ވިޔަފާރި

މީރާގެ މުވައްޒަފުން ފިޔަވައްޗަށް 65،000 ރުފިޔާގެ ހަދިޔާއެއް

Dec 6, 2019

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މުވައްޒަފުންގެ ފަރާތުން، ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް 65،000 ރުފިޔާ ހަދިޔާ ކޮށްފި އެވެ.

މީރާ އިން ބުނީ މި ފައިސާއަކީ ފިޔަވައްޗަށް ބޭނުންވާ ކްލާސްރޫމެއް ހެދުމަށް މީރާގެ މުވައްޒަފުން ދިން ފައިސާ ހަދިޔާއެއް ކަމަށެވެ. މިއީ، މީރާގެ މުވައްޒަފުން ކޮންމެ އަހަރަކު ވެސް ހިންގަމުންދާ އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ބައެކެވެ.

އިއްޔެ ހަވީރު ފިޔަވަތީގައި ބޭއްވި މި ހަރަކާތުގައި މީރާގެ މުވައްޒަފުން ވަނީ ފިޔަވަތީގައި ތިބި ކުދިންނާއެކު، އެކި ކުޅިވަރުތައް ހިމެނޭ ގޮތަށް، އުފާވެރި ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންގޮސްފަ އެވެ. މި ހަރަކާތުގައި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް އާއި ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އަސްމާ ޝަފީއުގެ އިތުރުން މީރާގެ ގިނަ މުވައްޒަފުން ބައިވެރިވެފައިވެ އެވެ. މީގެ އިތުރުން ފިޔަވަތީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޒީނާ ގާސިމް އާއި ފިޔަވަތީގެ މުވައްޒަފުން ބައިވެރިވި އެވެ.

މީރާގެ ކޮމިޝަނަރު ޖެނެރަލް ފަތުހުﷲ ޖަމީލް ވިދާޅުވީ މި ފަދަ ހަރަކާތްތަކަކީ މީރާގެ މުވައްޒަފުންގެ އަމިއްލަ ޖީބުން ހަރަދުކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި އިޖުތިމާއީ މިފަދަ ގިނަ ހަރަކާތްތައް މީރާ ކްލަބުންނާއި މީރާގެ މުވައްޒަފުން ކޮންމެ އަހަރަކު ވެސް ރާވައި ހިންގަމުން ގެންދާ ކަމަށެވެ. ކޮމިޝަނަރގެ ވާހަކަފުޅުގައި ފިޔަވަތީގެ މުވައްޒަފުން ކުރައްވާ މުހިއްމު އަދި ބުރަ މަސައްކަތް ފާހަގަކުރައްވައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވި އެވެ.

މި ހަފުލާގައި ފިޔަވަތީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޒީނާ ގާސިމް ވާހަކަފުޅުގައި، މީރާގެ މުވައްޒަފުންގެ ފަރާތުން ކޮންމެ އަހަރަކު ވެސް ލިބިގެންދާ އެހީތަކަކީ މިފަދަ ތަންތަން ހިންގުމަށް ލިބިގެންދާ ވަރަށް ބޮޑު އެހީތެރިކަމެއްކަން ފާހަގަކުރައްވައި މީރާގެ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެން މުއައްސަސާތަކުން ވެސް މިފަދަ ހަރަކާތްތައް ކުރިއައް ގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.