ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިވެހި އިންޑިއާގެ ގުޅުން

މި ހާލަތުގައި އިންޑިއާ ވެފައިވަނީ ތެދުވެރި އެކުވެރިއަކަށް: ރައީސް

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި އަވައްޓެރި އިންޑިއާއިން ވެފައި ވަނީ ރާއްޖޭގެ ތެދުވެރި އެކުވެރިއެއްގެ ގޮތުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި 580 ޓަނުގެ ކާބޯތަކެއްޗާއެކު އިންޑިއާގެ މަނަވަރެއް މިއަދު މާލެ ވިޔަފާރި ބަނދަރަށް އައިސް ބަނދަރުކޮށްފައިވެ އެވެ. އޭގައި 200 ޓަނުގެ ހަނޑޫއާއި، 140 ޓަނުގެ ގޮދަން ފުށާއި، 90 ޓަނުގެ ހަކުރާއި، 120 ޓަނުގެ ރީނދޫ މުގާއި، 26 ޓަނުގެ ފިޔާ އާއި، 14 ޓަނުގެ އަލުވި ހިމެނެ އެވެ.

ރައީސް ސޯލިހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މި ދަތި ދަނޑިވަޅުގައި އިންޑިއާއިން ހަދިޔާކޮށްދީފައިވާ ޒާރޫރީ ކާބޯތަކެތީގެ ސަބަބުން ރާއްޖެއަށް ވަރަށް އެހީތެރިކަމެއް އަދި ލުޔެއް ލިބިފައިވާ ކަމަށެވެ. އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާއި އެ ގައުމުގެ ރައްޔިތުންނަށް ރައީސް ޝުކުރު އަދާ ކުރެއްވި އެވެ.

"ކުރިމަތިވެފައި މިވާ ކޮވިޑް-19 ގެ ކްރައިސިސްގައި އިންޑިއާ ވެފައި ވަނީ ރާއްޖޭގެ ތެދުވެރި އެކުވެރިއަކަށް،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި އިންޑިއާއިން ވަނީ ރާއްޖެއަށް ތިން މަހަށް ބޭނުންވާ ޒަރޫރީ ބައެއް ބޭސްތައް ހަދިޔާ ކޮށްފަ އެވެ. އަދި އެ ގައުމުން އެކްސްޕޯޓް ކުރުން ހުއްޓާލާފައިވާ ބައެއް ބޭސްތަކާއި ކާބޯތަކެތި ރާއްޖެ ގެނައުމުގެ ހުއްދަ ވެސް ވަނީ ދީފަ އެވެ. އެ ގައުމުން ޑޮކްޓަރުންގެ ޓީމެއް ވެސް ރާއްޖެއަށް ފޮނުވާފައިވެ އެވެ.

މި ބަލިމަޑުކަމުގެ ހާލަތުގައި ޗައިނާއާއި ބަންގްލަދޭޝްއާއި އެމެރިކާ ފަދަ ގައުމުތަކުން ވެސް ވަނީ ރާއްޖެއަށް ބޭނުންވާ ސިއްހީ ވަސީލަތްތައް ފޯރުކޮށްދީފަ އެވެ.