ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވަމުންދާ ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަންނަން އިންޑިއާއިން ފޯރުކޮށްދޭން އެހީތަކާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ މަޝްވަރާ ކުރައްވައިފި އެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހަށް ފޯނުން ގުޅުއްވައި ދެ ގައުމުގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކޮށް މި ހާލަތުން އަރައިގަންނަން މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
"އިންޑިއާ އަބަދުވެސް ހުންނާނީ އަދި ހާއްސަކޮށް މިފަދަ ދަތި ދަނޑިވަޅުތަކުގައި ތިބޭނީ އެ ގައުމުގެ ގާތް އަވަށްޓެރި އަދި އެކުވެރި ގައުމުތަކާ އެކުގައި މަސައްކަތް ކުރުމަށް،" މޯދީގެ ޓްވީޓްގައިވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ޓްވީޓެއް ކުރެއްވި އެވެ. ވިދާޅުވީ މޯދީއާ މިއަދު ހެނދުނު ފޯނުން ގުޅުއްވައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަންނަން އިންޑިއާއިން ރާއްޖެއަށް ދެވިދާނެ އެހީތެރިކަމާ ގުޅޭ ގޮތުން ވެސް ވާހަކަ ދެއްކެވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި އިންޑިއާއިން ވަނީ ރާއްޖެއަށް ތިން މަހަށް ބޭނުންވާ ޒަރޫރީ ބައެއް ބޭސްތައް ހަދިޔާ ކޮށްފަ އެވެ. އަދި އެ ގައުމުން އެކްސްޕޯޓް ކުރުން ހުއްޓާލާފައިވާ ބައެއް ބޭސްތަކާއި ކާބޯތަކެތި ރާއްޖެ ގެނައުމުގެ ހުއްދަ ވެސް ވަނީ ދީފަ އެވެ.
އިންޑިއާގެ ބޮޑު ވަޒީރު މޯދީގެ އިސްނެންގެވުމުގެ މަތިން ދެކުނު އޭޝިއާގެ ގައުމުތަކުން ކޮވިޑް-19 އިން އަރައިގަންނަން ރިލީފް ފަންޑެއް ވެސް ހުޅުވި އެވެ. އެ ފަންޑަށް އިންޑިއާ އިން 10 މިލިއަން އެމެރިކާ ޑޮލަރު ދޭން ނިންމިއިރު، ރާއްޖޭން ދޭން ނިންމާފައި ވަނީ ދެ ލައްކަ ޑޮލަރެވެ. ދެކުނު އޭޝިއާގެ އެހެން ގައުމުތަކުން ވެސް އެ ފަންޑަށް ފައިސާ ޖަމާ ކުރަން ނިންމާފައިވެ އެވެ.
ރާއްޖޭން މިހާތަނަށް 52 މީހަކު ކޮވިޑް-19 ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި އިންޑިއާގެ ދެ މީހަކުވެސް ހިމެނެ އެވެ. އެއީ މާލެ ސަރަހައްދުން ފެނުނު ދެ ކޭސްއެކެވެ. އިންޑިއާ އިން މިހާތަނަށް 17,615 މީހަކު އެ ބައްޔަށް ޕޮޒިޓިވްވިއިރު 559 މީހަކު ވަނީ މަރުވެފަ އެވެ.