ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް 19: ސަރަހައްދީ މަޝްވަރާއަށް މޯދީ ދެއްވި ދައުވަތު ރާއްޖޭން ގަބޫލުކޮށްފި

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ދެކުނު އޭޝީއާ ސަރަހައްދުގެ ގައުމުތަކުގެ އިސްވެރިންގެ މެދުގައި ޓެލެ ކޮންފެރެންސްއެއް ބާއްވައި ސްޓެރެޓެޖީއެއް އެކުލަވާލަން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ދެއްވި ދައުވަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގަބޫލު ކުރައްވައިފި އެވެ.

އިންޑިޔާގެ ބޮޑުވަޒީރު މޯދީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރޯނާއާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ސާކްގެ ގައުމުގެ ވެރިން ގުޅިގެން ހަރުދަނާ ސްޓްރެޓެޖީއެއް އެކުލަވާލުމަށް ހުށަހަޅުއްވަން ވިސްނަމުން ގެންދަވާ ކަމަށެވެ. އަދި އެ ކަމަށްޓަކައި ވީޑިއޯ ކޮންފެރެންސްއެއް މެދުވެރިކޮށް ސާކްގެ ގައުމުތަކުގެ ވެރިންނާއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"ސާކްގެ ގައުމުތައް ގުޅިގެން މި ދުނިޔެއަށް މިސާލު ދެއްކޭނެ، އަދި ސިއްހީ ގޮތުން ދުޅަހެޔޮ ދުނިޔެއެއް ފޯރުކޮށް ދެވޭނެ," މޯދީ ވިދާޅުވި އެވެ.

އެ ޓްވީޓަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޯދީގެ ހުށަހެޅުއްވުމަށް ރާއްޖޭން މަރުހަބާ ދަންނަވާ ކަމަށާއި ކޮރޯނާ ވައިރަސްއާ ދެކޮޅަށް ސަރަހައްދީ ފެންވަރުގައި ކުރެވޭ ހުރިހާ މަސައްކަތަކަށް ރާއްޖޭގެ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި އެފަދަ ކަމަކަށް އިސްނެންގެވުމުން ރައީސް ވަނީ މޯދީއަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓުވީޓް

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް މިހާރު ވަނީ ދެކުނު އޭޝިއާގެ ގިނަ ގައުމުތަކުން ވެސް ފެނިފަ އެވެ. މި ގޮތުން ރާއްޖޭން އެ ވައިރަސްގެ އަށް ކޭސްއެއް ފެނުނުއިރު އިންޑިއާ އިން 75 ކޭސްއެއް ފެނި އެކަކު މަރުވެފައިވެ އެވެ. ޕާކިސްތާނުން 21 ކޭސްއެއް ފެނުނުއިރު ސްރީލަންކާ އިން ތިން ކޭސް އަދި ބަންގްލަދޭޝް އިން ވެސް ތިން ކޭސް ވަނީ ފެނިފަ އެވެ. ނޭޕާލް އާއި ބޫޓާން އިން ވެސް ކޭސްއެއް ފެނިފައިވާއިރު އަފްޣާނިސްތާނުން ހަތް ކޭސް ފެނިފައިވެ އެވެ.

ރާއްޖޭގައި ކޮރޯނާއަށް ފުރަތަމަ ޕޮޒިޓިވް ވީ ކުރެއްދޫ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފުންނެވެ. ފަހުން ޕޮޒިޓްވެފައިވަނީ ބަތަލާ ރިސޯޓްގެ އިޓަލީ ދެ ޓޫރިސްޓެކެވެ. އޭގެ ފަހުން ކުރެއްދޫން ދެ ޓޫރިސްޓަކު ޕޮޒިޓިވް ވެފައިވެ އެވެ. އެންމެ ފަހުން ވައިރަސް ފެނިފައިވަނީ ކުރަމަތި ރިސޯޓްގެ ދެ ޓޫރިސްޓެއްގެ ގައިންނެވެ. ކޮރޯނާގެ އަށް ކޭސްއެއް ފެނުމާ ގުޅިގެން ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ހާލަތެއް އިއުލާންކޮށްފަ އެވެ.