ހަބަރު

ސަރުކާރުން ޓެކްސް ނަގަނީ ރައްޔިތުންނަށްޓަކައި: އުއްޗު

ޓެކްސް ނަގަނީ ސަރުކާރުން ބޭނުންވެގެން ނޫން ކަމަށާއި، އެއީ ރައްޔިތުންގެ ބޭނުންވެގެން ސަރުކާރުން ނަގާއެއްޗެއް ކަމަށް ރާއްޖޭގެ އެންމެ ކާމިޔާބު އެއް ވިޔަފާރި ވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި އުއްޗު ވަނީ އޭނާގެ ވަރަށް ގިނަ ޒާތީ ވާހަކަތަކެއްވެސް ކިޔައިދީފަ އެވެ. ވިޔަފާރި ފެށި ގޮތާއި، ކާމިޔާބު ވިޔަފާރިއަކަށް އެ ވިޔަފާރި ބަދަލުކުރި ގޮތުގެ އިތުރުންވެސް ވަރަށް ގިނަ ވާހަކަތަކެއް އޭނާ ވަނީ ހިއްސާކޮށްފަ އެވެ.

ޓެކްސްއާއި ގުޅޭ ގޮތުން ޕްރެޒެންޓަރު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އުއްޗު ވިދާޅުވީ ޓެކްސްއަކީ ނަގަންޖެހޭ އެއްޗެއް ކަމަށާއި، ސަރުކާރުން ޓެކްސް ނަގަނީ ރައްޔިތުންނަށް އެނގިގެން ނަމަވެސް، ނޭގި ނަމަވެސް ޕްރެޝަރު ކުރެވިގެން ކަމަށެވެ. އެނާ ވިދާޅުވީ، ތަރައްގީއަށް ބޭނުންވެގެން އެކަމަށް ޑިމާންޑް ކުރަނީ ރައްޔިތުން ކަމަށާއި، އެ ޑިމާންޑައި އެއްވަރަށް އެކަންކަން ކޮށްދޭން ސަރުކާރަށް ޓެކްސް ނަގަން މަޖުބޫރު ވަނީ ކަމަށެވެ.

"ސަރުކާރުން ކޮން ތަނަކުންތޯ ލާރި ހޯދަނީ، ސަރުކާރުން އެބަޖެހޭ (ލާރި) ނަގަން ކޮންމެސް ތަނަކުން ނޫނީ ކިހިނެތް ކަންކަން ކޮށްދޭނީ؟ ދެން ނުކޮށްދީފިއްޔާ އަނެއްކާ ހަޅޭއްލަވަންވީ އަޅުގަނޑުމެން، އެހެންވީމަ ސަރުކާރަށް އެބަ މަޖުބޫރުވޭ ޓެކްސް ނަގަން ، އެ (ކަމަށް) މަޖުބޫރު ކުރުވަނީ ރައްޔިތުން،" އެނާ ވިދާޅުވި އެވެ.

އުއްޗު ވިދާޅުވީ، އާބާދީއާއި ނުބައްދަލު ތަރައްގީ ހޯދަން ރައްޔިތުން އެދޭ ކަމަށާއި، ވަރަށް ކުޑަ ކުޑަ އާބާދީއެއް އޮންނަ ރަށްރަށަށްވެސް ބޮޑެތި ޕްރޮޖެކްޓްތައް ހިންގަން ޖެހޭ ކަމަށެވެ. 1957 ވަނަ އަހަރު ރާއްޖޭގައި ހުރީ އެންމެ ޑޮކްޓަރެއް ކަމަށާއި، އެހެން ނަމަވެސް މިއަދު ކޮންމެ ހެލްތު ސެންޓަރެއްގައިވެސް ޑޮކްޓަރުން އެބަތިބިކަން ފާހަަގަ ކުރައްވާ އުއްޗު ވިދާޅުވީ، ހުރިހާ ހޮސްޕިޓަލަކާއި، ޑޮކްޓަރުން އެއްކޮށްލާއިރު، ސިންގަޕޯއަށްވުރެވެސް ބޮޑުވާނެ ކަމަށެވެ. އެކަމަކު ރަށްތައް ހުންނަ ގޮތުން އެކަން އެގޮތަށް ކުރަން ސަރުކާރަށް މަޖުބޫރުވަނީ ކަަމަށެވެ.

އުއްޗު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ކަމަކީ ކުރީގެ ސަރުކާރުތަކަށް ފާޑުކިއުން ކަމަށާއި، އެކަމަކު ރާއްޖެ މިހިސާބަށް އައިސްފައިމިވަނީ ކޮންމެ ސަރުކާރަކުންވެސް ރަނގަޅު ކަންތައްތަކެއްކޮށްދީގެން ކަމަށެވެ. އަދި ގައުމުގެ ދަރަނި ބޮޑުވެގެން ރައްޔިތުން ހަޅޭލަވާއިރު، އެކަމަށް މަގު ފަހި ކުރަނީވެސް ރައްޔިތުން ކަމަށް އުއްޗު ވަނީ ވިދާޅުވެފަ އެވެ.

އިންކަމްޓެކްސް ނަގަން ބައެއް ވިޔަފާރިވެރިން ދެކޮޅެވެ. މީގެ ކުރިން ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ވަނީ އެކަމާއި ދެކޮޅު ހައްދަވާފަ އެވެ. އެހެން ނަމަވެސް ރޭ ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ގާސިމް ވަނީ އެކަމަށް ތާއިދު ކުރާފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފަ އެވެ.