޫލުން ވެސް އޮންނަނީ ވާރޭ ވެހޭނަމަ ދަތުރު ކުރުން މަނާކޮށްފައެވެ.

މީގެ ކުރިން ސްކޫލް ކުދިން ގޮވައިގެން ޑިންގީ ދުއްވި ޒުވާން ކައްޕިއެއް ކަމަށްވާ އަހުމަދު އަތީފު ބުނި ގޮތުގައި ބޯކޮށް ވާރޭ ވެހޭނަމަ އެއް ގޮތަކަށް ވެސް އެ މީހުން ދަތުރެއް ނުކުރެއެވެ. ދަތުރު އަލުން ފަށަނީ ވިއްސާރަ އަލިވުމުންނެވެ. ގަދަ ވެއްޖެނަމަ ބައެއް ދުވަސްތަކުގައި ޑިންގީ ޖެޓީއާ ގާތް ވެސް ނުކުރެވެއެވެ. އެހެންވެ ގޮނޑުދޮށަށް ޑިންގީ ބީއްސާލައިގެން ވެސް ކުދިންނާއި ބެލެނިވެރިން ރަށަށް ބާލަން ޖެހެއެވެ.

ދިޔަވަރު ހިކޭ ދުވަސްވަރު ވެސް އެހާ ދަތިތަކާ ކުރިމަތިވާކަން ކައްޕި ފާހަގަކުރިއެވެ. އެހެންވެ، އެ ރަށުގެ ފަޅު ފުންކޮށް ބަނދަރެއް ހެދުމުގެ މުހިންމުކަން ވެސް އޭނާ ފާހަގަކުރެއެވެ. ރަށުގައި ބަނދަރެއް ނެތުމަކީ ވަރަށް ބޮޑު ތަކުލީފެއް ކަމަށް އެ ޒުވާނާ ބުންޏެވެ.

އެ މަންޒަރު އަހަރެން ވެސް ދުށީމެވެ. ޑިންގީއަކުން ރަށަށް މުދާ ބާލަން އުޅުނު ހާލު ފެނިފައި ހަމަ ސަހަރޯ ހީވިއެވެ. ކުޑަ ޑިންގީ ގަނޑެއްގައި ޖެޓީ މައްޗަށް އެހާ ހާލުން އެ ދުވަހު އެރުވީ އެ ރަށަށް ކޮންމެހެން ވެސް ބޭނުންވާ އާސާސީ ކާނާގެ ބާވަތްތަކެވެ. ފެހެންދޫގައި ބަނދަރު ހެދުމަށް ބޭނުންވާ ސާމާނު އެ ރަށަށް ގެނައީ އަހަރެމެން އެ ރަށުގައި ތިއްބައެވެ. އެ މަޝްރޫއު މިހާރު ވަނީ ފެށިފައެވެ.

ބަނދަރު ހެދިޔަސް، ރަށު ކައުންސިލްގެ އެހެން ވިސްނުމެއް ވެސް އެބަ އޮތެވެ. އެއީ ރަށުގެ ދެކުނު ފަރާތުގައި ފާލަމެއް ހެދުމެވެ. މިހާރު ދެ ފާލަން އޮންނަ ފަރާތަކީ ވެސް އެންމެ ތިލަ ފަރާތެވެ. ދެކުނު ފަރާތުގައި ފާލަމެއް ހެދިއްޖެނަމަ ދިޔަވަރު ހިކޭ ދުވަސްވަރު ވެސް ޑިންގީ ކައިރި ކުރެވޭވަރު ވާނެ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް މޫސާ ނަސީމް ވިދާޅުވެއެވެ.

މޫސަ ވިދާޅުވި ގޮތުގައި ސްކޫލް ކުދިންގެ ދަތުރުގައި ކައުންސިލްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިހާރު ބޭނުން ކުރާ ޑިންގީއަކީ ވެސް އެކަމަށް އެންމެ އެކަށީގެންވާ އުޅަނދަކަށް ނުވުމެވެ. ޖާގައިގެ ގޮތުންނާއި ސަލާމަތީ ގޮތުން ވެސް އެއީ އެކަށީގެންވާ ޑިންގީއެއް ކަމަށް އޭނާ ގަބޫލެއް ނުކުރައްވައެވެ.

އޭނާ ވިދާޅުވި ގޮތުގައި ފެހެންދޫގެ ރައްޔިތުންނަށް ގޮއިދޫއަށް ދަރިވަރުން ގޮވައިގެން ދާން ޖެހުމަކީ ބުރައެއް ނޫނެވެ. ނަމަވެސް އެކަމުގައި އޮތް ބުރައަކީ ދަތުރުގައި އުފުލަން ޖެހޭ ދައްޗެވެ.

