ހަބަރު

ޑަބްލް ޓެކުހުގެ ކަންބޮޑުވުމާއެކު ޑިވިޑެންޑުން ޓެކްސް ނުނަގަން ގޮވާލައިފި

އާމްދަނީން ޓެކްސް ނެގުމުގެ ބިލް ނުވަތަ އިންކަމް ޓެކްސްގެ ބިލުގައި ޑިވިޑެންޑުން ޓެކްސް ނަގާ ގޮތަށް ހިމަނާފައިވުމަކީ ޑަބްލް ޓެކުހަށްވާކަމެއް ކަމަށް ބުނެ، ސަރުކާރު ހިންގާ އެމްޑީޕީގެ ބައެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަދު ކަންބޮޑުވުންފާޅު ކުރައްވައިފި އެވެ.

އިންކަމް ޓެކްސް ބިލް ފުރަތަމަ އޮތް ގޮތުން ޓެކްސް ދައްކަން ޖެހޭނީ، 40،000ރ. އަށް ވުރެ އާމްދަނީ އިތުވާ ބައިން ކަމަށެވެ. ނަމަވެސް މަޖިލީހުގެ ކޮމެޓީން ވަނީ އިންކަމް ޓެކްސް ނަގާ ބްރެކެޓުތައް މަތިކޮށް، ޕަސެންޓޭޖު ދަށްކޮށްފަ އެވެ. ނަމަވެސް ކޮމިޓީން މިހާރު ފާސްކޮށްފައިވަނީ މަހެއްގެ މައްޗަށް 60،000ރ. އާއި 100،000ރ. ރުފިޔާއާ އާ ދެމެދުގެ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކްސް ކުރުމަށެވެ. އަދި ޓެކްސް ކުރާނީ 5.5 ޕަސެންޓުންނެވެ. ކުރިން މި ޕަސެންޓޭޖު އޮތީ އަށް ޕަސެންޓުގަ އެވެ.

އިންކަމް ޓެކްސް ބިލް ކުރިން އޮތް ގޮތުން 60،000ރ. އާއި 100،000ރ. އާ ދެމެދުގެ އާމްދަނީއެއް ލިބޭ ފަރާތްތަކުގެ އަތުން 10 ޕަސެންޓް ނަގާނެ އެވެ. އަދި 100،000ރ. އަށްވުރެ ބޮޑު ނަމަ 15 ޕަސެންޓް އިންކަމް ޓެކުހުގެ ގޮތުގައި ދައްކަން ޖެހެ އެވެ. ނަމަވެސް މިހާރު ބިލަށް ނެގެސްފައިވާ ބަދަލާއެކު، 100،000ރ. އާއި 150،000ރ. އާ ދެމެދުގެ އާމްދަނީ ލިބޭ މީހުންގެ އަތުން ނަގާނީ އަށް ޕަސެންޓެވެ. އަދި 150،000ރ. އާއި 200،000ރ. އާ ދެމެދުގެ އަމްދަނީއެއް ލިބޭ މީހުންގެ އަތުން 12 ޕަސެންޓް ޓެކުހުގެ ގޮތުގައި ނަގާނެ އެވެ.

އިންކަމް ޓެކްސް ނަގަނީ ޕާސަނަލް އިންކަމް އިންނެވެ. އެހެންކަމުން ޓެކްސް ނެގޭ ބްރެކެޓު ތަކަށް ފޯލްވާ މީހުން ޓެކްސް ދައްކަން ލާޒިމްވެ އެވެ. މިހާރު ޓެކްސް ބިލް އޮތް ގޮތުން މި ބްރެކެޓުގެ ތެރެ އަށް ފައިބާނީ ބޮޑެތި މުސާރަ ވެރިންގެ އިތުރުން ރާއްޖޭގައި ތިބި ބޮޑެތި ވިޔަފާރިވެރިންނާއި އިންވެސްޓަރުންނެވެ. މިސާލަކަށް އިންވެސްޓަރެއް، އޭނާގެ ޕާސަނަލް އިންކަމް އިން، ޓެކްސް ދައްކާފަ އަދި އޭނާ ކުރާ ވިޔަފާރީއަށް ލިބޭ ޑިވިޑެންޓުން ވެސް ޓެކްސް ދައްކަން ޖެހޭނެ އެވެ.

އެ ބިލާ ބެހޭ ގޮތުން މިއަދު މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވި ގޮތުގައި ޑިވިޑެންޑުން ޓެކްސް ނެގުމުން ޑަބަލް ޓެކުހަށްވާއިރު، އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގައި އިންވެސްޓްކޮށްފައިވާ އިންވެސްޓުތަކަށް ކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"އެހެންވީމާ، އަޅުގަނޑަށް ފެނޭ ޑިވިޑެންޑުން ޓެކްސް ނެގުމަށް މި ބިލަށް ގެނެސްފައިވާ އިސްލާހު އަނބުރާ ގެންދަން،" ޔައުގޫބު ވިދާޅުވި އެވެ.

