ހަބަރު

ރަށްތަކުގެ ވަރުވާ މިމަހުގެ ނިޔަލަށް ދައްކަން އަންގައިފި

ފިޝަރީޒް މިނިސްޓްރީން ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށުގެ ވަރުވާ މިހިނގާ ޑިސެމްބަރު މަހުގެ ނިޔަލަށް ދައްކަން އެ މިނިސްޓްރީން އަންގައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށުގެ 2020 ވަނަ އަހަރުގެ ވަރުވާ ދެއްކުން ޑިސެމްބަރު މަހުގެ ނިޔަލަށް ހަމަވާތީ، 31 ޑިސެމްބަރުގެ ކުރިން މި ފައިސާ ދައްކަން ހަދާން ކޮށްދޭ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، ފަޅު ރަށްރަށުގެ ވަރުވާ ދައްކަންވާނީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ކަމަށާއި، ވަރުވާ ދައްކަންދާއިރު ރަށް ލިޔެދީފައިވާ ފަރާތުގެ އައިޑީކާޑު ނުވަތަ ކާޑުގެ ކޮޕީ އެއް ގެންދަންޖެހޭނެ ކަމަށެވެ. އަދި ފަޅުރަށްރަށުގެ ވަރުވާ އެރަށެއް ހިމެނޭ އަތޮޅެއްގެ އަތޮޅު ކައުންސިލުންވެސް ބަލައިގަންނާނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

2020 ވަނަ އަހަރުގެ ވަރުވާ ދެއްކުމުގެ މުއްދަތު ހަމަވާއިރު ރަށަށް ދައްކަންޖެހޭ ވަރުވާ ނުދައްކާ ފަރާތްތަކާމެދު، އެއްބަސްވުމުގައިވާ ގޮތުގެ މަތިން އަމަލުކުރާނެކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.