އެމްއާރުއެމް

އެޗްއާރުސީއެމްގެ އިހުމާލުތަކަށް ފިޔަވަޅު އަޅަން އެމްއާރުއެމް ގޮވާލައިފި

އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި ވޭތުވެދިޔަ ތަނުގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހުށަހެޅި ޝަކުވާތަކުގައި ހައްގުތަކަށް އަރައިގަނެފައިވާ މީހުންގެ މަސްހަލަތުގައި އެ ކޮމިޝަނުން އަމަލު ކުރި ކަމަށާއި އެ އިހުމާލުތައް ބަލައި ފިޔަވަޅު އަޅަން ގޮވާލާ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފި އެވެ.

ވެރިކަން ކުރާ ކޯލިޝަންގެ އެއް ބައިވެރިޔާ، އެމްއާރުއެމް އިން އެ ގޮތަށް ގޮވާލީ ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވާ އުފެއްދެވި އެމްއާރުއެމް އިން ނެރުނު ނޫސް ބަޔާނުގައި ވަނީ ގާނޫނު އަސާސީގެ ދެވަނަ ބާބުން ކަށަވަރު ކޮށްދީފައި ހުރި އަސާސީ އިންސާނީ ހައްގުތަކަށް މިދިޔަ ސަރުކާރުން އަރައިގަނެފައިވާ ކަމަށާއި އެޗްއާރުސީއެމް އިން ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބުނެ މިދިޔަ ސަރުކާރަށާއި އެޗްއާރުސީއެމަށް ވަރަށް ބޮޑަށް ފާޑިކިޔައިފަ އެވެ.

މައުމޫންގެ ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫންގެ އިތުރުން ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ހައްޔަރުކޮށް ޖަލު ބަންދުގައި ބެހެއްޓި އެވެ. އޭރު އެ ކަމާ ގުޅިގެން އެތައް ޝަކުވާއެއް އެޗްއާރުސީއެމަށް އާއިލާގެ ފަރާތުން ހުށަހެޅުނެވެ.

އެމްއާރުއެމްގެ ބަޔާނުގައި އެ ކަމަށް އިޝާރާތްކޮށް ބުނެފައި ވަނީ އެ ޕާޓީގެ ލީޑަރުންނައި ގިނަ އަދަދެއްގެ ސިޔާސީ ފަރާތްތަކަށް ޖަލުގައި ދެމުން ދިޔަ ލާއިންސާނީ އަނިޔާއާއި ބޭއިންސާފު ޝަރީއަތްތަކާ މެދު އެޗްއާރުސީއެމްގައި ހުށަހެޅުނު ޝަކުވާތައް ނިމިގެން ދިޔަ ހައްގުތައް ނިގުޅައިގަތުމުގެ އަމަލު ހިންގި ސިޔާސީ ފަރާތްތަކުގެ މަސްހަލަތުގައި ކަމަށެވެ.

އެހެންކަމުން އެޗްއާރުސީއެމް އިން ނިންމާފައިވާ ބޭއިންސާފު ނިންމުންތަކާއި އިހުމާލުތަކުގެ މައްސަލަތައް ބަލައި ހައްގުތައް ގެއްލުނު ފަރާތްތަކަށް އިންސާފު ހޯދައި ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކަމުގައި އެ ޕާޓީން ދެކޭ ކަމުގައި ބަޔާނުގައި ބުނެފައިވެ އެވެ.

"އިންސަނީ ހައްގުތަކަށް އަރައިގަތުމަކީ އެފަދަ ކަންކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް ނަޅާއި އިހުމާލުވުމަކީ އާދައިގެ ކަމެއް ގޮތުގައި އޮތް އޮތުން ބަދަލުކޮށް އިންސާނީ ހައްގުތަށް ރައްކާތެރި ކުރާނެ ކަމުގެ ކަށަވަރު ކަމާއި، ގެއްލިދިޔަ އިތުބާރު އަލުން ގާއިމު ކުރެވޭނީ ފާއިތުވެދިޔަ ތަނުގައި އެޗްއާރުސީއެމްއިން ހިންގި އިހުމާލުގެ އަމަލުތައް ރަނގަޅަށް ބެލި ހައްގު ގެއްލުނު ފަރާތްތަކަށް އިންސާފު ލިބިގެންނެވެ." އެމްއާރުއެމްގެ ބަޔާނުގައިވެ އެވެ.

އެޗްއާރުސީއެމް އިން އެފަދަ އިހުމާލުތައް ވުމަކީ އެއްވެސް ގޮތަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަން ހުރިހާ އަމަލެއްގައި ވެސް ސާބިތުކޮށްދިނުމަށް ދައުލަތުގެ ކަމާ ބެހޭ ހުރިހާ މުއައްސަސާއަކަށާއި ސަރުކާރަށް އިލްތިމާސްކުރާ ކަމަށް އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރަށް ބަޔާނުގައި ބުނެފައި ވަނީ، އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ސިޔާސީ ޕާޓީތަކުންނާއި އާންމު ރައްޔިތުން ސަރުކާރަށް އެއްބާރުލުން ދިނުމަށް އެ ޕާޓީން ގޮވާލާ ކަމަށެވެ. އަދި އާންމު ރައްޔިތުން ވެސް ފަރުދީ ޒިންމާތައް އަދާ ކުރުމަށް ގޮވާލާ ކަމަށެވެ.