ރާއްޖެއަށް އާމްދަނީން ނޫނީ އިންކަމް ޓެކްސް ތައާރަފްކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުން މަޖިލީހަށް ހުށަހެޅި އިންކަމް ޓެކްސްގެ ބިލުގައި ވަނީ 40،000 އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން އެ ޓެކްސް ނަގާށެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓް ވެސް ފަރުމާ ކުރީ، 40،000 ރުފިޔާއިން މަތީގެ އާމްދަނީތަކުން ޓެކްސް ނަގައިގެން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރާ އަދަދުތައް ހިމަނައިގެންނެވެ.
ނަމަވެސް ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީގެ "އެޖެންޑާ 19" ގެ މެނިފެސްޓޯގައި އޮތީ 60،000 ރުފިޔާއިން މަތިން އާމްދަނީ ލިބޭ މީހުން އަތުން ޓެކްސް ނަގާށެވެ.
އިންކަމް ޓެކްސް ބިލް ފުރަތަމަ އޮތް ގޮތުން ޓެކްސް ދައްކަން ޖެހޭނީ، 40،000ރ. އަށް ވުރެ އާމްދަނީ އިތުވާ ބައިން ކަމަށެވެ. ނަމަވެސް މަޖިލީހުގެ ކޮމެޓީން ވަނީ އިންކަމް ޓެކްސް ނަގާ ބްރެކެޓުތައް މަތިކޮށް، ޕަސެންޓޭޖު ދަށްކޮށްފަ އެވެ. ނަމަވެސް ކޮމިޓީން މިހާރު ފާސްކޮށްފައިވަނީ މަހެއްގެ މައްޗަށް 60،000ރ. އާއި 100،000ރ. ރުފިޔާއާ އާ ދެމެދުގެ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކްސް ކުރުމަށެވެ. އަދި ޓެކްސް ކުރާނީ 5.5 ޕަސެންޓުންނެވެ. ކުރިން މި ޕަސެންޓޭޖު އޮތީ އަށް ޕަސެންޓުގަ އެވެ.
އިންކަމް ޓެކްސް ބިލް ކުރިން އޮތް ގޮތުން 60،000ރ. އާއި 100،000ރ. އާ ދެމެދުގެ އާމްދަނީއެއް ލިބޭ ފަރާތްތަކުގެ އަތުން 10 ޕަސެންޓް ނަގާނެ އެވެ. އަދި 100،000ރ. އަށްވުރެ ބޮޑު ނަމަ 15 ޕަސެންޓް އިންކަމް ޓެކުހުގެ ގޮތުގައި ދައްކަން ޖެހެ އެވެ. ނަމަވެސް މިހާރު ބިލަށް ނެގެސްފައިވާ ބަދަލާއެކު، 100،000ރ. އާއި 150،000ރ. އާ ދެމެދުގެ އާމްދަނީ ލިބޭ މީހުންގެ އަތުން ނަގާނީ އަށް ޕަސެންޓެވެ. އަދި 150،000ރ. އާއި 200،000ރ. އާ ދެމެދުގެ އަމްދަނީއެއް ލިބޭ މީހުންގެ އަތުން 12 ޕަސެންޓް ޓެކުހުގެ ގޮތުގައި ނަގާނެ އެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަށް މެންބަރުން ހުށަހެޅި ޖުމްލަ 26 އިސްލާހާއެކު ފާސްވީ، މިއަދުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލު ފާސްކުރުމާ ދެކޮޅަށް ތިން މެންބަރަކު ވަނީ ވޯޓު ދެއްވައިފަ އެވެ.
ސަރުކާރު ކޯލިޝަނުގެ މައި ޕާޓީގެ ބައެއް މެންބަރުން ކަންބޮޑުވުންފާޅު ކުރި ނަމަވެސް، އޭގެ ތެރޭގައި ޑިވިޑެންޑުން ޓެކްސް ނެގުންވެސް ހިމެނެ އެވެ.
ޓެކްސް ބިލް އޮތް ގޮތުން މި ބްރެކެޓުގެ ތެރެ އަށް ފައިބާނީ ބޮޑެތި މުސާރަ ވެރިންގެ އިތުރުން ރާއްޖޭގައި ތިބި ބޮޑެތި ވިޔަފާރިވެރިންނާއި އިންވެސްޓަރުންނެވެ. މިސާލަކަށް އިންވެސްޓަރެއް، އޭނާގެ ޕާސަނަލް އިންކަމް އިން، ޓެކްސް ދައްކާފަ އަދި އޭނާ ކުރާ ވިޔަފާރީއަށް ލިބޭ ޑިވިޑެންޓުން ވެސް ޓެކްސް ދައްކަން ޖެހޭނެ އެވެ.
އިންކަމް ޓެކްސް މެދުވެރިކޮށް ދައުލަތަށް އަހަރަކު 680 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާ ކުރެ އެވެ. އަދި ހަމައެކަނި މަސައްކަތްތެރިންގެ އާމްދަނީ އިން އެކަނި 348 މިލިއަން ރުފިޔާ އަންނަ އަހަރު ލިބޭނެ ކަމަށް ބަޖެޓްގައި ވެ އެވެ.
ނަމަވެސް، އިންކަމް ޓެކްސް ނެގޭ ތުރެޝްހޯލްޑް ބިލްގައިވާ ވަރަށްވުރެ މަތިކުރުމުން އަންދާޒާ ކޮށްފައިވާ ވަރަށްވުރެ އާމްދަނީ މަދުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވެސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.