ދުނިޔެ

އިޒްރޭލު ސިފައިން ކޯޓަކަށް ނުގެންދެވޭނެ: ނަތަންޔާހޫ

އިޒްރޭލުން މިދިޔަ އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގަމުން ދިޔަ އިންސާނިއްޔަތާ ހިލާފު އަމަލުތައް ބަލައިދިނުމަށް ފަލަސްތީނުގެ ރަސްމީ ފަރާތްތަކުން އައިސީސީގައި އެދިފައިވާއިރު ފަލަސްތީނުން ވަނީ މި ކޯޓުގެ މެމްބަރުކަން ހޯދުމަށް ވެސް ލިޔެކިޔުން ހުށަހަޅައިފަ އެވެ.

ނަމަވެސް ނަތަންޔާހޫ ވިދާޅުވަނީ އިޒްރޭލު ސިފައިން ގޮވައިގެން އެއްވެސް މީހަކަށް އެއްވެސް ކޯޓަކަށް ނުދެވޭނެ ކަމަށެވެ.

"އަހަރެމެން އެ ފުރުސަތެއް ނުދޭނަން. އިޒްރޭލުގެ ސިފައިންނާއި އިސް އޮފިސަރުން ކުށްވެރިންނާ ބެހޭ ބައިނަލްއަގުވާމީ ކޯޓަކަށް ނުގެންދެވޭނެ،" ކެބިނެޓްގެ މި ހަފުތާގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވެފައި ވަނީ މިހެންނެވެ.

ފަލަސްތީނުން އިޒްރޭލުގެ މައްސަލަ އައިސީސީ އަށް ހުށަހެޅުމުން އިޒްރޭލުގެ އެންމެ އެކުވެރި އެމެރިކާ އިން ވެސް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

ތަޖުރިބާކާރުން ބުނަނީ އައިސީސީ އިން ފަލަސްތީނުގެ މައްސަލަ ގަބޫލުކޮށް ތަހުގީގު ފަށައިފި ނަމަ ގާޒާއާ ދެކޮޅަށް އިޒްރޭލުން 50 ދުވަސް ވަންދެން ހިންގި އަސްކަރީ ހަރަކާތުގެ ހަގީގަތް ހާމަވެ އެމީހުން ކުށްވެރިވާނެ ކަމަށެވެ. އިޒްރޭލުގެ އެ އުދުވާނުގައި ގާޒާ އިން ފަލަސްތީނުގެ 2،000 އަށް ވުރެ ގިނަ މީހުން މަރާލާފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ އާންމުންނެވެ.

އައިސީސީ އަށް މައްސަލަ ހުށަހެޅިކަން އެނގުނު ހިސާބުން ފެށިގެން އިޒްރޭލުން ވަނީ ފަލަސްތީނު ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް ވެސް އާންމުކޮށްފަ އެވެ.

އިޒްރޭލުގެ އޮފިޝަލުން ވިދާޅުވަނީ މި ފައިސާ ހިފެހެއްޓީ ކޯޓުގެ މެމްބަރުކަން ހޯދަން ފަލަސްތީނުން ހުށަހަޅާފައިވާތީ އެކަމުގެ އަދަބެއްގެ ގޮތުން ކަމަށެވެ.

މި 127 މިލިއަން ޑޮލަރަކީ އިޒްރޭލު މެދުވެރިކޮށް ފަލަސްތީނަށް އެތެރެކުރާ މުދަލާއި ތަކެތިން ނަގާ ކަސްޓަމް ޑިއުޓީ އާއި ޓެކްސްގެ ފައިސާ އެވެ. މި ފައިސާގެ ކަންތައް ވެސް ބަލަހައްޓާ ރަސްމީ ފަރާތަކީ އިޒްރޭލެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފައިސާ ކުރިން އޮތީ މިދިޔަ ހުކުރު ދުވަހު ފަލަސްތީނު ސަރުކާރާ ހަވާލުކުރާ ގޮތަށެވެ. ނަމަވެސް އިޒްރޭލުން މިހާރު ބުނަނީ އައިސީސީއާ ދިމާލަށް ފަލަސްތީނުގެ ވިސްނުން ގެންދާ ނަމަ ފައިދާ ފޯރުކޮށް ނުދޭނެ ކަމަށެވެ.

"ކަސްޓަމާއި ޓެކްސް އިން އަޅުގަނޑުމެންނަށް ލިބެން ޖެހޭ ފައިސާ ވެސް ނަގަނީ އިޒްރޭލުން. އެމީހުން އެ ފައިސާ ފޯރުކޮށް ނުދޭ ނަމަ މި މަހު ފަލަސްތީނުގެ ރައްޔިތުން ތިބެން ޖެހޭނީ ނުކައި. ސްކޫލާއި ހޮސްޕިޓަލުގެ ބިލުތައް ނުދައްކައި،" ފަލަސްތީނުގެ ސުލްހައިގެ އިސް މަންދޫބު ސާއިބު އުރޭގާތު ވިދާޅުވީ މިހެންނެވެ.