ޔައުގޫބުގެ ހުށަހެޅުމަށް ތާއީދުކުރައްވަމުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވި ގޮތުގައި، ވިޔަފާރިތަކުން ޓެކްސް ނެގުމުގެ އިތުރުން ވިޔަފާރިވެރިނަންނަށް ލިބޭ ޑިވިޑެންޑުންވެސް ޓެކްސް ނެގުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

އަދި ޓެކްސްގެ ނިޒާމް ފުރިހަމަވާންޖެހޭނީ އިތުރު އިންވެސްޓްމަންޓުތަކަށް ފުރުސަތު ފަހިކޮށްދެވޭ ގޮތަކަށް ކަމަށްވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވި ގޮތުގައި އަވަށްޓެރި ގައުމުތަކުން ޓެކުހަށް ގެންނަ ބަދަލުތަކަށްވެސް ރިއާއަތްކުރަންޖެހޭ ކަމަށެވެ. އެ ގޮތުން، އިންވެސްޓުމަންޓުތަކަށް ފަހި މާހައުލެއް ގާއިމުކުރުމުގެ ގޮތުން ސްރީލަންކާއިން ވެސް ގިނަ ޓެކްސްތަކެއް ކަނޑާލަން ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިފަދަ ކަންކަމާ އަޅުގަނޑުމެން ވަރަށް ވިސްނަންޖެހޭ. ޑިވިޑެންޑުން ޓެކްސް ނެގުމުގެ ކަންތައް ކުރަންޖެހެނީ ވަރަށް ވިސްނުންތެރިކަމާއެކު އިންވެސްޓުމަންޓުތަކަށް ގެއްލުންނުވާގޮތަށް،" އިބްރާހިމް ނަސީމް ވެސް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސްގެ ވިސްނުން ތަފާތު

ޑިވިޑެންޑުން ޓެކްސް ނެގުމާ ދެކޮޅަށް ބައެއް މެންބަރުން ދައްކަވަމުން ގެންދެވި ވާހަކަފުޅުތައް އަޑުއެއްސެވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޑިވިޑެންޑުން ޓެކްސް ނަގަން ސަރުކާރުން ހުށަހެޅީ ވަކި ވިސްނުމެއްގެ ތެރެއިން ކަމަށެވެ.

އެގޮތުން، ދިވެހި މައިންބަފައިންގެ މުޅަ މުދަލުން ލިބޭ އާމްދަނީން ޓެކްސް ދައްކަންޖެހޭ ގޮތަށް ހެދުމަކީ އެކަމުގެ މައިގަނޑު ވިސްނުން ކަމުގައި ނަޝީދު ވިދާޅުވި އެވެ.

"މިސާލަކަށް ބައްޕަ ނުވަތަ މަންމަ ނިޔާވީމާ، އެ މީހުންގެ ރިސޯޓުން ދެ ބަނޑުގެ ހަތް ކުދީންނަށް އެބަ ލިބޭ 10 ޕަސަންޓާ ނޫނީ 12 ޕަސަންޓްގެ ހިއްސާ. އަހަރެއްގެ މައްޗަށް ދެ ތިން މިލިއަން ރުފިޔާ ލިބޭ. ތަނަވަސްކަންމަތީ އެއްވެސް އުނދަގުލެއްވެސް ނެތް. ގެއެއްވެސް ކޮޅުނބުން ގަނެފީމު،" ޑިވިޑެންޑުން ޓެކްސް ނަގަންޖެހޭ ސަބަބު ސާފުކޮށްދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ ޑިވިޑެންޑް ލިބެނީ ކޮން ބަޔަކަށްތޯ. މައިންބަފައިންގެ މުޅަ މުދަލުން އާމްދަނީ ލިބޭ ކިތަންމެ ބައެއްވެސް އެބަ ތިބޭ،" އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަށް، މިހާރު ވަނީ ތަފާތު 26 އިސްލާހެއް ހުށަހަޅާފަ އެވެ.

އެ އިސްލާހުތަކާއެކު، އާމްދަނީން ޓެކްސް ނެގުމުގެ ބިލް ފާސްކުރުމަށް މިއަދު މަޖިލީހުގައި ވޯޓަށް އަހާނެކަމަށް ނަޝީދު ވަނީ އިއުލާނުކުރައްވައިފަ އެވެ.