ޔުމްނާ މައުމޫން

އިބޫ، މައުމޫންގެ އާއިލާއާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އާއިލާއާ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ބައްދަލު ކުރައްވައިފި އެވެ.

އިބޫގެ ކެމްޕޭން ހެޑްކުއާޓަރުގައި މިއަދު ބޭއްވި އެ ބައްދަލު ކުރެއްވުމުގައި ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމާއި ދަރިކަނބަލުން ޔުމްނާ މައުމޫން އަދި ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމް ބައިވެރިވެވަޑައިގަތެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ޔުމްނާ ވިދާޅުވީ، އިބޫއަށް މަރުހަބާ ކިޔައި، ރައީސް މައުމޫންއާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެ ކަމަށެވެ. ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުން ރައީސް މައުމޫން ގޭބަންދަށް ނިންމާފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް ވެސް އެކަން ކޮށްފައިނުވާ ކަމަށް ޔުމްނާ ވިދާޅުވި އެވެ.

ރައީސް މައުމޫން ގޭބަންދަށް ބަދަލުކުރަން ކަރެކްޝަނަލް ސާވިސްއިން ނިންމާފައިވާ ކަމަަށް ސޯޝަލް މީޑިއާގައި އަޑު ފެތުރެ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އެ އިދާރާގެ ރަސްމީ ބަހެއް ނެތެވެ. އަދި ރައީިސް މައުމޫންގެ ވަކީލުން ވެސް އެކަން ކަށަވަރެއް ނުކޮށްދެ އެވެ.

ކުރީގެ ރައީސް މައުމޫންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ ހޯދަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރި އެވެ. ނަމަވެސް އެމަނިކުފާނަކީ ހުކުމެއް ތަންފީޒު ކުރައްވަމުންދާ ބޭފުޅެއް ކަމަށް ބުނެ ކުރިމިނަލް ކޯޓުން ބަންދާމެދު ގޮތެއް ނުނިންމި އެވެ. ރައީސް މައުމޫންގެ މައްސަލަ ހައިކޯޓަށް ވެސް ހުށަހަޅާފައިވާއިރު މިހާތަނަށް އަޑުއެހުމެއް ނުބާއްވަ އެވެ.

އިބޫގެ ވެރިކަމެއްގައި ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން މިނިވަން ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.