ދުނިޔެ

09 އަހަރަށް ފަހު ތުރުކީގައި ފުރަތަމަ ފަހަރަށް ފައްޅި އަޅަނީ

އިސްތަންބޫލްގެ ޔެސިލްކޫއިގައި ފައްޅިއެއް އެޅުމުގެ ހުއްދަ ދީފައިވާއިރު މިއީ އުސްމާނީ ހިލާފަތު ނިމުމަކަށް އައިފަހުން މިފަދަ ފައްޅިއަކަށް ތުރުކީގެ ވެރިން ހުއްދަ ދިން ފުރަތަމަ ފަހަރެވެ. އުސްމާނީ ހިލާފަތު ނިމުމަކަށް އައީ 1923ގަ އެވެ. އޭގެ ފަހުން މިހާރު 92 އަހަރުވީ އެވެ.

"މިއީ ޖުމްހޫރިއްޔަތެއް ގާއިމުކުރި ފަހުން ތުރުކީގައި ފައްޅިއެއް އަޅަން ހުއްދަ ދިން ފުރަތަމަ ފަހަރު،" ތުރުކީ ސަރުކާރުގެ އޮފިޝަލަކު އޭއެފްޕީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވެ އެވެ.

"ކުރިން ހުރި ފައްޅިތައް އަލުން މަރާމާތުކުރުމަށް ފަހު އާންމުންނަށް ހުޅުވާފައިވޭ. އެކަމަކު މުޅިން އަލަށް، މިގޮތަށް ފައްޅިއެއް އަޅާފައެއް ނުވޭ. މިއީ އެކަމަށް ހުއްދަ ދިން ފުރަތަމަ ފަހަރު."

ތުރުކީ އަކީ ކުރިން ނަސޯރާއިންގެ ބޮޑު އާބާދީއެއް އޮތް ގައުމަކަށް ވިޔަސް މިހާރު އެގައުމުގެ އާބާދީގެ 99 ޕަސެންޓަކީ މުސްލިމުންނެވެ. ރަސްމީކޮށް އެހެން ދީންތަކަށް ތުރުކީގައި ފުރުސަތު ދީފައި އޮތް ނަމަވެސް އެގައުމުގެ އިސްލާމީ ސަރުކާރުން ބާރުގެ ބޭނުންކޮށް މުޅި ގައުމު މުސްލިމުންނަށް ހާއްސަ ގައުމަކަށް ހަދަން އުޅޭ ކަމުގެ ފާޑުކިޔުންތައް މިފަހުން ސަރުކާރަށް އަމާޒުވެފައިވެ އެވެ.

ތުރުކީގައި ޒަމާނުއްސުރެ ދިރިއުޅެމުން އަންނަ ނަސޯރާއިންގެ ދަރިކޮޅު ކަމުގައިވާ ސީރިއެކް ދަރިކޮޅުގެ މިހާރުގެ އާބާދީ އަކީ ގާތްގަނޑަކަށް 20،000 އެވެ.

އެކި ދަރިކޮޅުތަކާ އެކު ނަސޯރާއިންގެ ރަސްމީ އާބާދީ ތުރުކީގައި އުޅެނީ 160،000 އަށް ވުރެ މަތީގަ އެވެ. ގަވާއިދުން ހިންގާ ފައްޅީގެ އަދަދު 349 ކަށް އަރަ އެވެ.

ތުރުކީން ނަސޯރާ އިން ފައްސާލަން އުޅޭ ކަމުގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު އެގައުމުގެ ވަރަށް ގިނަ ނަސޯރާ ފައްޅިތައް މުސްލިމުންނަށް ހާއްސަ މިސްކިތްތަކަށް ބަދަލުކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ. މިސްކިތްތަކަށް ބަދަލުކޮށްފައިވާ ފައްޅިތަކުގެ އަދަދު ވިއްސަށް އަރާއިރު ވަރަށް ގިނަ ފައްޅިތަކެއް ވީރާނާވެ ގޮސްފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.

ކުރިން ތުރުކީ އަކީ ނަސޯރާއިންގެ 20 ޕަސެންޓް އާބާދީއެއް އޮތް ގައުމެކެވެ.