ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާއިން ރާއްޖޭގައި ކެންސަރު ހޮސްޕިޓަލެއް އަޅަނީ

އިންޑިއާ ސަރުކާރުގެ އެހީގައި ކެންސަރަށް ފަރުވާދޭ ހޮސްޕިޓަލެއް ރާއްޖޭގައި ގާއިމުކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

މޯދީ މިހެން ވިދާޅުވީ އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ވެފައިވާ މުހިންމު 4 އެއްބަސްވުމެއް ބަދަލުކުރުމަށް މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ވީޑިއޯ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޯދީ ވިދާޅުވީ އިންޑިއާއާއި ރާއްޖޭގެ ގުޅުން އެންމެ ބޮޑަށް އޮތީ ދެ ގައުމުގެ ފަރުދުންގެ މެދުގައިކަމަށާ އެހެން ކަމުން ރައްޔިތުންގެ ފައިދާއަށް އިންޑިއާގެ އެހީތެރިކަން އަބަދުވެސް އޮންނާނެ ކަމަށެވެ.

އެގޮތުން އިންޑިއާ ސަރުކާރުގެ އެހީގައި ކެންސަރަށް ފަރުވާދޭ ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަޝްރޫއުގެ އިތުރުން ހުޅުމާލޭގައި ކުރިކެޓް ސްޓޭޑިއަމެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވި އެވެ. އަދި 34 ރަށެއްގައި ފެނާ ނަރުދަމާ ނިޒާމު ގާއިމުކުރުމަށްވެސ އިންޑިއާ ސަރުކާރުން އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މުހިންމު ހަތަރު އެއްބަސްވުމެއް މިއަދު ވަނީ ބަދަލުކޮށްފައެވެ.

ދެ ގައުމުގެ ދެމެދު މިއަދު ބަދަލުކުރި އެއްބަސްވުންތަކުގެ ތެރޭގައި އައްޑޫ ސިޓީގެ ތިން ސަރަހައްދެއްގައި "ގޭދޮށު މަސް ޕްލާންޓް" ގާއިމުކުރުމުގެ އެއްބަސްވުމަކާއި ރުޕޭކާޑު ރާއްޖޭގައި ތައާރަފުކުރުމާ ބެހޭ އެއްބަސްވުމާއި، މާލޭގެ މަގުބައްތިތައް ލެޑް ބައްތިއަށް ބަދަލުކުރުމުގެ މަޝްރޫއު އިފްތިތާހުކުރުމުގެ އެއްބަސްވުމާއި، އިންޑިޔާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރާ ކަނޑު އުޅަނދު ރާއްޖެއާ ރަސްމީގޮތުން ހަވާލުކުރުމުގެ އެއްބަސްވުން ހިމެނެއެވެ.

ވީޑިއޯ ކޮންފަރެންސްކޮށް މިއަދު ބޭއްވެވި މި ރަސްމިއްޔާތަކީ ދިވެހި ސަރުކާރާ ދޭދޭ ގައުމެއްގެ ސަރުކާރަކާއެކު މިގޮތަށް ބޭއްވެވި ފުރަތަމަ ރަސްމިއްޔާތެވެ.