ދުނިޔެ

އިޒްރޭލުގެ ރަށްވެހިކަން ދޫކޮށްލާ މީހުންގެ ނިސްބަތް 56 ޕަސެންޓް މައްޗަށް

އިޒްރޭލުހެ މީޑިއާ ރިޕޯޓްތަކުގައިވާ ގޮތުން މިދިޔަ އަހަރު ރަށްވެހިކަން ދޫކޮށްލުމަށް ހުށަހެޅި އިޒްރޭލުގެ ރައްޔިތުންގެ ޖުމްލަ 765 އަށް އަރާއިރު މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 65 ޕަސެންޓްގެ އިތުރު އަދަދެކެވެ. ހިސާބުތައް ދައްކާ ގޮތުން 2013 ވަނަ އަހަރު ޕާސްޕޯޓް ދޫކޮށްލަން ހުށަހެޅި މީހުންގެ އަދަދަކީ 478 ކެވެ.

އިޒްރޭލުގެ ރަސްމީ ފަރާތްތަކުން ވަނީ ރަށްވެހިކަން ދޫކޮށްލަން ހުށަހެޅި މީހުންގެ ތެރެއިން މިދިޔަ އަހަރު 635 މީހެއްގެ ފޯމުތައް ބަލައިގެން އެމީހުން އިޒްރޭލުގެ ރަށްވެހިކަމުން ދޫކޮށްލައިފަ އެވެ.

މިގޮތަށް އިޒްރޭލުގެ ރަށްވެހިކަން ދޫކޮށްލަން ހުށަހަޅާ ގިނަ މީހުންނަކީ އިޒްރޭލު ދޫކޮށް ޔޫރަޕްގެ ގައުމުތަކާއި އެމެރިކާގައި ވަޒަންވެރިވަމުންދާ ފަރާތްތަކެވެ.

ރިޕޯޓްގައި ބުނެފައި ވަނީ ގިނަ މީހުން އެމީހުންގެ އިޒްރޭލީ ޕާސްޕޯޓް ދޫކޮށްލާފައި ވަނީ ދުވަހަކު ވެސް އިޒްރޭލަށް އެނބުރި ނުދާން ނިންމާފައިވާތީ އެވެ. އިޒްރޭލުގެ ޕާސްޕޯޓް ދޫކޮށްލި ގިނަ މީހުންނަކީ މިހާރު އެމެރިކާ އާއި ޖަރުމަނާއި އޮސްޓްރިއާ އަދި އިނގިރޭސި ވިލާތާއި ނެދަލެންޑްސްގައި މިހާރު ރަށްވެހިވެފައި ތިބި މީހުންނެވެ.

އިޒްރޭލުގެ ޕާސްޕޯޓަކީ ބައެއް ގައުމުތަކުގައި ބޮޑު މައްސަލައަކަށް ވެސް ވެފައި އޮންނަ އެއްޗެކެވެ.

އެގޮތުން ގިނަ މުސްލިމު ގައުމުތަކުން އިޒްރޭލުގެ ޕާސްޕޯޓް ބަލައެއް ނުގަނެ އެވެ. އިޒްރޭލުގެ ޕާސްޕޯޓް ގަބޫލުނުކުރާ، މުސްލިމުންގެ ބާރުގަދަ ގައުމުތަކުގެ އަދަދު 20 އަށް އަރަ އެވެ.