މޫސަ ފާހަގަ ކުރައްވާ ގޮތުގައި މިކަމަށް އޮތް ދާއިމީ ހައްލަކީ ގޮއިދޫ އާއި ފެހެންދޫއާ ދެމެދު ކޯޒްވޭއެއް ހަދައި ގުޅާލުމެވެ. އެކަން އަވަހަށް ފެށުމަކީ އޭނާ އާއި ރައްޔިތު އެންމެންގެ ވަރަށް ބޮޑު އުއްމީދެކެވެ. އެ އުއްމީދުގައި އަދި ކުލަ ނުޖެހުނަސް، މިހާރު ކުލަވަމުން އަންނަ އުއްމީދެއް އެބަ އޮތެވެ. އެއީ ފެހެންދޫގެ ދަރިވަރުންނަށް ހާއްސަ ދާއިމީ ފެރީއެވެ.

ފެހެންދޫ ދަރިވަރުންނަށް ފެރީއެއް ހަދައިދިނުމަށް އިންޑިއާގެ ސަރުކާރުން ވަނީ ހިލޭ އެހީއެއް ދީފައެވެ. އިންޑިއާގެ ހިލޭ އެހީގައި ދިވެހި ހާރިޖިއްޔާގެ ބެލުމުގެ ދަށުން މި މަޝްރޫއު މިހާރު ވަނީ އެޑިއުކޭޝަން މިނިސްޓްރީން ފަށާފައެވެ.

ފެހެންދޫގެ ތިލަ ފަޅުގައި ދުއްވޭ ގޮތަށް ހާއްސަ ފަރުމާއަކަށް އެ ފެރީ ބަންނަން ދީފައި ވަނީ ތަޖުރިބާކާރު، އަލްޝާލީ މަރައިންއަށެވެ. މިނިސްޓްރީއިން މައުލޫމާތު ދޭ ގޮތުގައި އަންނަ އަހަރު ސްކޫލް ފެށުމުގެ ކުރިން 40 މީހުންގެ ޖާގައިގެ މި ފެރީގައި ހިދުމަތް ފެށޭވަރުވާނެއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި އިންޑިއާގެ އެހީގައި ބަންނަ ފެރީއާއެކު ފެހެންދޫއަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ރައީސްގެ ފަހަތުން ޕްރިންސިޕަލް ނިޒާމް ވިދާޅުވި ގޮތުގައި އެ ފެރީގެ ސަބަބުން އެއް ދަތުރެއްގައި ހުރިހާ ދަރިވަރުން ސްކޫލަށް ގެންދެވޭނެއެވެ. އެއީ ބޮޑު ލުޔަކަށްވާނެއެވެ. އަދި ވަގުތުތައް ވެސް ސަލާމަތް ވެގެން ދާނެއިރު ދަރިވަރުންނަށް ރައްކާތެރި އުޅަނދެއްގައި ދަތުރުކުރެވި މިހާރު އުފުލަމުންދާ ތަކުލީފުތަކާއި ދަތިތަކުން މިންޖު ވެވޭނެއެވެ.

އެހެންކަމުން، އަލްޝާލީން ފެހެންދޫ ފަޅަށް ފައްކާކުރާ މި ފެރީއިން އެ ރަށަށް ބޮޑު ފަސޭހައެއް ވެގެން ދާނެއެވެ. ފެހެންދޫގެ ކުދިންގެ ހާލާމެދު ކަންބޮޑުވެފައި އޮތް މުޅި ރާއްޖޭގެ ރައްޔިތުންގެ ހިތްތަކަށް ވެސް ފަސޭހައެއް ވެގެންދާނެއެވެ.

އެއްކަލަ ކުޑަ ޑިންގީގައި އަހަރެން ފެހެންދޫއިން ފުރައިގެން ގޮއިދޫއަށް ދިޔައީ ފެހެންދޫއަށް އެ ފަސޭހަ ވީހާ ވެސް އަވަހަކަށް ލިބޭނެ ކަމަށް އުއްމީދު ކުރަމުންނެވެ. އަހަންނަށް އަލްވަދާއު ކިޔާން ޖެޓީ ދޮަށަށް ނުކުމެ ތިބި އަންހެންވެރީންގެ އެދުމަކީ ވެސް އެއީއެވެ.