ސިޔާސީ ޕާޓީތައް ގުޅިގެން ފެށި މަސައްކަތް ކާމިޔާބުވީނަމަވެސް އިސްލާހުކުރަން ނިކުތް ގިނަ ކަންކަން އަދިވެސް ކުރެވިފައިނުވާ ކަމަށް މޯލްޑިވްސް ރިފޯމް މޫވަމަންޓް (އެމްއާރްއެމް) އިން ބުނެފި އެވެ.
އެމްއާރްއެމްއިން މިހެން ބުނެފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފާރިސް މައުމޫން ޖަލަށްލީތާ ތިން އަހަރު ފުރުމާއި ގުޅިގެން މިއަދު ކޮށްފައިވާ ޓްވީޓްތަކެއްގަ އެވެ.
"މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި، މެންބަރެއްގެ ހައިސިއްޔަތުން ފާރިސް މައުމޫން ކުރައްވަމުން ގެންދެވި އިސްލާހީ މަަސައްކަތްތައް ހުއްޓުވުމަށް، އޭރުން އޮތް ހުދުމުހުތާރު ސަރުކާރުން ގާނޫނުގެ ބޭރުން ފާރިސް ހައްޔަރުކޮށް ޖަލަށްލީތާ ތިން އަހަރު ފުރުނު ދުވަސް،" އެމްއާރްއެމްގެ ޓްވީޓްގައި ވެއެވެ.
އެ ޕާޓީން ބުނީ ގައުމަށްޓަކައި ފާރިސް ކޮށްދެއްވި މަސައްކަތްތައް މިއަދު ވެސް ގިނަ ބަޔަކު ބަލައިގަންނަ ކަމަށެވެ. ފާރިސް މައުމޫން އިސްވެ ހުންނަވާ މަޖިލީސް ތެރެއިން ފެއްޓެވި އިސްލާހީ މަސައްކަތުގައި ވަރަށް ގިނަ ބަޔަކު ބައިވެރިވި ކަމަށާ އެތައް ގުރުބާނީތަކެއް ވެސް ވެފައިވާ ކަމަށެވެ.
އެ މަސައްކަތަކީ ވަރަށް ގިނަ ބަޔަކު އެކުގައި ކުރަން ފެށި މަަސައްކަތެއް ކަމަށާ އެ މަސައްކަތަށް ކާމިޔާބު ލިބުނު ނަމަވެސް އެ ދުވަހު އިސްލާހު ކުރަން ނުކުތް ގިނަ ކަންކަން އަދިވެސް އިސްލާހު ކުރެވިފައި ނުވާ ކަމަށް އެޕާޓީން ބުންޏެވެ.
"އަދިވެސް ވަރަށް ގިނަ މަސައްކަތް ކުރަން އެބަހުރި،"
ފާރިސްގެ ބޮޑުބޭބޭފުޅު، ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ފާރިސް ވަނީ ރައްޔިތުންގެ މަޖިލީހުގައި އޭރުގެ އިދިކޮޅު މެންބަރުންނާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އެ މަސައްކަތްތަކުގެ ސަބަބުން ހުކުމެއް ނެތި އަހަރަކަށް ވުރެ ގިނަ ދުވަހު ފާރިސް ވަނީ ޖަލުގައި ހޭދަ ކުރަން ޖެހިވަޑައިގެންފަ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް މައުމޫނާއި، ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމު ވެސް ޖަލަށްލެއްވި އެވެ. އެ ދެ ބޭފުޅުން ވެސް ވަނީ އަށް މަހަށްވުރެ ގިނަ ދުވަސް ޖަލުގައި ހޭދަ ކުރައްވާފަ އެވެ. އެ ބޭފުުޅުން މިނިވަންވީ ރިޔާސީ އިންތިހާބުން ރައީސް ޔާމީނަށް ނާކާމިޔާބީއާ ކުރިމަތިވުމުން ސަރުކާރުގެ ބާރުތައް ގެއްލުމުންނެވެ.