ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގާސިމު ވެރިކަމަށް ކުރިމަތިލެއްވީ މަޖުބޫރީ ހާލަތެއްގައި: ރައީސް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމު އިބްރާހިމު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ މަޖުބޫރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ގާސިމު ހުންނެވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގޮތަށް ނޫން ކަމަށެވެ. ނަމަވެސް ގާސިމުގެ އަރިހުގައި ތިއްބެވި ބޭފުޅުންގެ ހިޔާލު ތަފާތުވުމެއްގެ ސަބަބުން މަޖުބޫރިވީ ކަމަށް ގާސިމު އެމަނިކުފާނު އަރިހުގައި ވިދާޅުވި ކަމަށް ރައީސް ވިދާޅުވި އެވެ.

"ކައިރީގައި ތިއްބެވި ގާސިމަށް ލަފާ އަރުވާ ބޭފުޅުންގެ ވިސްނުން ތަފާތު ކަމަށް ވިދާޅުވި. އެހެންވީމާ މަޖުބޫރީ ހާލަތެއްގައޭ ތިމަންނަ މި ކުރިމަތިލަނީ. އެއީ ގާސިމު ވިދާޅުވާ ވާހަކައެއް،" ރައީސް ސޯލިހް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއާއެކު ގާސިމު މަސައްކަތްކުރުމުގެ ފުރުސަތު ނުލިބުނީ ވަކި ހާއްސަ އެއްބަސްވުމަކަށް އެއްބަސް ނުވެވިގެން ނޫން ކަމަށާއި އެމްޑީޕީގެ ސިޔާސަތުތަކާމެދު ގާސިމު ހިތްހަމަޖެހި ވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީ ކުރިއަށް އޮންނެވި ދައުރުގައި ވެސް މަސައްކަތްކުރާނީ އެމްޑީޕީއާއެކު ކަމަށް ލަފާ ކުރެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރައްޔިތުން ކޯލިޝަން ސަރުކާރަކަށް އާނބަސް ދިނުމުން، އެ ނިންމުން ދެމެހެއްޓުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި، އެމަނިކުފާނު މަސައްކަތް ކުރެއްވީވެސް އެގޮތަށް ކަމަށެވެ. އަދިވެސް މަސައްކަތް ކުރައްވާނީ ރައްޔިތުން ހޮވާފައިވާ ވެރިކަން އެގޮތުގައި ދެމެހެއްޓެވުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލު ތަފާތުވުން ހުރި ނަމަވެސް މަސައްކަތަށް ހުރަސް ނޭޅުއްވުމަށް ރައީސް ވަނީ އެދިވަޑައިގަންފަ އެވެ.