ކޮވިޑް-19 އާއި ގުޅިގެން އިންޑިއާއަށް ކުރިމަތިވެފައިވާ ހާލަތާ މެދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކަންބޮޑުވެވަޑައިގެންފި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޓެގް ކުރައްވާ ރައީސް ސޯލިހް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އިގެ އިތުރު ރާޅަކާއެކު އިންޑިއާއަށް ކުރިމަތިވެފައިވާ ހާލަތާ މެދު ހިތާމަ ކުރައްވާ ކަމަށާއި އަދި ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.
ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެ ގައުމުގެ އިދާރާތަކުން ކުރަމުންދާ މަސައްކަތުގައި ދިވެހި ރައްޔިތުން ސާބިތުވެ ތިބިކަން ފާހަގަ ކުރައްވާ ރައީސް ސޯލިހް ވަނީ ހިތްވަރު ދެއްވާފަ އެވެ.
ކޮވިޑް-19 އާއި ގުޅިގެން އިންޑިއާއިން ދަނީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަކަށް އެ ގައުމުގައި އުފައްދާފައިވާ ކޮވިޝީލްޑްގެ އެތައް މިލިއަން ޑޯޒެއް ހަދިޔާ ކުރަމުންނެވެ. ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިވުމުގެ ގޮތުން މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ރާއްޖޭގައި ވެކްސިން ޕްރޮގްރާމް ފެށީ ވެސް އިންޑިއާ އިން ހަދިޔާކުރި ކޮވިޝީލްޑްގެ އެއް ލައްކަ ޑޯޒާއެކު އެވެ.
އެކަމަކު އިންޑިއާއަށް މިހާރު ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ކޮވިޝީލްޑް ވެކްސިން ގައުމުތަކަށް ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ އިޝާރާތްތަކެއް ބައެއް ފަރާތްތަކުން ގެންދަނީ ކުރަމުންނެވެ.
ކޮވިޑް-19 އިގެ އިތުރު ރާޅަކާއެކު އިންޑިއާގައި ހަލުއިކަމާ އެކު ދަނީ މިބަލި ފެތުރެމުންނެވެ. އެ ގައުމުގައި ދުވާލަކު ބަލި ޖެހޭ މީހުންގެ އަދަދު ވެސް މިހާރު އެވްރެޖުކޮށް އުޅެނީ ތިންލައްކައިން މަތީގަ އެވެ. އިންޑިއާގައި ކޮވިޑް-19 އަށް މިހާތަނަށް 18 މިލިއަނަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު ދެ ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ އެ ބަލީގައި މަރުވެފަ އެވެ.